ޚަބަރު

ގާތްގާތުގައި ބާއްވަންޖެހޭ އިންތިޚާބުތަކަށް ބޮޑު ހޭދައެއް، ޙައްލު ހޯދަން މެމްބަރުން ތާއީދު!


ލޯކަލް ކައުންސިލްތަކާއި އަންހެންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް އިންތިޚާބުކުރެވޭ ބޭފުޅުން އިސްތިއުފާ ދެއްވުމުން ނުވަތަ އެނޫން ހާލަތަކުން ގޮޑި ހުސްވުމުން އިރުއިރުކޮޅާ އިންތިޚާބު ބާއްވަން ކުރާ ހޭދަތައް ކުޑަކުރުމަކީ ގެންނަން ޖެހޭ މުހިންމު ބަދަލެއްކަމަށް މަޖިލީހުގެ ގިނަ މެމްބަރުން ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލްތަކުގެ ޤާނޫނަށާއި އިންތިޚާބާބެހޭ ޤާނޫނަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ހުށަހެޅުއްވި އިސްލާހުގެ ބަހުސްގައި ވާހަކަ ދެއްކެވި ގިނަ މެމްބަރުން ވަނީ ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހަކީ ޤާނޫނީ ގޮތުން ހައްލު ހޯދަންޖެހޭ ރައްޔިތުންނާ ގުޅުންއޮތް މުހިންމު އިސްލަހެއްގެ ގޮތޮތުގައި ފާހަގަކުރައްވާފައެވެ.

މިބިލުގެ ބަހުސް މަރުހަލާގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަޙްމަދު އަބްދުﷲ ވިދާޅުވީ ތަރައްޤީއަށްޓަކައި ހޭދަކުރަންހުރި ފައިސާއިން ބޭކާރު ޚަރަދުތަކެއް ކުރެވޭނަމަ އެކަން ހުއްޓުވުމަށް މަސައްކަތް ކުރުމަކީ ކުރަންޖެހޭ ކަމެއްކަމަށެވެ. އިންތިޚާބުތައް އިރުއިރުކޮޅާ ބޭއްވުމަކީ ބޮޑު ޚަރަދެއް ހިނގާކަމަކަށްވާއިރު ކޮންމެ މަހަކު އެތައް އިންތިޚާބެއް ބޭއްވުމުގެ ބަދަލުގައި މިކަމަށް ހައްލެއް ގެނެވޭނެ ގޮތްތަކެއް ހޯދުން މުހިންމުކަމަށް އޭނާ ވިދާޅުވިއެވެ. އިންތިޚާބަށް ކުރާ ޚަރަދަކީވެސް ރައްޔިތުންގެ މާލިއްޔާއިން ކުރާ ޚަރަދަކަށްވާއިރު މިޚަރަދުތައް ވީހާވެސް ކުޑަވާނެ ގޮތަކަށް ކުރުމަކީ ޤައުމުގެ ލާބަޔާއި މަންފާއަށް އޭގެ ފައިދާ ކުރާނެ ކަމެއްކަމަށް އަހުމަދު ވިދާޅުވިއެވެ.

މިބަލަށް ވާހަކަ ދައްކަވަމުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް އެންމެ ބޮޑު ފުރުސަތެއް ތަނަވަސް ކޮށްދެއްވީ މިސަރުކާރުން ކަމަށެވެ. މަރުކަޒީ ނިޒާމެއްގެ ތެރެއިން ހިންގި ބާރުވެރި ވެރިކަމުގެ ނިޒާމަށް ބަދަލު ގެނެސް ކައުންސިލްތަކަށް ބާރުތައް ދޫކޮށްލަން ކެރުނު ވެރިޔަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ކަމަށް ޝިފާއު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މިސަރުކާރަކީ ލާމަރުކަޒީ ނިޒާމު އުލުބައިންދާނެ ސަރުކާރެއް ނޫން. ރައީސް ޔާމީންގެ 7 އަހަރުގެ ވެރިކަން އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ލާމަރުކަޒީ ނިޒާމު ކުދިކޮށް ކޮށައި އެނިޒާމު އުލުބޭންދިތަން. އަޅުގަނޑުމެން އެކަން ބަދަލުކޮށް، އިންގިލާބީ ބަދަލު މުޅި ރާއްޖެއަށް ލާމަރުކަޒީ އުސޫލުން މިގެންނަނީ." ޝިފާއު ވިދާޅުވިއެވެ.

ލާމަރުކަޒީ ޤާނޫނަށް ހުށަހެޅިފައިވާ އިސްލާހާ ގުޅިގެން ބައެއް މެމްބަރުން ދެއްކެވި ވާހަކަތަކަށް އިޝާރާތްކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގެ މުގައްރިރު ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވީ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ދައުލަތަށް ޚަރަދު ކުޑަވާނެގޮތަކަށް ހުށަހެޅި މުހިންމު އިސްލާހެއްކަމަށެވެ. ރަށްރަށުގައި އަންހެނުންނަށް ބަސްބުނުމުގެ ޖާގަ ތަނަވަސްކޮށް އެފުރުސަތު ފަހިވެފައިވާއިރު، އިރުއިރުކޮޅާ ރައްޔިތުން އިންތިޚާބުކުރާ ބޭފުޅުން މަޤާމުތަކުން އިސްތިއުފާ ދޭ ސަބަބަކީ ބަލަންޖެހޭ ކަމެއްކަމަށް ނިޔާޒު ވިދާޅުވިއެވެ.

މެމްބަރު ޝަފީގު ހުށަހެޅުއްވި އިސްލާހުގައި ޤާނޫނުގައި މިހާރު ބުނެފައިވާ މުއްދަތަށް ބަދަލު ގެނައުމަށް ވަނީ ހުށަހަޅާފައެވެ. އެގޮތުން އިންތިޚާބެއް ބާއްވަން ޖެހިއްޖެނަމަ 365 ދުވަހުގެ ތެރޭގައި އިންތިޚާބު ބޭއްވުމަށް ވަނީ ހުށަހަޅާފައެވެ. ދެ، ބައި-އިލެކްޝަނެއްގެ ދެމެދުގައިވާ މުއްދަތު 365 ދުވަހަށްވުރެ ދިގު އަދި 300 ދުވަހަށްވުރެ ކުރުވެގެން ނުވާނެކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ.