ޚަބަރު

ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު ޒުވާނާ ހޯދަން ކުރިއަށްގެންދިޔަ އޮޕަރޭޝަން ހުއްޓާލައިފި


އއ. މާޅޮހުގެ ދެކުނުން ބަންޑުން ޖަހާލި ލޯންޗުން ގެއްލިގެން ހޯދަމުންދާ ޒުވާނާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދިޔަ ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަން ހުއްޓާލައިފިއެވެ.

މުޙައްމަދު މިންހާޖު ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދިޔަ ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަނުގައި އެމްއެންޑީއެފް ކޯސްޓްގާޑުން އިއްޔެވެސް ވަނީ 300 ސްކޮޔަރ ނޯޓިކަލް މޭލުގެ ސަރަޙައްދެއް ބެލިފައެވެ.

4 ދުވަހަށް ދެމިގެންދިޔަ މި ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަނުގައި، ކަނޑުމަގުން އެމް.އެން.ޑީ.އެފް ކޯސްޓްގާޑު ޝިޕް ޝަހީދު ޢަލީއާއި، ކޯސްޓްގާޑު ފާސްޓް އިންޓަސެޕްޓަރ ކުރާފްޓް "ހަކުރާ"، 665 ސްކޮޔަރ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވެއެވެ. އަދި އެމް.އެން.ޑީ.އެފް ޑޯނިއަރ ފްލައިޓްގައި ވަނީ ވައިގެމަގުން 2000 ސްކޮޔަރ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާކަމަށްވެސް އެމް.އެން.ޑީ.އެފުން ވިދާޅުވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު 13:00 ހާއިރު މާލެއިން ފުރައިގެން އުކުޅަހަށް ދަތުރުކުރި މި ލޯންޗު ބަންޑުން ޖަހާލަފައި އޮއްވާ ފެނުނީ މާޅޮހު ކައިރިންނެވެ. މި ލޯންޗުން ދަތުރުކުރި ދެ މީހުންގެ ތެރެއިން އެކަކު ފެރިދޫ ފުއްޓަރާ ދިމާއިން އޮކްޓޯބަރ 7 ވަނަ ދުވަހު ވަނީ ފެނިފައެވެ. އަދި އޭނާއަށް ފެރިދޫ ޞިއްޙީ މަރުކަޒުގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާ ދިނުމަށް އާއިލާގެ އެދުމަށް އޭނާ މާލެ ގެނެސް އައި.ޖީ.އެމް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.

މި ޙާދިސާގައި ގެއްލިގެން ހޯދަމުން ދަނީ ސ. ހިތަދޫ، މިންހާ, މުޙައްމަދު މިންހާޖުއެވެ. އޭނާ އެންމެފަހުން ލައިގެން ހުރީ އަޅި ކުލައިގެ އަތް ދިގު ޓީޝާޓަކާއި ނޫ ކުލައިގެ ޖިންސެއް ކަމަށް އެމް.އެން.ޑީ.އެފް ކޯސްޓްގާޑަށް ވަނީ މަޢުލޫމާތު ލިބިފައެވެ.