ޚަބަރު

އެޗްއާރްސީއެމްގެ ރިޕޯޓާގުޅިގެން ގުރައިދޫ މަރުކަޒުގައި އަޅަންޖެހޭ ފިޔަވަޅުތައް ވާނީ އަޅާފައި : މިޢްވާން


ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާ ބެހޭގޮތުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން އެކުލަވާލި ރިޕޯޓާގުޅިގެން ސަރުކާރުގެ ފަރާތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މިޢްވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެޗް.އާރް.ސީ.އެމުން ގުރައިދޫ މަރުކަޒަށް ޒިޔާރަތްކުރުމަށްފަހު، އެކުލަވާލި މޮނިޓަރިންގ ރިޕޯޓުގައި ފާހަގަކުރެވޭ ބޮޑެތި މައްސަލަތައް ޙައްލުކުރުމަށް މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަސްއަށް ވަނީ އަންގަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާން މިޢްވާން މުޙައްމަދު ވިދާޅުވީ، ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އެޗް.އާރް.ސީ.އެމުން ކުރި ޒިޔާރަތަށްފަހު، އެކޮމިޝަނުން ފާހަގަކޮށްފައިވާ ކަންކަމާއި ގުޅޭ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅުއްވާފައިވާކަމަށެވެ. މި ރިޕޯޓަކީ މިއަހަރުގެ މާރިޗުމަހު އެޗް.އާރް.ސީ.އެމުން އެ މަރުކަޒަށް ކުރި ޒިޔާރަތުގައި ފާހަގަ ކުރެވުނު ކަންކަމުގެ މައްޗަށް ބަލައި ޖުލައިމަހު ނެރުނު ރިޕޯޓެއްކަމަށް މިޢްވާން ވިދާޅުވިއެވެ. އެހެންކަމުން މަރުކަޒުގެ ޙާލަތު މިހާރު އޮންނާނީ އެރިޕޯޓްގައި ފާހަގަކޮށްފައިވާ ޙާލަތުގައި ނޫންކަން މިޢްވާން ފާހަގަކުރެއްވިއެވެ.

"މި ޒިޔާރަތަކީ ހަޤީޤަތުގައި މިއަހަރުގެ މާރިޗުމަހުގެ ކުރީކޮޅު އެޗް.އާރް.ސީ.އެމުން ކުރި ޒިޔާރަތެއް. އަދި ޖުލައިމަހުގެ 26 ވަނަ ދުވަހުގެ ތާރީޚުގައި ނެރެފައިވާ ރިޕޯޓެއް. އެޗް.އާރް.ސީ.އެމްގެ އެ ޒިޔާރަތަށްފަހު އަދި އެ ރިޕޯޓާގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުގެ ފަރާތުން ޖެންޑަރ މިނިސްޓްރީން ވަނީ ވަގުތުން ވަގުތަށް އަޅާފައި. އަދި 4 ސެޕްޓެމްބަރުގައި މި ރިޕޯޓުވަނީ އެޗް.އާރް.ސީ.އެމްގެ ވެބްސައިޓުގައި ޝާއިއުކޮށްފައި. އެހެންވީމަ މީޑިއާތަކުގައި ރިޕޯޓާގުޅިގެން އެ ހުރި ވާހަކަތަކަކީ މިހާރުގެ ޙާލަތު މުޅިއަކުން ރިފްލެކްޓެއް ނުކުރާނެ. އެންމެ ފުރަތަމަ އެބޭފުޅުންގެ އެ ޒިޔާރަތަށްފަހު އެ ރިކޮމަންޑޭޝަންތަކާ އެއްގޮތަށް ވަރަށް ބޮޑެތި ބަދަލުތަކެއް މިހާރު އެވަނީ އެ މަރުކަޒަށް ގެނެވިފައި" މިޢްވާން ވިދާޅުވިއެވެ.

އެޗް.އާރް.ސީ.އެމްގެ ފަރާތުން މިއަހަރުގެ މާރިޗުމަހުގެ 6 އިން 8 އަށް، ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތް ކުރުމަށްފަހު އެކުލަވާލާފައިވާ މޮނިޓަރިން ރިޕޯޓުގައި ބަޔާން ކޮށްފައި ހުރި ކަންކަމުގެ ތެރޭގައި، މަރުކަޒުގައި ބަހައްޓަމުންދާ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާމެދު އެމަރުކަޒު ބެލެހެއްޓުމަށް، ނުވަތަ މަރުކަޒުގައި ޚިދުމަތްދޭ ފަރާތްތަކުން ވަމުންދާ އިހުމާލެއްގެ ވާހަކަތައް ވަނީ ބަޔާން ކޮށްފައެވެ.

މީގެ ތެރޭގައި، ތަނުގެ ކެޕޭސިޓީއަށްވުރެ ގިނައިން އެތަނުގައި ޚާއްސަ އެހީއަށް ބޭނުންވާ މީހުން ތިބުމުގެ އިތުރުން، މަރުކަޒުގައި ޚިދުމަތް ފޯރުކޮށްދިނުމަށް ތިބޭ ފަރާތްތަކުން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދޭ އަނިޔަތަކާ ގުޅޭގޮތުން ކޮށްފައިވާ ޝަކުވާތަކާއި، ހުށަހަޅާފައިވާ މައްސަލަތަކުގެ ރެކޯޑުތައް ނައްތާލުންފަދަ ކަންބޮޑުވާންޖެހޭ ބައެއް ކަންކަމުގެ ވާހަކަތައް، ހާލަތު ދެނެގަތުމަށްފަހު އެޗް.އާރު.ސީ.އެމްއިން ޢާންމުކޮށްފައިވާ ރިޕޯޓުގައި ހިމަނާފައިވެއެވެ.