ދުނިޔޭގެ ވިޔަފާރި

687 މިލިއަން ޑޮލަރުގެ ގެއްލުމަކާއެކު ނިސާން ކުންފުނިން ރަޝިޔާ ދޫކޮށްލަނީ


ނިސާން ކުންފުނިން ރަޝިޔުާގައި ކުރަމުންދިޔަ ވިޔަފާރި، ރަޝިޔާ ސަރުކާރު ހިއްސާކުރާ ކުންފުންޏަކަށް އެންމެ ޔޫރޯއަކަށް ވިއްކާލަން ނިންމައިފިއެވެ.

ނިސާންއިން ރަޝިޔާގައި ކުރަމުން އަންނަ ވިޔަފާރި މިގޮތަށް ދޫކޮށްލަން ނިންމާފައިވަނީ ރަޝިޔާއިން ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އެ ޤައުމުގައި ހިންގާ ވިޔަފާރިތަައް ހުއްޓާލުމަށް ނިންމާފައިވާތީއެވެ. މިކަމުގެ ސަބަބުން އެކުންފުންޏަށް 687 މިލިއަން ޑޮލަރުގެ ގެއްލުންވާނެ ކަމަށް އެކުންފުނިން ބުނެއެވެ. ނިސާންއިން މިގޮތަށް ވިޔަފާރި ދޫކުރާއިރު، އެއްބަސްވުމުގައި އިތުރު ޝަރުތުތައް ހިމަނާފައިވެއެވެ. މީގެ ތެރޭގައި ކުރިއަށް އޮތް 6 އަހަރު ތެރޭ އެކުންފުންޏަށް އަލުން އަނބުރާ މި ވިޔަފާރި ގަނެވޭނެ ޝަރުތެއް ވަނީ ހިމަނާފައި ކަމަށް ރަޝިޔާގެ ޓްރޭޑް މިނިސްޓްރީން ބުނެއެވެ.

މިއެއްބަސްވުމުގެ ދަށުން ނިސާން ކުންފުނީގެ ސެއިންޓް ޕީޓާސްބާގުގައި ހުންނަ ޕްރޮަޑަކްޝަން އަދި ރިސާޗް ފެސިލިޓީގެ އިތުރުން މޮސްކޯގައި ޤާޢިމް ކޮށްފައިވާ މާކެޓިން ސެންޓަރ ދޫކޮށްލާނެއެވެ.

މި އެއްބަސްވުމާއެކު ނިސާންއަށް ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހުނު ކަމުގައިވިއަސް މިއަހަރު އެކުންފުނިން ލަފާކޮށްފައިވާ އާމްދަނީއަށް ބަދަލެއް ނާންނާނެ ކަމަށް އެކުންފުނިން ބުނެއެވެ. މީގެ އެއް ސަބަބަކީ ރަޝިޔާގައި އެކުންފުނިން ކުރަމުންދިޔަ ވިޔަފާރި، މުދާ ލިބުމުގެ ދަތިތަކާއެކު ހުއްޓާލާފައިވުމެވެ.

ޖަޕާނަށް ނިސްބަތްވާ ނިސާން ކުންފުނީގެ މައިގަނޑު އެއް ހިއްސާދާރު ފްރާންސްގެ ރެނޯލްސްޓް ކުންފުނިންވެސް މީގެ ކުރީން މިފަދަ ނިންމުމެއް ނިންމާފައިވެއެވެ. އެގޮތުން ރެނޯލްޓްސް ކުންފުނިން ރަޝިޔާގެ އަވަޓޯޒްގައި ގެންގުޅުނު ހިއްސާ ވަނީ ރަޝިޔާގެ އިންވެސްޓަރަކަށް މިއަހަރު މޭއި މަހުގެ ތެރޭ ވިއްކާލާފައެވެ. މީގެ އިތުރުން މިޓްސުބުޝީ ކުންފުނިންވެސް ރަޝިޔާގައި ކުރަމުން އަންނަ ވިޔަފާރި ހުއްޓާލުމަށް ނިންމާފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ނިސާން އަދި ރެނޯލްޓްސް ކުންފުނިން ރަޝިޔާ ދޫކުރުމަށްފަހު އެ ދެކުންފުނިން ކުރިމަގުގައި އަމަލު ކުރާނެ ގޮތަކާއި މެދު ވާހަކަ ދެކެވެމުންދާ ކަމަށް ރޮއިޓާސްއިން ރިޕޯޓު ކުރެއެވެ. މީގެ ތެރޭގައި ނިސާން ކުންފުނިން ރެނޯލްޓްސްގެ އެލެކްޓްރިކް އުޅަނދުތަކަށް އިންވެސްޓް ކުރުމުގެ ވާހަކަ ދެކެވެއެވެ. އަދި ރެނޯލްޓްސްއިން ގެންގުޅޭ ނިސާން ކުންފުނީގެ ހިއްސާގެ ބައެއް ވިއްކާލުމުގެ މަޝްވަރާތައްވެސް ކުރެވެއެވެ.