ޚަބަރު

ރަޙްމަތްތެރިކަމުގެ ގުޅުން އުފެދި އާލާވާން ވާނީ އީމާންކަމާއި އިޙްސާންތެރިކަމުގެ މަގުން : ޚުޠުބާ


ރަޚްމަތްތެރިކަމުގެ ގުޅުން އުފަންވެ އާލާވާންޖެހޭނީ އީމާންކަމާއި، އިޙްސާންތެރިކަމުގެ މަގުންކަމަށާއި، މި ބިންގަލުގެ މަތިން ރަޙްމަތްތެރިން ހޯދުމަށް ހުކުރު ޚުޠުބާގައި ގޮވާލައްވައިފިއެވެ.

ރާއްޖޭގެ މިސްކިތްތަކުގައި މިއަދު ދިން ހުކުރު ޚުޠުބާ ޚާއްސަކޮށްފައިވަނީ "ހެޔޮލަފާ ރަޙްމަތްތެރިން އިޚްތިޔާރުކުރުން" މި މަޢުޞޫއަށެވެ.

މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވީ، ރަޙްމަތްތެރިންނަކީ ޖަމާޢަތެއްގައި ކުރިއެރުމާއި، ފަހަތަށް ޖެހުމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރާ ބައެއްކަން ފާހަގަކުރެއްވިއެވެ. އަދި ހިތްހަމަޖެހުމާއި، ނުތަނަވަސްކަން ގެނެސް ދިނުމުގައި، މީހުންގެ ޙަޔާތާއި، ވިސްނުމާއި، ފިކުރަށްވެސް ރަޙްމަތްތެރީންގެ އަސަރު ވަރަށް ބޮޑަށް ކުރާކަމަށެވެ.

ރަޙްމަތްތެރިން އިޚްތިޔާރުކުރުމުގައި އިސްލާމް ދީން މަތިވެރި އިރުޝާދުތަކެއް ދެއްވާފައިވާކަން ފާހަގަކުރައްވާ، ޚުޠުބާގައި ވިދާޅުވީ، ރަޚްމަތްތެރިކަމުގެ ގުޅުން އުފެދި އާލާވެފައިވަނީ އިޚްލާސްތެރިކަމާއި، މަތިވެރި މަޤްޞަދެއްގައިކަމުގައިވާނަމަ އެއީ މާތް ﷲ، އެކަމުގައި ބަރަކާތްލައްވާނެ ގުޅުމެއް ކަމަށެވެ. އަދި އެއީ ދޯދިޔާ، ނުބައި ގުޅުމެއްކަމުގައިވާނަމަ އޭގެ ނުބައިކަން މާތް ﷲ އެފަރާތަކަށް ރައްދުކުރައްވާނެކަމަށެވެ.

"ރަޚްމަތްތެރިން ހޯދަންޖެހޭނީ މި ބިންގަލުގެ މަތީގައި. މި ރަޚްމަތްތެރިކަން ޚާލިސްކުރެވިފައި އޮންނަންޖެހޭނީ ޙައްޤަށް. މި ރަޚްމަތްތެރިކަން އުފަންވެ، އާލާވާންޖެހޭނީ އިމާންކަމާއި، އިޙްސާންތެރިންކަމުގެ މަގުގައި. މިގޮތަށް އުފެދޭ ރަޚްމަތްތެރިކަމަކީ މާތް ﷲ ދެކެ ލޯބިވުމުގެ ގިއުގަނޑުގެ ތެރޭގައި އޮންނާނެ ގުޅުމެއް" ޚުޠުބާގައި ވިދާޅުވިއެވެ.

އިންސާނެއްގެ ހިތަށް އީމާންކަން ވަދެ އެކަމުގެ ފޮނިކަން އިޙްސާސްކުރެވިއްޖެނަމަ، އޭނާގެ އެކުވެރިކަން އޮންނާނީ ދީނުގައި އަންގަވާފައިވާ އުޞޫލުގެ މަތީގައިކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. އަދި މި އެކުވެރިކަމަކީ ވަކި އެދުމެއް ޙާޞިލުކުރުމަށްޓަކާ އުފެއްދޭ ގުޅުމަކަށްނުވާނެކަމަށާއި، އެފަދަ މީހުން މިގުޅުން ކަނޑާނީވެސް ހަމަ މި އުޞޫލުންކަން ފާހަގަކުރެއްވިއެވެ.

މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވީ، ތެދުވެރި ރަނގަޅު ރަޙްމަތްތެރިކަމަކީ އިސްލާމް ދީން އެކަމަށް ގޮވާލާ އެކަމަށް ބާރު އަޅާކަމެއްކަމަށެވެ. އަދި މިފަދަ އެކުވެރިކަން ޤާއިމުކޮށް، މާތް ﷲ އަށްޓަކާ އެކަން ދެމެހެއްޓުމަށް އިސްލާމް ދީން ގޮވާލައްވާކަމަށެވެ.

"މާތް ﷲ ގެ ހިޔާވަހިކަން ނޫން ހިޔާވަހިކަމެއް ނުވާނެ ދުވަހުގައި ހަތް ބައެއްގެ މީހުންނަށް އެކަލާނގެ ޢަރްޝީގެ ހިޔާވަހިކަން ދެއްވާނެ. މި ހަތް ބައިގެ ތެރޭގައި ހިމެނޭ އެއް ބަޔަކީ މާތް ﷲ އަށްޓަކާ އެކަކު އަނެކަކު ދެކެ ލޯބިވާ މީހުން" ޚުޠުބާގައި ވިދާޅުވިއެވެ.

މާތް ﷲ ގެ ވަޖްހުފުޅަށްޓަކާ ލޯބިވާ މީހަކީ، އެކަލާނގެ އަމުރުފުޅަށް ރަނގަޅަށް ކިޔަމަން ގަންނަ މީހަކު ކަމުގައިވާންޖެހޭނެކަން ފާހަގަކުރައްވާ، މީހަކު ދެކެ ލޯބިވާނަމަ ލޯބިވާންޖެހޭނީ، ﷲ ގެ ވަޖުހުފުޅަށްޓަކާކަމަށް މިއަދު ޚުޠުބާގައި ވިދާޅުވިއެވެ. އަދި މީހެއްގެ ފަރާތުން ލިބިދާނެ ފައިދާއަށްޓަކާ ނުވަތަ މީހެއްގެ ކިބައިގައި ހުރި މޮޅު ކަމަކަށްޓަކާ އެމީހަކު ދެކެ ލޯބިވުމަކީ އެހެން ބާވަތެއްގެ ރަޚްމަތްތެރިކަމެއްކަމަށެވެ.

ﷲ ގެ ވަޖުހުފުޅަށްޓަކާ މީހަކު ލޯބިވާ ލޯބިވުމުގެ ނަތީޖާ ފެންނާނީ އެކަމުގައި ހުރި އިޚްލާސްތެރިކަމެއްގެ ސަބަބުންކަމަށާއި، މާތް ﷲ އަށްޓަކާ ލޯބިވާ ދެ އެކުވެރިން ތިބޭނީ މާތް ﷲ ގެ ޙިމާޔަތާއި ރައްކައުތެރިކަމުގައި ކަމަށްވެސް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.