ޚަބަރު

ނަފްސާނީ ބަލި އޮތް މިންވަރު ދެނެގަތުމަށްޓަކައި ޤައުމީ ފެންވަރުގެ ދިރާސާއެއް ކުރަނީ


ނަފްސާނީ ބަލި ރާއްޖޭގައި އޮތް މިންވަރު ދެނެގަތުމަށްޓަކައި ޤައުމީ ފެންވަރުގެ ދިރާސާއެއް ހެދުމަށް މިނިސްޓްރީ އޮފް ހެލްތުން ނިންމައިފިއެވެ.

ސަރުކާރުން އަންނަނީ ނަފްސާނީ ބައްޔަށް ފަރުވާ ދިނުމަށްޓަކައި ޚިދުމަތްތައް ފުޅާ ކުރުމުގެ މަސައްކަތުގެ ތެރެއިން ސެންޓަރުތައް ޤާއިމްކުރުމުގެ މަސައްކަތުގެ އިތުރަށް ފަރުވާދޭނެ މީހުން ބިނާކުރުމުގެ މަސައްކަތްތައްވެސް ކުރައްވަމުންނެވެ.

ނަފްސާނީ ބަލި ރާއްޖޭގައި އޮތް މިންވަރު ދެނެގަތުމަށްޓަކައި ޤައުމީ ފެންވަރުގެ ދިރާސާއެއް ކުރުމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑެޕިއުޓީ މިނިސްޓަރ އޮފް ހެލްތް މިނިސްޓްރީ ސަފިއްޔާ މުޙައްމަދު ސައީދު ވިދާޅުވީ ރާއްޖޭގައި މި ބަލި އޮތް މިންވަރު ދެނެގަތުމަކީ ވަރަށް މުހިއްމުކަމެއްކަމަށެވެ. މިގޮތުން މި ދިރާސާ ހެދުމަށްޓަކައި މިހާރު ތައްޔާރުވަމުން އަންނަކަމަށާއި، އެކަން ކުރުމަށްބޭނުންވާ ފައިސާ ހަމަޖެހުމުން، އަންނަ އަހަރުގެ ތެރޭގައި ދިރާސާ ކުރުމުގެ މަސައްކަތްތައް ފަށައިގަންނާނެކަމަށެވެ.

" އައިޖީއެމްއެޗްގައި ހުރި ސެންޓަރުންވެސް އެތައްބަޔަކު ޚިދުމަތް އެބަހޯދާ. ދިރާސާއެއް އެބަ ހަދަން ޖެހޭ. ދިރާސާ ހަދައިގެން ލިބޭ މަޢުލޫމާތުގެ އަލީގައި ޚިދުމަތްތައް މިއަށްވުރެ ފުޅާކުރުމަށް އެބަ ބޭނުންވޭ." ޑެޕިއުޓީ މިނިސްޓަރ އޮފް ހެލްތް މިނިސްޓްރީ ސަފިއްޔާ މުޙައްމަދު ސައީދު ވިދާޅުވިއެވެ.

މި ދިރާސާގައި ރާއްޖޭގައި ބަލި އޮތް މިންވަރުގެ މަޢުލޫމާތުތަކާއި ނަފްސާނީ ބަލީގެ ގޮތުގައި ފާހަގަކުރެވޭ ކަންތައްތަކުގެ މަޢުލޫމާތުތައް އެއްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ނަފްސާނީ ބަލި ތަޙައްމަލު ކުރާ މީހުން އެންމެ ގިނައިން ތިބި ސަރަޙައްދުވެސް ދެނެގަންނާއެވެ. އެއާއެކު ބޮޑަށް ޚިދުމަތްތައް ފުޅާ ކުރަންވީ ސަރަޙައްދުތައް އެނގި އިތުރު ކުރަންޖެހޭ ވަޞީލަތްތައް މި ދިރާސާގެ އެހީގައި އެނގިގެންދާނެކަމަށް ހެލްތް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.

ހެލްތް މިނިސްޓްރީން ވިދާޅުވީ މި ދިރާސާ ކުރާނީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް މިފަދަ ދިރާސާތައް ކުރަމުން އަންނަ މިންގަނޑުތަކާ އެއްގޮތަށްކަމަށެވެ.

ނަފްސާނީ ބައްޔަށް ފަރުވާ ހޯދާ މީހުންގެ ޢަދަދު އިތުރުވަމުން އަންނައިރު، އެ ބަލިން އަރައިގަތުމަށްޓަކައި ފަސޭހައން ފަރުވާ ހޯދޭނެ އިންތިޒާމްތައް އަންނަނީ ހަމަޖައްސަވަމުންނެވެ. މިގޮތުން 2019 ވަނަ އަހަރު އައިޖީއެމްއެޗްގައި ހުޅުވި މެންޓަލް ހެލްތް ސެންޓަރާއެކު މި ބައްޔަށް ފަސޭހައިން ފަރުވާ ލިބޭނެ އިންތިޒާމް ވަނީ ހަމަޖެހިގެންގޮސްފައެވެ. މިގޮތުން މިހާތަނަށް އެ ސެންޓަރުން މިހާތަނަށް 55000އަށް ވުރެ ގިނަ މީހުން ވަނީ ފަރުވާ ހޯދާފައެވެ.

އާސަންދައިގެ ދަށުން ހިލޭ ރައްޔިތުންނަށް މި ޚިދުމަތް ލިބޭނެ ގޮތް މާލެ ސަރަހައްދުގައި ސަރުކާރުން ހަމަޖައްސާފައިވެއެވެ. އަދި އެއްވެސް މީހަކު ބާކީ ނުކުރުމުގެ އުސޫލުގެ ދަށުން އަތޮޅުތެރޭގައި ވެސް މި ޚިދުމަތް ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.

އެގޮތުން މިހާރު ރާއްޖޭގެ 5 އަތޮޅަކުން ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމުގެ އިންތިޒާމު ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. އަދި ސަރުކާރުގެ "ސެންޓްރަލް އެންޑް ރީޖަނަލް މެންޓަލް ހެލްތު ޑިވެލޮޕްމަންޓް ޕްލޭން" ގެ ދަށުން ރީޖަނަލް ހޮސްޕިޓަލުތަކަށް ފަރުވާ ހޯދުމުގެ ޚިދުމަތް ފުޅާކޮށް އެ ތަންތަނުގައި ރީޖަނަލް މެންޓަލް ހެލްތު ސެންޓަރުތައް ޤާއިމުކުރުމުގެ މަސައްކަތްވެސް ވަނީ ފަށްޓަވާފައެވެ.