ޚަބަރު

ކުޑަކުދިން ރައްކާތެރިގޮތުގައި އިންޓަރނެޓް ބޭނުންކުރުމަށް ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ބާއްވަނީ


ކުޑަކުދިން ރައްކާތެރިގޮތުގައި އިންޓަރނެޓް ބޭނުންކުރުމަށް ހޭލުންތެރިކުރުމަށް ޚާއްސަ ސެޝަންތަކެއް އަންނަ ހަފްތާގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއާއި އެން.ސީ.އައި.ޓީ ގުޅިގެން މިހިނގާ އޮކްޓޯބަރމަހު ފާހަގަކުރަމުން ދަނީ "ސައިބަރ ސެކިޔުރިޓީ" އަށް ހޭލުންތެރިކުރުމުގެ މަހުގެ ގޮތުގައެވެ. އެގޮތުން މުޅި މަހަށް ބަހާލައިގެން ތަފާތު ހަރަކާތްތަކުގެ ތެރެއިން ދަރިވަރުންނާއި ބެލެނިވެރިންނަށް ޚާއްސަ ސެޝަންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ސެޝަންތައް އޮންނާނީ މިމަހުގެ 17، 18 އަދި 19 ވަނަ ދުވަހުއެވެ.

މި ސެޝަންތަކުގެ މައިގަނޑު އެއް ޝިއާރަކީ، "އިންޓަރނެޓް ސޭފްޓީ ފޯރ ޗިލްޑްރެން" އެވެ. މި ސެޝަން ތަކުގައި، ދުނިޔޭގެ ޓެކްނޮލޮޖީގެ ދާއިރާއިން އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ އެއް ކުންފުނި ކަމުގައިވާ މައިކްރޯސޮފްޓްގެ ކަމާ ބެހޭ މާހިރުން ރައްޖެ އައިސް ސެޝަން ނަގައިދޭނެއެވެ. އަދި ކުޑަކުދިންގެ ރައްކާތެރިކަމަށް ޙާއްސަ ކުރެވިފައިވާ ސެޝަންތައް ހިންގުމަށް ރާވައިފާ ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ވީހާވެސް ގިނަ ބަޔަކަށް ފަސޭހަކަމާއެކު ބައިވެރިވެވޭނެ ގޮތަށް އޮންލައިންކޮށެވެ.

މިގޮތުން 17 ވަނަ ދުވަހު އޮންނަ ފުރަތަމަ ސެޝަންގައި އަލި އަޅުވާލާނީ އޮންލައިންކޮށް އެކިއެކި ޕްލެޓްފޯމްތަކުގައި މެސެޖުކޮށް މުއާސަލާތު ކުރުމުގައި ދިމާވެދާނެ ނުރައްކާތަކާއި، ސަމާލު ވާންޖެހޭ ކަންތައްތަކާއި، ނުދަންނަ މީހުންނާއި އޮންލައިންކޮށް މުއާމަލާތް ކުރުމުގައި ގެންގުޅެންޖެހޭ ރާއްކާތެރިކަމުގެ މިންގަނޑުތަކަށެވެ. އަދި ކުޑަކުދިން ކިޔަވަން، ގޭމްކުޅުން ފަދަ ކަންކަމުގައި ބޭނުންކުރާ ޑިޖިޓަލް ވަސީލަތްތައް ރައްކާތެރިކޮށް ބޭނުންކުރުމަށް ޓަކާއި އެކުދިން ސަމާލުވާން ޖެހޭނެ ކަންކަމާއަ، ކަމެއް ދިމާވުމުން އަމަލު ކުރަން ޖެހޭނެ ގޮތްތައް މި ސެޝަންގައި ކިޔައިދެވޭނެއެވެ. 13 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިންނަށް ޙާއްސަ ކުރެވިގެން ހިންގާ މި ސެޝަންގެ މަގްސަދަކީ ކުޑަކުދިންގެ ހުނަރު އިތުރުކޮށް، ނުރައްކާތެރި ކަންކަމުން އެކަހެރިވެ ތިބެ ޓެކްނޮލޮޖީ ބޭނުންކުރާ ބަޔަކަށް ހެދުމެވެ.

މިމަހުގެ 18ގައި އޮންނަ ދެވަނަ ސެޝަންގައި ކުދިންގެ ޑިޖިޓަލް ފުޓްޕްރިންޓްތަކާބެހޭ ގޮތުންނާއި، އެކުދިންނާ ބެހޭ ގޮތުން އެހެން މީހުންނަށް ހޯދައި ފެންނާނެ މައުލޫމާތާއި، އެއިން ކޮށްފާނެ ނޭދެވޭ އަސަރުތައް ކިޔައިދެވޭނެއެވެ. އަދި އެކުދިންގެ ޒާތީ މައުލޫމާތު އޮންލައިންކޮށް ހިއްސާކުރުމުގައި ގެންގުޅެންވީ މިންގަނޑުތަކާއި، ޕްރައިވެސީ ރައްކާތެރި ކުރުމުގެ މުހިންމުކަމާއި، އޯވާރ ޝެއާރ ކުރުމުން ދިމާވެދާނެ ނުރައްކާތެރި، ނުރަންގަޅު ކަންކަން އޮޅުންފިލުވައިދީ، ރައްކާތެރިކޮށް ސޯޝަލް މީޑިއާގައި މުއާމަލާތް ކުރުމަށް ދަސްކޮށްދެވޭނެއެވެ.

"ޕްރޮޓެކްޓިން ކިޑްސް އޮންލައިން" ގެ ނަމުގައި އޮކްޓޯބަރު 19 ވަނަ ދުވަހު ބާއްވާ ސެޝަނަކީ، އޮންލައިން ޕްލެޓްފޯރމްތަކުގައި، ކުޑަ ކުދިންގެ ރައްކާތެރިކަމަށް ބޭނުންވާ ހުނަރާއި ވަސީލަތްތައް ދެނެގަނެ، ބެލެނިވެރިންނާއި މުދައްރިސުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ހޭލުންތެރިކަމުގެ އޮންލައިން ސެޝަނެކެވެ. ޓެކްނޮލޮޖީން ކުޑަކުދިންނަށް ފޯރުކޮށްދޭ ފުރުސަތުތައް ފުޅާކޮށް، އެކުދިންގެ ޝައުގުވެރިވާ ކަންކަމުގެ ތެރެއިން، އިންޓާރނެޓް ބޭނުން ކުރާއިރު، ޕޭރެންޓަލް ކޮންޓްރޯލް ފަދަ ވަސީލަތްތައް ބޭނުންކޮށްގެން އެކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދެވޭނެގޮތްތައް މި ސެޝަންގައި ކިޔައިދެވޭނެއެވެ.

"ސައިބަރސޭފް މޯލްޑިވްސް" ކެމްޕެއިންގެ ދަށުން ސައިބަރ ސެކިއުރިޓީއާ ގުޅޭގޮތުން މިމަހުގެ ތެރޭގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ މަޢުލޫމާތާއި، މި ހަރަކާތްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް https://cybersafe.mv ލިންކް މެދުވެރިކޮށް މައުލޫމާތު ހޯދާ ރަޖިސްޓްރީކުރެވޭނެކަމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ވިދާޅުވެއެވެ.