ޚަބަރު

އަމީތާބަށް 80 އަހަރު: އާދައިގެ ރޯލަކުން، ބޮލީވުޑްގެ ޝެހެންޝާހަށް


ހިންދީ ސިނަމާގެ ރަސްކަންކުރާ، މުޅި އިންޑިއާއާއި ދުނިޔެއަށްވެސް މަޝްހޫރު ބޮލީވުޑް މެގަސްޓަރ އަމީތާބް ބައްޗަން އަކީ އިތުރު ތަޢާރަފަކަށް ބޭނުންވާނެ އެކްޓަރެއްނޫނެވެ.

50 އަހަރަށް ވުރެ ގިނަ މުއްދަތަކަށް ހިންދީ ސިނަމާގައި މަސައްކަތްކޮށްފައިވާ އަމީތާބަކީ ޒަމާނާއި އެއްގޮތަށް ބަދަލުވަމުން އަންނަ ހުނަރުވެރި އެކްޓަރެކެވެ. ކެރިއަރުގައި އެކި މަރުހަލާތައް ކަޑައްތުކޮށްފައިވާ އެކްޓަރެއްވެސް މެއެވެ.

1969 ވަނަ އަހަރު ރިލީޒްކުރި "ސާތު ހިންދުސްތާނީ" އިން ފިލްމީ ދާއިރާއަށް ތަޢާރަފުވި އަމީތާބު، އޭނާގެ ފިލްމީ ކެރިއަރު ފެށީ ވަރަށްވެސް އާދައިގެ ގޮތަކަށެވެ. ދިމާވި އެކި ގޮންޖެހުންތަކާއެކުވެސް މަސައްކަތަށް އޮތް ލޯތްބާއި ޝަޢުގެއްގެ ބޮޑުކަމުން ހިންދީ ސިނަމާގައި ފައިތިލަ ސާބިތުކޮށްލަން އަމީތާބަށް މާބޮޑު ކަމަކަށް ނުވިއެވެ.

އެގޮތުން 1970 ގެ އަހަރުތަކާއި 1980 ގެ އަހަރުތަކުގައި އަމީތާބް ވެފައި ވަނީ މުޅި ހިންދީ ސިނަމާގެ ރަސްގެފާނަށެވެ. ބޮކްސް އޮފީހުގައި މާރަނގަޅު އާމްދަނީއެއް ފިލްމުތަކަށް ނުލިބުނު ނަމަވެސް، ފިލްމުތައް އާއްމުންގެ މެދުގައި ހިނގާނެކަން އަމީތާބު ވަނީ ސާބިތުކޮށްދީފައެވެ. އަދި އެތައް ބައެއްގެ ލޯތްބާއި އިޙްތިރާމް އޭނާ ވަނީ ހޯދާފައެވެ.

ހިންދީ ސިނަމާގެ އެންމެ މަޤުބޫލުކަން ލިބިފައިވާ މެގަސްޓަރ އޭނާގެ 80 ވަނަ އުފަންދުވަސް ފާހަގަ ކުރަމުންދާއިރު، މި ފަހަރު މި ބަލާލަނީ އަމީތާބުގެ ކެރިއަރުގެ ތަފާތު މަރުހަލާތަކަށެވެ.

ފިލްމް އިންޑަސްޓްރީއާއި އަމީތާބުގެ އާއިލާގެ މާބޮޑު ސީދާ ގުޅުމެއް ނެތްނަމަވެސް، މި ދާއިރާއަށް ވަނުމުގެ ކުރިން އަމީތާބު ވަނީ ބާޑް އެންޑް ކޮމްޕެނީ ނަމަކަށް ކިޔާ ކުންފުންޏެއްގައި ބިޒްނަސް އެގްޒެކެޓިވްއެއްގެގޮތުގައި ތިއޭޓަރ ދާއިރާގައި މަސައްކަތްކޮށްފައެވެ.

ފިލްމީ ދާއިރާއިން އަމީތާބަށް އެންމެ ފުރަތަމަ ފުރުޞަތު ލިބުނީ 1969 ގައި ނެރުނު މަޝްހޫރު ޑިރެކްޓަރ މްރީނަލް ސެންގެ ނެޝެނަލް އެވޯޑް ޙާސިލުކޮށްފައިވާ ފިލްމު "ބުވަން ޝޯމް"އިންނެވެ. ނަމަވެސް އެއީ އެކްޓްކުރާކަށް ނޫނެވެ. ފިލްމުގައި އަމީތާބު މަސައްކަތް ކުރީ ނެރޭޓަރެއްގެގޮތުގައެވެ. ސީދާ އެކްޓިންގެ ތެރެއަށް ވަދެވުނީ ހަމަ އެއަހަރު ނިކުތް "ސާތު ހިންދުސްތާނީ" އިންނެވެ.

