ޚަބަރު

ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށްއޮތް 4 ދުވަހުވެސް ބޮޑު ބަޔަކަށް ވިއްސާރަކުރާނެ


ކުރިއަށްއޮތް 4 ދުވަހުވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ރާއްޖެ ސަރަޙައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެފައިވާކަމަށެވެ. އަދި ކުރިއަށްއޮތް 4 ދުވަހު، ޚާއްސަކޮށް އުތުރާއި، މެދުރާއްޖެތެރޭގައި ވައިބާރުވެ، ކަނޑުތައްވެސް ގަދަވެދާނެކަމަށް އެ އޮފީހުން ވިދާޅުވެއެވެ. ރާއްޖޭގެ މޫސުން ލަފާކުރެވޭގޮތަށް ބަލާ، އެ އޮފީހުން ދޭތެރެ ދޭތެރެއިން މޫސުމަށް ސަމާލުވުމަށް އަންގާ ޚާއްސަ އެލާޓްތައްވެސް އަންނަނީ ނެރެމުންނެވެ.

ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު، އެކި ހިސާބަށް ވިއްސާރަކުރާނެކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުންވެސް އެކަށީގެންވާކަމަށެވެ. އަދި މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާއި، 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް އެ އޮފީހުން ވިދާޅުވެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ރާއްޖޭގެ ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެކަމަށެވެ. އަދި ރާޅުގެ އުސްމިނުގައި 4 ފޫޓާއި 7 ފޫޓު ހުންނާނެކަމަށެވެ.

މި ދުވަސްވަރު، ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް 4 ދުވަހު، ޚާއްޞަކޮށް އުތުރާއި މެދުރާއްޖެތެރޭގައި ވައިބާރުވެ ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީވެ، ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމް.އެން.ޑީ.އެފުންވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.

އެގޮތުން އޮޑިވެރިންނާއި، ކެޕްޓަނުން އަދި ފަޅުވެރިންނާއި ދަތުރުތަކުގައި ބައިވެރިވާ ޢާއިލާތަކާއި ރަހްމަތްތެރިންވެސް ދަތުރުކުރަނީ ސަލާމަތާއި ރައްކާތެރި އުޅަނދެއްގައިކަން ޔަޤީންކުރެއްވުމަށްފަހު ކަނޑުމައްޗަށް އެރުއްވުމަށް އެމް.އެން.ޑީ.އެފުން އިރުޝާދީފައިވެއެވެ. އަދި ދަތުރު ކުރައްވާއިރު އެއްވެސް ކަމެއް ދިމާވެއްޖެނަމަ، ލަސްނުކުރައްވައި އެމް.އެން.ޑީ.އެފް ކޯސްޓްގާޑު ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށްވެސް އިލްތިމާސްކުރައްވާފައިވެއެވެ. ދަތުރަށް ފެށުމުގެ ކުރިން މޫސުމަށް ބައްލަވައި ރައްކާތެރި މަގެއް ޚިޔާރުކުރައްވައި ދަތުރުކުރެއްވުމަށްވެސް އެމް.އެން.ޑީ.އެފުން ވަނީ ނަސޭހަތްތެރިވެފައެވެ.