ޚަބަރު

ރިސޯޓްތަކުގެ އިސް މަޤާމްތަކަށް ދިވެހިން ތަމްރީންކުރަނީ


ރިސޯޓްތަކުގެ އިސް މަޤާމްތަކަށް ދިވެހިން ތަމްރީންކުރުމަށް ޓޫރިޒަމް މިނިސްޓްރީއާއި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ބާއްވާފައިވަނީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަންއާއި ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

މިއަދު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި މަޝްވަރާގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވަނީ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ދިވެހިން ބިނާ ކުރުމަށް ބޭނުންވާ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ޓޫރިޒަމް ދާއިރާއިން މީހުން ބިނާކުރުމަށް މިނިސްޓްރީން މިހާރުވެސް އެކި ކޯސްތައް ހިންގަމުންދާކަމަށެވެ. ނަމަވެސް ރިސޯޓް މެނޭޖްމެންޓް ދާއިރާއިން މީހުން ތަމްރީނު ކުރަން ބޭނުންވެލައްވާކަމަށާއި އެކަމަށް ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން އެއްބާރުލެއްވުން ބޭނުންވެލައްވާކަމަށް ވިދާޅުވިއެވެ.

" އެކައުންޓިން ސްކޮލަޝިޕްތަކެއް އަޅުގަނޑުމެން މިދޭތެރެއިން ދިނިން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއީ ވެސް ރިސޯޓުތަކުގެ ސީނިއާ މެނޭޖްމެންޓް ޕޮޒިޝަންތަކެއް. އޭގައި އަޅުގަނޑުމެން މީހުން ބިނާކުރަންބޭނުންވަނީ ކޮންދާއިރާއަކުންތޯއާއި އެމީހުން ސެޓިފައި ކުރެވޭނެ ގޮތްގޮތްތައް އަޅުގަނޑުމެންނަށް އެބަޖެހޭ މައުލޫމާތުތައް ފޯރުކޮށްދޭން." މިނިސްޓަރ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޓޫރިޒަމް މިނިސްޓަރ ޑރ. އބްދުﷲ މައުސޫމް ވިދާޅުވީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން އިސްނަގައިގެން ރިސޯޓްތަކުގެ ސީނިއާ މެނޭޖްމެންޓް ލެވެލްއަށް ދިވެހިން ޓްރެއިނިންގ ކުރުމަށް އެއްބާރުލެއްވުން ލިބިވަޑައިގަންނަވާނެ ކަމަށެވެ. އަދި ރިސޯޓު މެނޭޖްމެންޓުގެ ތަމްރީނަށް ބޭނުންވާ ދާއިރާތައް ކަނޑައެޅުމަށްފަހު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއާއި އެކުގައި މަސައްކަތްކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވިއެވެ.