ނަފްސާނީ ބަލީގެ ޚާއްސަ ޑޮކްޓަރުންނަށް އޮންލައިންކޮށް ދެއްކޭނެ އިންތިޒާމު ލ.އަތޮޅު ރީޖަނަލް ހޮސްޕިޓަލުގައި ޤާއިމުކޮށްފިއެވެ.
އެއަތޮޅުގެ ރަށްރަށުގައި ހުރި ހުރިހާ ސިއްޙީ މަރުކަޒުތައް މެދުވެރިކޮށް ހުރިހާ ރަށަކުންވެސް އިއްޔެއިންފެށިގެން މިޚިދުމަތް ލިބޭނެކަމަށް ގަމު ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވެއެވެ.
ބައިނަލްއަޤުވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މުނާސަބަތުގައި ލ.އަތޮޅު ރީޖަނަލް ހޮސްޕިޓަލުންވަނީ ނަފްސާނީ ބަލިތަކުގެ ޚާއްސަ ޑޮކްޓަރުންނަށް ދެއްކޭނެ އިންތިޒާމު މުޅިއަތޮޅަށް ފުޅާކޮށްފައެވެ. އޮންލައިންކޮށް ޚިދުމަތްދިނުމަށް ހަމަޖެހިފައިވާއިރު އަތޮޅުގެ އެހެން ރަށްރަށުން ޑޮކްޓަރަށް ދައްކަން ބޭނުންވާ ފަރާތްތަކަށް ޚާއްސަ 4 އެޕޮއިންޓްމަންޓް ކޮންމެ ދުވަހަކުވެސް ހަމަޖެހިފައި ހުންނާނެކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ.
ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން ގަމު ރީޖަނަލް ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝިޔާމް ވިދާޅުވީ ކޮންމެ ސިއްޙީ މަރުކަޒެއްގައިވެސް މިކަމަށް ޚާއްސަ ފޯކަލް ޕޮއިންޓެއް ހުންނާނެކަމަށެވެ. އަދި އެފަރާތް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހަމަޖެހޭނެކަމަށެވެ. ފަށައިގަންނައިރު 4 އެޕޮއިންޓްމަންޓް އެކަނި ރަށްރަށަށް ހަމަޖެހިފައިވީނަމަވެސް ހޮސްޕިޓަލްގެ އަމާޒަކީ ޑިމާންޑް އިތުރުވާ މިންވަރަކަށް އެޕޮއިންޓްމަންޓްގެ ޢަދަދު އިތުރުކުރުންކަމަށް ޝިޔާމް ވިދާޅުވިއެވެ. މިވަގުތުވެސް ލ.އަތޮޅުގެ ހުރިހާ ރަށެއްގައި ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުންދާ މީހުން ތިބިއިރު އޮންލައިންކޮށް ދެއްކެން ފެށުމާއެކު ގަމު ރީޖަނަލް ހޮސްޕިޓަލަށް އައިސްގެން ޚިދުމަތް ހޯދުމަށް އުފުލި ބުރައަށް ޙައްލެއް ލިބި ޚިދުމަތް ހޯދުމަށް ފަސޭހަވެގެންދާނެކަމަށް އެހޮސްޕިޓަލުން ދެކެއެވެ. ކުރިއަށް އޮތްތަނުގައި މިޚިދުމަތް ކައިރި އަތޮޅުތަކަށް ފުޅާކުރުމަށް ގަމު ރީޖަނަލް ހޮސްޕިޓަލުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މިއަދުން ފެށިގެން ވީޑިއޯ ކޯލް މެދުވެރިކޮށް ނަފުސާނީ ބަލިތަކުގެ ޚާއްސަ ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމް ލ. އަތޮޅުގެ ހުރިހާ ހެލްތު ސެންޓަރެއްގައި މިވަނީ ޤާއިމް ކުރެވިފައި. ކުރިމަގުގައި މިޚިދުމަތް އަވަށްޓެރި އަތޮޅުތަކަށް ފުޅާ ކުރެވޭނެ.#WorldMentalHealthDay pic.twitter.com/7zCAoa9J45
— Gamu Regional Hospital (@GRH_MV) October 10, 2022
ނަފްސާނީ ބަލިތަކަށް ޚާއްސަކޮށް ދޭ ބޭހަކީ ހުރިހާ ބޭސް ފިހާރައަކުން ލިބެން ހުންނަ ބޭސްތަކަކަށް ނޫނެވެ. އެހެންކަމުން އޮންލައިންކޮށް ޑޮކްޓަރަކަށް ދައްކާ ފަރާތްތަކުގެ ބޭސް ސިޓީއަށް އެސްޓީއޯ މެދުވެރިކޮށް ބޭސް އެރަށްރަށުގެ ފާމަސީތަކަށް ހޯދުމުގެ އިންތިޒާމު ގަމު ރީޖަނަލް ހޮސްޕިޓަލުންވަނީ ހަމަޖައްސާފައެވެ.
ނަފްސާނީ ބައްޔަކީ އެމީހާއާއި މެދު މުޖުތަމަޢު ވަކިގޮތަކަށް ދެކޭ ބައްޔެއްގެ ގޮތުގައި އޮންނަ ޤަބޫލުކުރުންތަކާއެކު ވަރަށް ގިނަ މީހުން ޑޮކްޓަރަށް ދައްކަން ފަސްޖެހޭކަމަށް ގަމު ރީޖަނަލް ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝިޔާމްވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން މިފަދަ ބަލިތައް ހުންނަ މީހުން ދެނެގަނެ އެފަދަ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމަށް ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާކަމަށް ޝިޔާމް ވިދާޅުވިއެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލްގައި މިވަގުތު ނަފްސާނީ ބައްޔަށް ފަރުވާދެމުން އަންނަނީ އެކަމަށް ޚާއްސަ 2 ޑޮކްޓަރުންނެވެ. މިވަގުތު އެއްވެސް ތެރަޕީއެއް ދެވެން ނެތްނަމަވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ނަފްސާނީ ބައްޔަށް ޚާއްސަ މެންޓަލް ހެލްތު ޔުނިޓެއް ޤާއިމުކުރުމަށް ގަމު ރީޖަނަލް ހޮސްޕިޓަލުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ނަފްސާނީ ބައްޔާއި މެދު ޢާއްމުން ހޭލުންތެރިކޮށް ފަރުވާގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އައިޖީއެމްއެޗްގެ އިތުރުން ހުޅުމާލޭގައި މެންޓަލް ހެލްތު ސެންޓަރު ޤާއިމުކޮށްފައިވާއިރު އަތޮޅުތެރޭގެ ހުރިހާ ރީޖަނަލް ހޮސްޕިޓަލެއްގައި މިޚިދުމަތް ދެވޭނެ އިންތިޒާމު ޤާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.