ޚަބަރު

ޤާނޫނީ ވަކީލުންގެ ފުރަތަމަ ކޮންފަރަންސް ނިންމާލައިފި


ދިވެހިރާއްޖޭގެ ބާ ކައުންސިލުން ކުރިއަށް ގެންދިޔަ ޤާނޫނީ ވަކީލުންގެ ފުރަތަމަ ކޮންފަރަންސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

'ރެއިޒް ދަ ބާ' ގެ ނަމުގައި ދެ ދުވަހުގެ މުއްދަތަކަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުން ކުރިއަށް ގެންދިޔަ ދިވެހިރާއްޖޭގެ ޤާނޫނީ ވަކީލުންގެ އެންމެ ފުރަތަމަ ކޮންފަރެންސް، ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަޙްމަދު މުޢުތަޞިމް ޢަދުނާން ދެއްކެވި ވާހަކަފުޅުގައި ތާރީޚުން ފިލާވަޅު ލިބިގަތުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ. އަދި ތާރީޚު އެނގުމަކީ ހެޔޮ މުސްތަޤުބަލެއް ބިނާކުރުމަށް ބޭނުންވާ އެންމެ މުހިންމު އެއް އަސާސްކަމުގައްޔާއި ދިވެހިރާއްޖޭގައި ޤާނޫނީ ޚިދުމަތާއި ޤާނޫނީ ތަޢުލީމެއް ބިނާކުރުމަށް ޤާނޫނީ ވަކީލުން ކޮށްދެއްވާފައިވާ މަސައްކަތްތަކަކީ އެމަނިކުފާނު ފަޚުރުވެރިވާ ޤައުމީ މަސައްކަތެއްގެ ގޮތުގައި ފާހަގަކުރަންޖެހޭ މަސައްކަތެއްކަމަށް ވިދާޅުވެފައިވެއެވެ.

މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ރައީސް، އަލްއުސްތާޛް އިސްމާއިލް ވިޝާމް ދެއްކެވި ވާހަކަފުޅުގައި މިފަދަ ކޮންފަރެންސްތަކަކީ ޤާނޫނީ ވަކީލުންނަށް މުހިންމު، އަދި ވަކީލުންގެ ބައިވެރިވުން ހިމެނޭ، މި ދާއިރާ ހަރުދަނާ ކުރުމަށް ކޮންމެހެން ބޭނުން ބައްދަލުވުންތަކެއްކަމަށް ފާހަގަކުރައްވާފައިވެއެވެ. އަދި ވަކީލުކަމަކީ ޒިންމާއެއްކަމާއި މި މަސްއޫލިއްޔަތު އަދާކުރުމަށް ލިބޭ ލައިސަންސަކީ އަގުހުރި އެއްޗަކަށް ވާނެކަމާއި ކުރިއަށް އޮތްތަނުގައި ވަކީލުކަމުގެ ހުއްދަ އައުކުރެވޭނީ އެހެން ޖުރިސްޑިކްޝަންތަކެކޭ އެއްގޮތަށް، އެކަމަށް ފުރިހަމަކުރަންޖެހޭ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ފުރިހަމަކޮށް އަދި ސަބްސްކްރިޕްޝަން ދައްކައިގެން ކަމަށް ބާ ކައުންސިލްގެ ރައީސް ފާހަގަކުރައްވާފައިވެއެވެ.

ރާއްޖޭގެ ޤާނޫނީ ވަކީލުންގެ މި ކޮންފަރެންސްގެ މައިގަނޑު މަޤުޞަދަކީ 2019 ވަނަ އަހަރު ވުޖޫދަށް އައިސްފައިވާ ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ބާ ކައުންސިލުން ހާސިލުކޮށްފައިވާ ލަނޑުދަނޑިތަކަށް އަލިއަޅުވާލުމާއި، ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން އަލަށް ތައާރަފްކުރެވޭ ޚިދުމަތްތަކާ ގުޅިގެން ބާ ކައުންސިލުގެ މަސްއޫލުވެރިންކަމުގައިވާ ޤާނޫނީ ވަކީލުންގެ ޚިޔާލުތައް ހޯދުމެވެ.

ދިވެހިރާއްޖޭގެ ބާ ކައުންސިލަކީ ޤާނޫނީ ވަކީލުންގެ ޙައްޤުތަކާއި އިމްތިޔާޒްތައް ހިމާޔަތްކުރުމާއި، ވަކީލުންގެ ހުއްދަ ދިނުމާއި، އަދި މުވައްކިލުންގެ ޙައްޤުތައް ހިމާޔަތްކޮށް މުޅި ޤާނޫނީ ފަންނުގެ ޤާނޫނޫ ރެގިއުލޭޓްކުރުމުގެ ބާރު ބާ ކައުންސިލަށް ލިބިގެންވާއިރު، ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުން ބާ ކައުންސިލާ މަތިކޮށްފައިވާ ޒިންމާތަކުގެ ތެރެއިން ގިނަ ކަންކަން ފުރިހަމަކުރެވިފައިވެއެވެ. އޭގެތެރޭގައި ޤާނޫނީ ވަކީލުންގެ ސުލޫކީ މިންގަނޑު އެކުލަވާލުމާއި، ޝަކުވާ ހުށަހަޅާ ނިޒާމެއް ޤާއިމުކުރުމާއި ޕަބްލިކް ނޯޓަރީންގެ ޚިދުމަތުގެ މިންގަނޑުތައް ތަޢާރަފުކުރުމާއި، ޤާނޫނީ ދާއިރާއިން ފުރިހަމަކުރާ ޤާނޫނީ ޑިގްރީއެއްގައި ހުންނަންޖެހޭ އެންމެ ދަށްމިންގަނޑު ކަނޑައެޅިގެން ގޮސްފައިވެއެވެ.

މި ކޮންފަރެންސްގައި ރާއްޖޭގެ ޤާނޫނީ ފަންނު ތަމްޘީލުކުރުމަށް ދިވެހިރާއްޖެއަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ އަދި ރާއްޖޭގެ ކޯޓުތަކުގެ ޤާޟީންނާއި ފަނޑިޔާރުން ހިމެނިވަޑައިގަންނަވާހެން ގިނަ ޢަދަދެއްގެ ޤާނޫނީ ވަކީލުން ބައިވެރިވެވަޑައިގެންނެވިއެވެ.