ޚްވާޖާ އަޙްމަދު އައްބާސްގެ މި ފިލްމަކީ ޕޯޗުގީޒް އިސްތިޢުމާރީންގެ އަތްދަށުން ގޯއާ މިނިވަން ކުރަން މަސައްކަތް ކުރާ 7 މީހެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. މި ފިލްމާއި "އާނަންދު"، "ބަވަރޗީ"، "ގަރަމް މަސާލާ"، "ރޭޝްމާ އައުރް ޝެރާ" ފަދަ އަމީތާބުގެ ކުރީގެ ގިނަ ފިލްމުތަކުގައި އޭނާ އަކީ ރާޖޭޝް ކަންނާގެ ފަދަ މަޝްހޫރު ތަރިންގެ ސަޕޯޓިން އެކްޓަރެކެވެ.

އަބީތާބު ކުޅުނު ފިލްމުތަކުގެ ތެރެއިން 1973 ގައި ނެރުނު "ޒަންޖީރު" ގެ ކުރިންވެސް އަމީތާބަށް ވަނީ އޭނާގެ ތަފާތު ރޯލުތަކަށް އާއްމުންގެ ތަޢުރީފު ލިބެންފަށާފައެވެ.

އެހެންނަމަވެސް އަމިއްލަ މީހާގެ އެކްޓިންގެ ހުނަރު ރަނގަޅަށް ދައްކާލުމުގެ ފުރުޞަތު އަމީތާބަށް ލިބި، ހިންދީ ސިނަމާއިން ދެން އެންމެ އަވަހަށް ފެންނާނެ މެގަރ ސްޓަރއަކީ ހަމައެކަނި ރޮމޭންޓިކް ހީރޯ އެއް ނޫންކަން ފިލްމް "ޒަންޖީރު" އިން ބެލުންތެރިންނަށް އޭނާ ކަށަވަރުކޮށްދިނެވެ.

ރިޝްވަތުގެ ނުބައި ކަމުން މުޅި ޤައުމު ކަޅުވެފައިވާ އެ ޒަމާނުގައި އަމީތާބު ނިކުތީ އެ ހުރިހާ ކަމެއް ކޮންޓްރޯލު ކުރުމަށެވެ. އެކަންކަމާމެދު އާއްމުން ހޭލުންތެރިކުރުމަށެވެ. 'ޒަންޖީރު' ގައި ފުލުހެއްގެ ރޯލު އަދާކުރިއިރު، 1975 ގައި ނެރުނު 'ދީވާރު' ގައި އަމީތާބު ފެނުނީ ނާއިންސާފުވެރި ޤާނޫނާއި ދެކޮޅަށް އުޅޭ މީހެއްގެ ގޮތަށެވެ.

ނުހައްގު ނިޒާމަކާ ހަނގުރާމަ ކުރަމުން ދިޔައިރު "ޒަންޖީރު" އިން ފެށިގެން 1975 ގައި ނެރުނު މަޝްހޫރު ފިލްމު "ޝޯލޭ" ގައިވެސް އަމީތާބު ކުޅުނީ އެކްޝަން ހީރޯއެއްގެ ރޯލެވެ. އަދި އެ ޒަމާނުގެ ވަރުގަދަ އެކްޝަން ހީރޯއެއްގެ ގޮތުގައި އަމީތާބުގެ ނަން އޮތީ ފާހަގަވެފައެވެ.

ހިންދީ ސިނަމާގައި މިހާތަނަށް ނެރުނު އެންމެ އައިކޯނިކް އެއް ފިލްމުކަމަށްވާ "ޝޯލޭ" ބީ.ބީ.ސީ އިންޑިއާއިން ސިފަކޮށްފައިވަނީ "ފިލްމް އޮފް ދަ މިލޭނިއަމް"ގެ ގޮތުގައެވެ. އަދި ހިންދުސްތާން ޓައިމްސްއިން މި ފިލްމް ސިފަކޮށްފައިވަނީ "ފިލްމް އޮފް ދަ ސެންޗަރީ"ގެ ގޮތުގައެވެ.

ފިލްމީ ކެރިއަރުގެ ރަން އަހަރުތައް އަމީތާބަށް ފެށުނީ 1975 ވަނަ އަހަރުން ފެށިގެންނެވެ.

ކެރިއަރުގައި މިހާ ގިނަ ދުވަސް ހޭދަކޮށްފައިވާއިރު، މޮޅު ކޮމެޑީ ފިލްމުތައްވެސް އަމީތާބު ކުޅެފައިވާކަން މިހާރު ފަހަރެއްގައި ހަނދާން ނެތިދާނެއެވެ. ނަމަވެސް 70 ގެ އަހަރުތަކުގެ ތެރޭގައި ދެއްކި "ހެރާ ފެރީ" އާއި "ޗުޕްކޭ ޗުޕްކޭ" ފަދަ ފިލްމުތަކަކީ އަމީތާބު ކުޅެފައިވާ މޮޅު ކޮމެޑީ ފިލްމުތަކެވެ.

އަމީތާބުގެ ކުރިން އައި ތަރިން ފަދައިން އޭނާއަށް ވެސް ރޮމޭންޓިކް ބަޠަލަކަށް ވެވޭނެ ކަން ދައްކާލަން އޭނާ ބޭނުންވިއެވެ.

އެގޮތުން 1976 ގައި ނެރުނު ޔަޝް ޗޯޕްޅާގެ "ކަބީ ކަބީ" އާއި 1981 ގައި ނެރުނު ރާމް ބަލްރާމް ޗޯޕްރާގެ "ސިލްސިލާ" އަކީ އަމީތާބްގެ ރޮމޭންޓިކް ފިލްމެއް ބަލަން ބޭނުންނަމަ ކޮންމެހެންވެސް ބަލާލަން ޖެހޭ ދެ ފިލްމެވެ. މި ފިލްމުތަކަކީ ފިލްމާ އެއްވަރަށް ފިލްމުގައި ހިމެނޭ ލަވަތައްވެސް އާއްމުންގެ ތެރޭގައި ވަރަށް ބޮޑަށް މަޤުބޫލުވެގެންދިޔަ ލަވަތަކެކެވެ.

80 ގެ ފަހުކޮޅުވެސް ރަނގަޅު ހިޓް ފިލްމުތަކެއް ބެލުންތެރިންނަށް ދޫކޮށްލާފައިވާ އަމީތާބުގެ ވިދުން ދާއިރާގައި އޮތް ވާދަވެރިކަމާއެކު އެދުވަސްވަރު ކޮންމެވެސް ވަރަކަށް ފަނޑުވިއެވެ. 1980 ގެ އަހަރުތަކުގައި އޭނާ ކުޅުނު ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "ސައްތޭ ޕޭ ސައްތާ'"، "ނަމާކް ހަލާލް"، "އަންދާ ޤާނޫން"، "ކޫލީ"، "މާރްދު" ފަދަ ފިލްމުތައް ހިމެނެއެވެ.

އޭނާ އަބަދުވެސް ފެންނަ" "ވިޖޭ' ކެރެކްޓަރ އަށް ބޮޑު ކަމްބެކެއް ލިބުނީ 1988 ވަނަ އަހަރު ރިލީޒްކުރި "ޝަހެންޝާހް" އިންނެވެ. އެ ކެރެކްޓާގައި އަމީތާބު ދުވާލުގެ ވަގުތު ފުލުހެއްގެ ގޮތުގައި، އަދި ރޭގަނޑު ފެންނަނީ ކްރައިމް ފައިޓަރ އެއްގެ ގޮތުގައެވެ. ފިލްމުގައި ޝެހެންޝާހުގެ ރޯލު ކުޅުމަށް އަމީތާބު ބޭނުންކޮށްފައިވާ ކޮސްޓިއުމާއި އޭނާގެ "ލުކް" ވަރަށް ގިނަ ބަޔަކަށް ކަމުދިޔައެވެ.

އެންގްރީ ޔަންގް މޭންގެ ރޯލުތަކަކަށްފަހު، 2000 ގެ އަހަރުތަކާއެކު އަމީތާބު ދެން ބަދަލުވީ ވަރަށް ގޮތް ދޫނުކުރާ މީހުންނާއި ނުގުޅޭ ކެރެކްޓާއަކަށެވެ.

އެގޮތުން 2000 ވަނަ އަހަރު ނެރުނު "މޮހައްބަތޭން" އާއި 2001 ވަނަ އަހަރު ރިލީޒްކުރި"ކަބީ ޚުޝީ ކަބީ ގަމް" ފަދަ ފިލްމުތަކުގައި އަމީތާބު ފެނިފައިވަނީ ހަރުކަށި ބައްޕައެއް ގޮތުގައެވެ.

"މުހައްބަތޭން" ގައި ފިރިހެން ކުދިންގެ ކޮލެޖެއްގެ ހަރުކަށި ޕްރިންސިޕަލްގެ ރޯލު ފެނުނުއިރު، "ކަބީ ޚުޝީ ކަބީ ގަމް" ގައި އޭނާ ފެނުނީ ފިރިހެން ދަރިފުޅު އޭނާ ބޭނުންވާ އަންހެން ކުއްޖަކާއި ކައިވެނިކުރުވަން އުޅުނު ގޮތްދޫނުކުރާ ބައްޕައެއް ރޯލުންނެވެ.

ނަމަވެސް މި 2 ފިލްމަކީވެސް ބޮލީވުޑްގައި ކާމިޔާބު 2 ފިލްމެވެ. އަމީތާބާއެކު މި 2 ފިލްމުގައިވެސް ބޮޑު ސްޓަރ ކާސްޓެއް ފެނިގެންދިޔައެވެ.

ކުރިންވެސް ފާހަގަކުރިގޮތަށް އަމީތާބަކީ އޭނާ ބޭނުންވާ ކެރެކްޓާއަކަށް ފަސޭހަކަމާއި ހުނަރުވެރިކަމާއި އެކީގައި އަމިއްލަ މީހާ ބަދަލުކޮށްލާ އެކްޓަރެކެވެ. އަދި އަމީތާބަށް އިންޑަސްޓްރީގައި މިހާ ގިނަ ދުވަސް ހޭދަކުރުމުގެ ސިއްރަކީވެސް އޭނާގެ މި ހުނަރުކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

1970 އިން ފެށިގެން 2000ގެ ކުރީކޮޅުގައި އަމީތާބު ކުޅުނު ގިނަ ފިލްމުތަކާ ޚިލާފަށް، އަމީތާބު ފަހުން ފެނިފައިވަނީ ވަރަށް ތަފާތު ކެރެކްޓާތަކެކެވެ.

އެގޮތުން 2008 ގައި ނެރުނު "ބޫތުނާތު"، 2009 ގައި ނެރުނު "ޕާ"، 2015 ގައި ނެރުނު "ޕީކޫ" އަދި 2016 ގައި ނެރުނު "ޕިންކް" އާއި 2018 ގައި ނެރުނު "102 ނޮޓް އައުޓް" ފަދަ ފިލްމުތަކުގައި އަމީތާބު ކުޅެފައިވަނީ އާންމު ދިރިއުޅުމުގައި އުޅޭ ކަހަލަ ބައްޕަ އެއް ނުވަތަ ކާފައެއްގެ ރޯލެވެ. ނަމަވެސް ދައްކުވައިދިން ކެރެކްޓަރއާއި ސްޓައިލް މިއިން ކޮންމެ ފިލްމެއްގައިވެސް ތަފާތެވެ.

"ޕީކޫ" ގައި އަމީތާބަކީ ތަންކޮޅެއް ބޮލަށް އުނދަގޫވާ ކަހަލަ ނަމަވެސް ވަރަށް އަންޑަސްޓޭންޑިންގް ވާހަކަތަކެއް ދައްކާ ބައްޕައެކެވެ. "ޕިންކް" ގައި އަމީތާބަކީ ޒުވާން އަންހެން ކުދިން ތަކަކަށް ދިމާވާ ކަންތައްގަނޑެއްގެ ތެރެއަށް އަމިއްލައަށް ވަންނަ ދުވަސްވީ ލޯޔަރެކެވެ. އެ އުމުރުގެ އެހެން މީހުންނާއި ޚިލާފަށް އެކުދިންގެ ކަންބޮޑުވުންތައް އަމީތާބަށް ނަގައިގަނެވެއެވެ.

މި ފިލްމުތަކަށްފަހު އަމީތާބު ދެން ގިނައިން ފެންނަން ފެށީ ދުވަސްވީ މީހެއްގެ ގޮތުގައި ހުރެ ކުޅޭ ހެއްވާ މަޖާ ރޯލުތަކުންނެވެ. "ޝަމީތާބް"، "ގުލާބޯ ސިތާބޫ"، "ބުއްޑާ ހޯގާ ތެރާ ބާޕް" ފަދަ ފިލްމުތަކުގައި އަމީތާބު ފެނިފައި ވަނީ ވަރަށް މަޖާ ކެރެކްޓާތަކުންނެވެ.

ކޮންމެއަކަސް އަމީތާބުގެ 53 އަހަރުވީ ފިލްމީ ކެރިއަރުގައި އޭނާ ވެފައިވަނީ ބެލުންތެރިންގެ ލޯތްބާއި މަޤުބޫލުކަމުގެ އިތުރަށް ދާއިރާގައި މަސައްކަތްކުރާ ގިނަ ބައެއްގެވެސް އިތުބާރާއި އިޙްތިރާމް ހޯދާފައިވާ ނުފޫޒުގަދަ ޝަހުސިއްޔަތަކަށެވެ. ސަޕޯޓިންގ ރޯލުތަކުން ފެށުނު ދަތުރުގައި މިއަދު އޭނާއަކީ ބޮލީވުޑްގެ "ބިގް ބީ" ނުވަތަ "ޝެހެންޝާހު"އެވެ.