ކުޅިވަރު

މޮޅަކާއިއެކު އަންހެން ފުޓްބޯޅަ ޓީމް ގޭމްސް ނިންމާލައިފި


ދޭއް އެކަކުން ސްރީލަންކާ ބަލިކޮށް މޮޅަކާއިއެކު އަންހެން ފުޓްބޯޅަ ޓީމް ސާފް ގޭމްސް ނިންމާލައިފިއެވެ. 12ވަނަ ސައުތް އޭޝިއަން ގޭމްސްގައި މިއަދު ހަވީރު ސްރީލަންކާގެ މައްޗަށް ދިވެހި އަންހެން ފުޓްބޯޅަ ޓީމް ދޭއް އެކަކުން ކުރި ހޯދިއިރު، މެޗުގަައި ދިވެހި ޓީމްގެ ދެ ގޯލްވެސް ޖަހައިދިނީ ކެޕްޓަން ފަދުވާ ޒާހިރެވެ. ފަދުވާ މެޗުގައި ޖެހި ފުރަތަމަ ލަނޑަކީ ލިބުނު ހިލޭ ޖެހުމަކުން ޖެހި ލަނޑެއް. އަދި ދެވަނަ ލަނޑަކީ ދިވެހި ޓީމަށް ލިބުނު ޕެނަލްޓީއަކުން ޖެހި ލަނޑެކެވެ. މެޗުގައި ސްރީލަންކާ ޓީމުން ޖެހި ހަމައެކަނި ލަނޑު މެޗުގެ އެންމެ ފަހު މިނެޓްގައި ޖަހައިދިނީ ހަސަރަ ދިލްރަންގީއެވެ. މެޗުގައި މޮޅަށް ކުޅެ ގިނަ ހަމަލާތަކެއްވެސް އުފެއްދީ ދިވެހި ޓީމުންނެވެ. މިގޮތުން ފުރަތަމަ ހާފްގައި ދިވެހި ޓީމްގެ ފޯވާޑް ފާތިމަތު ތީބާ އަދި މިޑްފިލްޑަރ މަރިޔަމް މިރްފަތަށްވެސް ގޯލް ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނުކަން ފާހަގަކޮށްލެވެއެވެ.މެޗަށްފަހު ދިވެހި އަންހެން ފުޓްބޯޅަ ޓީމްގެ ކެޕްޓަން ފަދުވާ ޒާހިރު ބުނީ މިއަދުގެ މި މޮޅަކީ އަންހެން ފުޓްބޯޅައިގެ ކުރިމަަގަށް އެޅުނު ފިޔަވަޅެއްކަމަށާއި، މެޑަލެއް ނުލިބުނަސް ހިތްހަމަޖެހޭ ޓާގެޓެއް ހާސިލްވެއްޖެކަމަށެވެ. އެހެން ޓީމްތަކާއި ހިލާފަށް ލަންކާއަކީ ދިވެހި ޓީމާއި އެއް ފެންވަރެއްގެ ޓީމެއް ކަމަށާއި، މި ގޭމްސްއަށް ތައްޔާރުވިއިރުވެސް މި މެޗަށް ވަރަށް ބޮޑަށް ތައްޔާރުވިކަމަށެވެ. މިއަދުގެ މި މޮޅަކީ ހުރިހާ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު މޮޅެއްކަމަށާއި، އަންހެން ޓީމް މިއަދު މޮޅުވީ އެޓޭކިންގ ގޭމެއް ކުޅެގެންކަމަށް ފަދުވާ ބުންޏެވެ."ސާފް ގޭމްސްއަށް ތައްޔާރުވިއިރުވެސް މިމެޗަށް ވަރަށް ބޮޑަށް ރެޑީ ވެވުނު. މެޑަލް އެއް ނުލިބުނަސް ގޭމްސްގެ ހަތަރުވަނަ ޓީމްގެ ގޮތުގައި ނިންމާލެވުމަކީ ލިބުނު ވަރަށްބޮޑު ކުރިއެރުމަށް. ޓާގެޓް ހާސިލްވެއްޖެހަމަ" ފަދުވާ ބުންޏެވެ. މިއަދުގެ މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ދިވެހި އަންހެން ފުޓްބޯޅަ ޓީމް ގޭމްސް ނިންމާލީ ޖުމްލަ ހަތަަރު ޕޮއިންޓާއިއެކު ހަތަރުވަނާގައި އޮވެއެވެ. ލީގް އުސޫލުން ކުޅުނު އަންހެން ފުޓްބޯޅައިގެ އެންމެ ފުލަށްދިޔައީ މިއަދުގެ މެޗުން ބަލިވި ސްރީލަންކާއެވެ. ލީގުގެ އެއްވަނަ ލިބޭ ޓީމެއް އިނގޭނީ މާދަމާ ކުޅޭ ލީގުގެ ފަހު މެޗުތަކަށްފަހުގައެވެ.