ޚަބަރު

ޑެންގީ ޖެހިގެން 5 މަރު، ރިޕޯޓްކުރި ކޭސްތަކުގެ ޢަދަދު 1600އަށްވުރެ ގިނަ


ރާއްޖެއިން މިއަހަރުގެ މިހާތަނަށް 1600 އަށްވުރެ ގިނަ ޑެންގީ ކޭސް ރިޕޯޓްކޮށްފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗް.ޕީ.އޭ)އިން ވިދާޅުވެއްޖެއެވެ. މިދުވަސްވަރު ރާއްޖޭގައި ޑެންގީހުން ފެތުރޭ މިންވަރު އިތުރުވާތީ، އެކަމަށް ސަމާލުވުމަށް ހެލްތު މިނިސްޓްރީއާއި އެޗް.ޕީ.އޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ، މިއަހަރުގެ އޭޕްރިލްއިން ފެށިގެން މިހާތަނަށް މާލެއާއި އަތޮޅުތަކުން ޑެންގީހުން ޖެހިގެން ރިޕޯޓްކުރަމުންދާ ޢަދަދު އިތުރުވެފައިވާކަމަށެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރުމަހާ އަޅާބަލާއިރު އޮކްޓޫބަރުމަހު މިހާތަނަށް ޑެންގީހުން ޖެހިގެން ކުރެވޭ މިންވަރު އިތުރުވެފައިވާކަން އެ އެޖެންސީން ފާހަގަކުރައްވައެވެ. އަދި އާންމުގޮތެއްގައި ކޮންމެ އަހަރަކުވެސް ވިއްސާރަ މޫސުމާގުޅިގެން ޑެންގީ ޖެހޭ މީހުންގެ ނިސްބަތް އިތުރުވެގެންދާކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހިއްސާކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖެނުއަރީމަހުން ފެށިގެން މިހާތަނަށް ޑެންގީހުމުގެ ޖުމްލަ 1634 ކޭސް ރިޕޯޓްކޮށްފައިވެއެވެ. މީގެ ތެރޭގައި މާލޭ ސަރަހައްދުން ރިޕޯޓްކުރި 695 ކޭހަކާއި، އަތޮޅުތަކުން ރިޕޯޓްކޮށްފައިވާ 939 ކޭސް ހިމެނެއެވެ. އަދި އަހަރުގެ މިހާތަނަށް މިބަލީގައި 5 މީހަކު ރާއްޖެއިން ނިިޔާވެފައިވާކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.

ގްރޭޓަރ މާލޭ ސަރަޙައްދުގައި ބަލި ފެތުރޭ މިންވަރަށް ބަލާއިރު، މާލެއިން 362 ކޭސް، ހުޅުމާލެއިން 294 ކޭސް އަދި ވިލިމާލެއިން 39 ޑެންގީ ކޭސް ރިޕޯޓްކޮށްފައިވެއެވެ. އަތޮޅުތަކުން ރިޕޯޓްކުރާ މިންވަރަށް ބަލާއިރު، މި ބަލި އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކުންނެވެ.

އެގޮތުން މިހާތަނަށް އެންމެ ގިނަ ކޭސް ރިޕޯޓްކޮށްފައިވަނީ ރ.އަތޮޅުންނެވެ. އެ އަތޮޅުން އެކަނިވެސް 218 މީހަކަށް މި ބަލި ޖެހިގެން ރިޕޯޓްކޮށްފައިވެއެވެ. 99 ކޭހާއެކު ދެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ލ. އަތޮޅުންނެވެ. މީގެ އިތުރުން ކ. އަތޮޅާއި، އދ. އަތޮޅު، މ. އަތޮޅު، ދ. އަތޮޅު، ގއ. އަތޮޅު، ގދ. އަތޮޅު މިއިން ކޮންމެ އަތޮޅަކުންވެސް ރިޕޯޓްކުރި ޑެންގީހުމުގެ ކޭސްތަކުގެ ޢަދަދުތައް އުޅެނީ 50 އިން މަތީގައެވެ.

މިއަހަރުގެ މިހާތަނަށް މުޅި ރާއްޖެއިންވެސް ޑެންގީހުން ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އޯގަސްޓްމަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައެވެ. އެ ހަފްތާގައި އެކަނިވެސް 108 ޑެންގީ ކޭސް ރާއްޖޭގައި ރިޕޯޓްކޮށްފައިވެއެވެ.

މި އަހަރަކީ ގިނައިން ވިއްސާކުރި އަހަރަކަށްވެފައި، މިހާރުވެސް ކުރަމުންދާ ވިއްސާރައާއި ގުޅިގެން މަދިރި އާލާވުން ކުރިއަށްއޮތްތަނުގައި ގިނަވާނެކަމަށް ބެލެވޭކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ. އަދި މިއާއެކު ޑެންގީހުމުގެ ނުރައްކާ އިތުރުވާނެކަމަށްވެސް ބެލެވޭކަމަށް އެ އެޖެންސީން ވިދާޅުވެއެވެ.

ޑެންގީ ހުމުން ރައްކާތެރިވާން ކުރެވިދާނެ ކަންކަން:

  • ހަށިގަނޑު ނިވާވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން ބޭނުންކުރުން
  • މަދިރި އެންމެ ގިނަވާ ވަގުތު [ފަތިސް/ ހަވީރު/ އިރުއޮއްސޭ ގަޑި] ގައި ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުން
  • ހުސް ފުޅި/ ދަޅު ކަހަލަ ފެން ހަރުލާ ތަކެތި ގޯތިތެރެ އާއި މަގުމަތީގައި ނުބެހެއްޓުން

ޑެންގީ ޖެހިއްޖެނަމަ ގޭގައި ދެވޭނެ ފަރުވާ

  • އަރާމުކުރުން
  • ގިނަގިނައިން ދިޔާ އެއްޗެހި ބޭނުންކުރުން [ފައިދާހުރި ދިޔާތަކެތީގެ ތެރޭގައި ކުރުނބާ ފެނާއި ލޮނުޕެކެޓާއި ސޫޕް ފަދަ ތަކެތި]
  • ހުން މަޑުކުރުމާއި ގައިގައި ރިއްސުމާއި ހުޅުހުޅުގައި ރިއްސާ ނަމަ، ޕެރެސެޓެމޯލް ބޭނުންކުރުން
  • ތިން ދުވަހަށް ވުރެ އިތުރަށް ހުން އަންނަ ނަމަ ނުވަތަ ދިޔާތަކެތި ބޭނުންނުކުރެވޭ ނަމަ، ޑޮކްޓަރުގެ ލަފާ ހޯދުން



ޑެންގީހުމުގެ އިތުރުން މިއަހަރު އަރިދަފުސް ރޯގާ ފެތުރޭ މިންވަރުވެސް އިތުރުވެފައިވާކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ. އެހެންކަމުން ޑެންގީއާއި ހުމާ ރޯގާތަކުން ރައްކާތެރިވުމަށް އާއްމު ސާފުތާހިރުކަމަށް މިދުވަސްވަރު ޚާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސްކުރައްވަމުންނެވެ.