ނަފްސާނީ ދުޅަހެޔޮކަމާ ގުޅުންހުރި ދާއިރާތަކުން މާސްޓަރސް ފެންވަރަށް ކިޔެވުމަށް ފުރުޞަތު ލިބުނު ދަރިވަރުން ކިޔަވަން ފަށައިފިއެވެ.
ނަފްސާނީ ދުޅަހެޔޮކަމާ ގުޅުންހުރި ދާއިރާތަކުން މާސްޓަރސް ފެންވަރުގެ 30 ސްކޮލަރޝިޕަށް އެދުމުގެ ފުރުޞަތު ހުޅުވާލާނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް އިޢުލާން ކުރެއްވީ 2021 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ. އަދި ސެޕްޓެމްބަރު މަހު ސްކޮލަޝިޕަށް އެދުމުގެ ފުރުޞަތު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލިއެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، ނަފްސާނީ ދުޅަހެޔޮކަމާ ގުޅުންހުރި ދާއިރާތަކުން މާސްޓަރސް ފެންވަރަށް ކިޔެވުމަށް ހުޅުވާލި ފުރުޞަތަށް އެދުނު ދަރިވަރުންގެ ތެރެއިން އެ ފުރުޞަތު ލިބުނު 5 ދަރިވަރަކު މިހާރު ކިޔަވަމުން އަންނަކަމަށެވެ. މިގޮތުން މިހާރު "މާސްޓަރ އޮފް ސައިންސް އިން އެޑިކްޝަން ސްޓަޑީޒް" 5 ދަރިވަރަކު "މަލްޓާ" ޔުނިވަރސިޓީގައި އަންނަނީ ކިޔަވަމުންނެވެ. މި ދަރިވަރުން ކިޔެވަމުން އަންނަނީ ދަޢުލަތުން ޚަރަދުކޮށްގެންނެވެ.
މި ސްކޮލަރޝިޕްތަކުގެ ތެރެއިން ކޮންމެ ސްކޮލަރޝިފެއްވެސް ވަނީ އެ ސްކޮލަރޝިޕެއް ފުރިހަމަ ކުރާ ދަރިވަރު ދައުލަތުގެ ކޮންމެވެސް މުއައްސަސާއަކުން ކަނޑައަޅާ ތަނެއްގައި ޚިދުމަތްކުރުމަށް އެ މުއައްސަސާއަކަށް އެލޮކޭޓްކޮށްފައެވެ. އެހެންކަމުން، އެ ސްކޮލަރޝިޕެއް ފުރިހަމަކުރާ ދަރިވަރަކު އެލޮކޭޓްކޮށްފައިވާ މުއައްސަސާއިން ކަނޑައަޅާ ތަނެއްގައި ވަކި މުއްދަތަކަށް ޚިދުމަތް ކުރުމަށް ބޮންޑް ކުރެވޭގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި މއީ މާލެއާއި އަތޮޅުތަކުގައި ޚިދުމަތްކުރުމަށް މީހުން ތަމްރީންކުރުމުގެގޮތުން ހަމަޖައްސާފައިވާގޮތެކެވެ.
FIVE students selected under the "Mental Health and Learning Disabilities Scholarship 2021" to study for "Master of Science in Addiction Studies" have started their programme at University of Malta today. This programme is fully funded by the government.
— Ministry of Higher Education (@MoHEmv) October 10, 2022
ހެލްތް މިނިސްޓްރީން ހާމަކުރައްވާ ގޮތުގައި ނަފްސާނީ ކަންކަމަށް ފަރުވާ ދިނުމަށްޓަކައި މިވަގުތު ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މި ބައްޔަށް ފަރުވާ ދޭނެ ތަމްރީން ލިބިފައިވާ މީހުން މަދުވުމެވެ. އެހެންކަމުން މިދާއިރާއިން މީހުން ތަމްރީން ކުރުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.
ސަރުކާރުން އަންނަނީ ރާއްޖޭގައި ނަފްސާނީ ބައްޔަށް ފަރުވާ ދެވޭ އިންތިޒާމް ވަރުގަދަ ކުރެއްކުމަށްޓަކައި މަސައްކަތްތައް ކުރައްވަމުންނެވެ. މިގޮތުން އައިޖީއެމްއެޗްގެ އިތުރަށް ހުޅުމާލެ ހޮސްޕިޓަލްގައި މިހާރު ވަނީ ނަފްސާނީ ބައްޔަށް ފަރުވާ ދިނުމަށްޓަކައި ޚާއްސަކޮށްގެން ސެންޓަރުތަކެއް ހުޅުވާފައެވެ. އަދި މި ޚިދުމަތް އާސަންދައިގެ ދަށުން ޚަރަދުކުރެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ. މި ޚިދުމަތް އަތޮޅުތެރެއަށް ފުޅާކުރުމަށް ކުރައްވާ މަސައްކަތުގެ ދަށުން އައްޑޫ ސިޓީ އާއި ކުޅުދުއްފުށި ސިޓީގައިވެސް މެންޓަލް ހެލްތް ސެންޓަރ ޤާއިމް ކުރުމުގެ މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ.