ޚަބަރު

މެމްބަރުންގެ ޢަދަދު ހިފެހެއްޓުމަށް ހުށަހެޅުއްވި އިސްލާޙު ބަލައިނުގަތުމަށް ފާސްކޮށްފި!


ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޢަދަދު 87ގައި ހިފެހެއްޓުމަށް، ޤާނޫނު އަސާސީއަށް ހުށަހެޅުއްވި އިސްލާހު ބަލައިނުގަތުމަށް މަޖިލީހުން ފާސްކޮށްފިއެވެ.

ޤާނޫނު އަސާސީއަށް މިއިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމެވެ. ބިލު ބަލައިގަތުމާމެދު ނެގި ވޯޓުގައި މަޖިލީހަށް ބިލު ބަލައި ގަންނަނަން ވޯޓު ދެއްވީ 7 މެމްބަރެކެވެ. ބިލު ބަލައި ނުގަންނަން 25 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

މިއިސްލާހަކީ ޤާނޫނު އަސާސީގައި މެމްބަރުންގެ އަދަދަކީ 87 ކަމަށް ކަނޑައަޅައި އެއަށްވުރެ އިންތިޚާބީ ދާއިރާތައް އިތުރުނުވާނޭ ގޮތަކަށް ޤާނޫނު އަސާސީގައި ކަނޑައެޅުމަށްޓަކައި ހުށަހަޅުއްވި އިސްލާހެކެވެ. އަދި މިއިސްލާހުގައި ވާގޮތުން ކޮންމެ އިންތިޚާބީ ދާއިރާއަކުން އިންތިޚާބު ކުރެވޭނީ އެއް މެމްބަރަކު ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ޤާސިމްގެ އިސްލާހުގައި ވަނީ މެމްބަރުންގެ އަދަދު ކޮންމެ 5 އަހަރެއްގެ ދައުރެއް ނިމޭއިރު އިތުރުވާގޮތަށް އޮވެއްޖެނަމަ އެއީ ރާއްޖެފަދަ ކުޑަ ޤައުމެއްގެ ޤާނޫނުހަދާ މަޖިލީހަށް އެކަށީގެންނުވާ އަދަދަކަށް ވެދާނެކަމަށެވެ. އަދި މިގޮތަށް މެމްބަރުންގެ އަދަދު އިތުރުވާނަމަ އެއީ އިޤްތިޞާދީ ގޮތުންނާއި، އެނޫން ގޮތްގޮތުންވެސް ގޮންޖެހުން ކުރިމަތިވެދާނެ ކަމެއްކަމަށް ފެނިވަޑައި ގަންނަވާ ކަމަށް ޤާސިމްގެ އިސްލާހުގައި ވިދާޅުވެފައިވެއެވެ.

އާ ޤާނޫނު އަސާސީގެ ދަށުން މިހާތަނަށް ބޭއްވި ކޮންމެ އިންތިޚާބެއްގައިވެސް މަޖިލީހުގެ އިދާރީ ދާއިރާތައް ވަނީ އިތުރުވެފައެވެ. އެގޮތުން 2009ވަނަ އަހަރު ބޭއްވި މަޖިލީހުގެ އިންތިޚާބުގައި 77 މެމްބަރުން އަދި 2014ވަނަ އަހަރުގައި 85 މެމްބަރުން އަދި މިހާރު ކުރިއަށްދާ 19ވަނަ މަޖިލީހުގައި 87 މެމްބަރުން ތިއްބަވައެވެ.

ޤާނޫނު އަސާސީގައި މިހާރު ބުނާގޮތުން ކޮންމެ 5،000 މީހުންގެ އާބާދީއަކަށް މެމްބަރަކު އިންތިޚާބު ކުރަންޖެހެއެވެ.