ޚަބަރު

މިމަހުގެ 18 އަށް ބޯހިމެނުމުގެ މަސައްކަތް ނިންމާލަނީ


މިމަހުގެ 18ގެ ނިޔަލަށް ބޯހިމެނުމުގެ މަސައްކަތްތައް ނިންމާލުމަށް އަމާޒުކޮށް މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ވިދާޅުވެއްޖެއެވެ.

ބޯހިމެނުމުގެ ފީލްޑް މަސައްކަތްތައް ނިންމާލުމަށްފަހު، މިހާތަނަށް ނުވަދެވިހުރި ތަންތަނާއި ބޯހިމެނިފައިނުވާ ތަންތަނުން މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ސްޓެޓިސްޓިކްސް ބިއުރޯއިން އަންނަނީ ކުރަމުންނެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ވިދާޅުވީ، ބޯހިމެނުމުގެ ފީލްޑް މަސައްކަތް މާލޭ ސަރަހައްދު ފިޔަވާ، ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ނިންމާލެވިފައިވާކަމަށެވެ. އެހެންނަމަވެސް ގްރޭޓަރ މާލޭ ސަރަހައްދުގައި އެކްސަސްނުވެވިހުރި 900 އެއްހާ ތަން ހުރިކަން އެ ބިއުރޯއިން މީގެ ކުރިން ފާހަގަކުރެއްވިއެވެ. ބޯހިމެނުމުގެ މަޢުލޫމާތު ނުނެގިވާ ތަންތަން ފާހަގަކުރުމަށް މިހާތަނަށް ކުރެވުނު މަސައްކަތުން މާލޭ ސަރަޙައްދުގައި ތަޅުލާފައިހުރި ތަންތަނުުގެ ތެރެއިން %41 ތަންތަނުން މިހާރު މަޢުލޫމާތު ލިބިފައިވާކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ވިދާޅުވެއެވެ.

މަޢުލޫމާތު އެއްނުކުރެވޭ ތަންތަނުގެ ތެރޭގައި ތަޅުލާފައިހުރި ތަންތަނާއި، ގުޅޭނެގޮތްނުވުން، މަޢުލޫމާތުދެވޭވަރުގެ މީހަކާ ދިމާނުވުން، ރަށުން ބޭރުގައިވުން، އެޕޮއިންޓްމަންޓްދެވި އެ ގަޑިތަކަށް ޓީމްތަކަށް ނުދެވިހުރުން ފަދަ ކަންކަމުގެ ސަބަބުން މަޢުލޫމާތު އެއްނުކުރެވޭ ތަންތަން ހިމެނޭކަމަށް ބިއުރޯއިން ވިދާޅުވެއެވެ. އަދި މީގެ ތެރޭގައި ބޭނުންނުކުރާ ތަންތަނާ މީހުން ދިރިނޫޅޭ ތަންތަން ހުރުމަކީވެސް އެކަށީގެންވާ ކަމެއްކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ވިދާޅުވެއެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން ވިދާޅުވީ، މިހާތަނަށް އެކްސެސްނުވެވިވާ ތަންތަނުން މީހުންނާ ގުޅޭނެގޮތް ފަހިވޭތޯ ބެލުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. މިހާތަނަށް ބޯހިމެނިފައިނުވާ ތަންތަނާއި، ލޭބަރ ކުއާޓަރ އަދި ރަޖިސްޓްރީކޮށްގެން ހިންގާ އިޤްތިޞާދީ މަސައްކަތް ކުރާ ތަންތަނާއި، ބޭނުންނުކުރާ ތަންތަންވެސް ފާހަގަކޮށްދެއްވާ، ބިއުރޯއަށް އަންގައިދިނުމަށް އާއްމުންގެ ކިބައިން ވަނީ އެދިފައެވެ.

ބޯހިމެނިފައިނުވާ މީހުންނާއި ތަންތަނުން ސްޓެޓިސްޓިކްސް ބިއުރޯގެ ހޮޓްލައިން 1423 ނުވަތަ 3008400 އަށް ގުޅާ ނޯޓްކުރުމުން ބިއުރޯގެ މުވައްޒަފުން އެފަރާތްތަކުގެ މަޢުލޫމާތު ނެގުމުގެ އިންތިޒާމް ހަމަޖައްސައިދެމުންދާކަމަށާއި، ވެބްސައިޓުގައިވާ ސެންސަސް ފޯމް މެދުވެރިކޮށް ބޯހިމެނިފައިނުވާ ގޭބިސީތަކާ ރަޖިސްޓަރކޮށްގެން އިޤްތިޞާދީ މަސައްކަތްހިންގާ ތަންތަނުން އެންގުމުން، އެފަރާތްތަކުން ބޯހިމެނުމުގެ މަޢުލޫމާތު ފުރިހަމަކުރުމުގެ އިންތިޒާމް ހަމަޖައްސަމުންދާނެކަމަށްވެސް ސްޓެޓިސްޓިކްސް ބިއުރޯއިން ވިދާޅުވެއެވެ.

އިންޑަސްޓްރިއަލް ބޭނުންތަކަށް ބޭނުންކުރާ ބައެއް ރަށްރަށުން ގުޅޭނެގޮތް ނުވެގެން އެތަންތަނުގައި އުޅޭ މީހުން ބޯހިމެނުމުގައި ދަތިތަކެއް ހުރުމާއެކު ބޯހިމެނިފައިނުވާ މިފަދަ ތަންތަނާއި ޙަވާލުވެތިބި ފަރާތްތަކުން ބިއުރޯގެ ހޮޓްލައިން އަށް ގުޅާ އެކަން އެންގުމަށްވެސް ސްޓެޓިސްޓިކްސް ބިއުރޯއިން ވިދާޅުވެއެވެ.

ބޯހިމެނުމުގެ ވަގުތީ ނަތީޖާ މިިމަހުގެ 6 ގައި ނެރުމަށް ކުރިން ތާވަލުކޮށްފައިވީނަމަވެސް، ބޯހިމެނުން އިތުރަށް ފުރިހަމަކުރަމުން ގެންދިއުމުގެ މުހިއްމުކަން ޤަބޫލުކުރެވޭތީ، ބޯހިމެނުމުގެ ވަގުތީ ނަތީޖާ ވަކިން ނެރުމުގެ ބަދަލުގައި، ކުރިންވެސް ތަވާލްކޮށްފައިވާގޮތަށް ދާއިމީ ނަތީޖާ މިމަހު 20 ގައި ނެރޭގޮތަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ވަނީ ނިންމާފައެވެ.

ބޯހިމެނުން ފުރިހަމަވާނީ ހުރިހާ ފަރުދުން ހިމެނިގެންކަމުން ބޯހިމެނުމުގައި ކޮންމެ ފަރުދަކުވެސް ހިމެނުނުކަން ޔަޤީންކުރެއްވުމަށް ސްޓެޓިސްޓިކްސް ބިއުރޯ އެދިވަޑައިގަންނަވައެވެ. އަދި މިކަމަކީ ޤައުމީ ފެންވަރުގައި ހިންގޭ ވަރަށް ބޮޑު މަސައްކަތަކަށްވުމާއެކު އާއްމުންގެ ފުރިހަ އެއްބާރުލުން ދިނުމަށް އެ ބިއުރޯއިން ވަނީ އެދިފައެވެ.