ޚަބަރު

ހުޅުމާލޭގައިވެސް މުފްތީ މެންކުގެ ދަރުހެއް


މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް ބިން މޫސާ ނުވަތަ މުފްތީ މެންކްގެ ދަރުހެއް މިމަހު 31 ވަނަ ދުވަހު ހުޅުމާލޭގައި ބޭއްވުމަށް އެޗްޑީސީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގައި މުފްތީ މެންކްގެ ދަރުހެއް ބޭއްވުމަށްޓަކައި އެކަމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް އިސްލާމިކް މިނިސްޓްރީއާއެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށެވެ.

އެ އެއްބަސްވުމުގައި އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފްއެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަހްމަދު ޒާހިރުއެވެ.


ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.

އޭނާގެ ފުރަތަމަ ދަރުސް އޮންނާނީ މިމަހުގެ 28 ވަނަ ދުވަހު މާލޭ ކާނިވާ ސަރަޙައްދުގައެވެ. އަދި 29 ވަނަ ދުވަހު ފުވައްމުލައް ސިޓީގައި އަދި 30 ވަނަ ދުވަހު އައްޑޫ ސިޓީގައި ދަރުހެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރަށް މިމަހުގެ 31 ވަނަ ދުވަހު ހުޅުމާލޭގައި ދަރުސް ބޭއްވުމަށްވެސް މިހާރު ވަނީ ހަމަޖެހިފައެވެ.


ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މެންކް ރާއްޖެއިން ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރުމަހުގެ 1 ވަނަ ދުވަހުގައެވެ.

މުފްތީ މެންކް އެންމެފަހުން ރާއްޖެ ވަޑައިގަތީ 2020 ވަނަ އަހަރުއެވެ. އެ ދަތުރުގައި ހދ. ކުޅުދުއްފުށީގައި އޭނާ ދަރުސް ދެއްވިއެވެ. އޭގެކުރިން 2016 ވަނަ އަހަރާއި 2015 ވަނަ އަހަރުވެސް ރާއްޖެ ވަޑައިގެން އެކި މައުލޫތަކަށް ދީނީ ދަރުސް ދެއްވިއެވެ.

މުފްތީއަކީ ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކުރައްވައި، އިސްލާމް ދީނާއި ދީނީ ކަންކަމާއި ގުޅޭގޮތުން ދަރުސް ދެއްވަމުން އަންނަ މަޝްހޫރު ދީނީ ޢިލްމުވެރިއެކެވެ. މުފްތީ މެންކު ފާހަގަކުރެވެނީ މުޖުތަމަޢުތަކުގައި ހުރި ގިނަ މައްސަލަތަކާއި ގުޅޭގޮތުން މީހުން ހޭލުންތެރިކުރުވާ އިސްލާމީ ރިވެތި އަޚްލާގު ދަސްކޮށްދެއްވުމަށްޓަކައި ސޯޝަލް މީޑިއާގައިވެސް ޙަރަކާތްތެރި ބޭފުޅެއްގެ ގޮތުގައެވެ.