ޚަބަރު

ފޮނަދޫ މަގުހެދުން: ދެވަނަ ފިޔަވަހީގެ ހޮޅި ވަޅުލުން ނިމުމަކާ ގާތަށް


މީހުން ދިރިއުޅޭ ރަށްރަށުގެ މަގުތަކުގައި ފެންބޮޑުވެ ޢާންމުންނަށް ދަތިވާގޮތަށްހުރި ގިނަ ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. މިފަދައިން މަސައްކަތް ކުރިއަށްދާ އެއް ރަށަކީ ލ.ފޮނަދޫއެވެ. ލ.ފޮނަދޫގައި މިހާރު ކުރިއަށްދަނީ ދެވަނަ ފިޔަވަހީގެ ދަށުން މަގުތައް ހެދުމުގެ މަސައްކަތެވެ.

ލ.ފޮނަދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. ފޮނަދޫގެ 3.64 ކިލޯމީޓަރުގެ މަގުތަކުގައި ތާރުއަޅައިގެން ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން މިހާރުކުރިއަށްދަނީ ސެޓްލްމަންޓް ޓޭންކްތައް ބެހެއްޓުމުގެ މަސައްކަތްތައްކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. އަދި މަގުތަކުގައި ޤާއިމުކުރާ ފެންހިންދާ ނިޒާމުގެ ހޮޅިތައް އެޅުމުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

މިމަސައްކަތުގެ %93 މިހާރު ފުރިހަމަކުރެވިފައިވާކަމަށް އެމްޓީސީސީއިން ވިދާޅުވެއެވެ. ދެވަނަ ފިޔަވަހީގެ ދަށުން ފޮނަދޫގެ މަގުތައް ތަރައްޤީކުރުމަށް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 53.99 މިލިއަން ރުފިޔާއަށެވެ.

ފޮނަދޫ މަގުހެދުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 13 މަގެއް ތާރުއަޅައިގެން ނިންމާފައިވަނީ 2019ވަނަ އަހަރުގައެވެ. އެމްޓީސީސީއިންވަނި އެފަހަރު ފޮނަދޫގައި 3.5 ކިލޯމީޓަރުގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްޤީކޮށްފައެވެ. މިމަގުތައްވެސް ތަރައްޤީކޮށްފައިވަނީ ފެންހިންދާ ނިޒާމާއި ހިނގާ މީހުންނަށް ޚާއްސަކޮށް ޕޭމަންޓަކާއެކުގައެވެ. ފުރަތަމަ ފިޔަވަހީގައި ތަރައްޤީކޮށްފައިވަނީ ފޮނަދޫގައި ހުރި ސަރުކާރު އޮފީސްތަކާއި ސްކޫލްތަކާއި މިސްކިތަތައް ހިމެނޭ މަގުތަކުގައެވެ.