ޚަބަރު

ޞިއްޙީ ދިރާސާތަކަށް ހުރި ދަތިތަކާމެދު މިނިސްޓަރުގެ ކަންބޮޑުވުން!


ޞިއްޙީ ދާއިރާއިން ގިނަ ދިރާސާތައް ކުރުމަކީ މުހިންމު ކަމެއްކަމަށާ، އެކަމަަށް ގިނަ ގޮންޖެހުންތަކަކާއި ދަތިތަކެއް ހުރިކަން ފާހަގަކުރައްވައި ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެންވިދާޅުވީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް އަމާޒުކޮށްގެން ހަދާފައިވާ ދިރާސާއެއް ކަމަށްވާ "ކޮމްޕެންޑިއަމް އޮފް ހެލްތް ރިސާރޗް އިން މޯލްޑިވްސް 2018-2021" އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ސިއްޙީ ދާއިރާއާ ގުޅުންހުރި ދިރާސާކުރުމަކީ، މިދާއިރާ އިތުރަށް ހަރުދަނާކުރުމަށް ވަރަށް މުހިންމު ކަމެއްކަމަށެވެ. މިފަދަ ދިރާސާތަކުގެ ހޯދުންތަކުގެ އަލީގައި، ބަލިމަޑުކަމުން ރައްކާތެރިވުމަށާއި ބަލިތަކަށް ފަރުވާ ހޯދޭނެ ގޮތްތައް ދެނެގަނެވި، ދުޅަހެޔޮ ސިއްޙަތެއްގައި ދެމިތިބުމަށް ދިރިއުޅުން ބައްޓަންކުރަންޖެހޭ ގޮތްތައް އެނގިގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ކޯވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމުގައިވެސް ޞިއްޙީ ދިރާސާތަކުގެ ބޭނުން އަދާކުރި މިންވަރުގެ މައްޗަށް މިނިސްޓަރ އަލިއަޅުއްވާލެއްވިއެވެ.

"ފާއިތުވި 2 އަހަރު މުޅި ދުނިޔެއަށް ކުރިމަތިވި ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް، ސިއްޙީ ދިރާސާގެ މުހިންމުކަން ފާހަގަވެގެންދިޔަ. ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރެވި، މިބަލިން ރައްކާތެރިވުމަށް ވެކްސިން އީޖާދުކުރެވުނީ ކުރެވުނު ދިރާސާތަކުގެ އަލީގައި." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ދިވެހި ރާއްޖޭގައި ސިއްޙީ ދިރާސާ ކުރިއެރުވުމަކީ މިނިސްޓްރީ އޮފް ހެލްތުން އަބަދުވެސް އިސްކަންދޭކަމެއް ކަމަށެވެ. އެގޮތުން، މިހާރު ވެސް ދިރާސާހެދުމާއި، އެ ދާއިރާ ކުރިއެރުވުމަށް މިނިސްޓްރީން މިހާރު ވެސް ކުރަމުން އަންނަ ކަންކަމަށް މިނިސްޓަރ އަލިއަޅުއްވާލެއްވިއެވެ.

"ރިސާރޗް ބުލެޓިންއެއް ކޮންމެ އަހަރަކު މިނިސްޓްރީ އޮފް ހެލްތުން ނެރޭ. މީގެ އިތުރުން، ސިއްޙީ ދިރާސާކުރުމުގައި އެންމެ އިސްކަންދެވޭ ދާއިރާތައް ކަނޑައެޅުމުގެ މަސައްކަތް ކޮންމެ 3 އަހަރަކުން ކުރެވޭ. މިގޮތުން، 2022އިން 2025ވަނަ އަހަރަށް ސިއްޙީ ދިރާސާކުރުމުގައި އެންމެ އިސްކަންދެވޭ ދާއިރާތައްވަނީ މިއަހަރުގެ ކުރީކޮޅު އިއުލާންކުރެވިފައި." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އަމާޒަކީ ސިއްޙީ ދާއިރާއާ ގުޅުންހުރި ދިރާސާތައް ކުރެވޭ މިންވަރު އިތުރުކޮށް، ޞިއްޙީ ދިރާސާކުރުމަށް މަގުފަހިވާ ވެއްޓެއް ދިވެހި ރާއްޖޭގައި ގާއިމު ކުރުން ކަމަށެވެ. އެކަމަކު މިކަމުގައި ގިނަ ގޮންޖެހުންތަކެއް ހުރިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ސިއްޙީ ދިރާސާކުރުމުގެ ގާބިލްކަމާއި ހުނަރު ލިބިފައިވާ ފަރާތްތައް ދިވެހި ރާއްޖޭގައި އެބަތިވި ކަމަށެވެ. ނަމަވެސް، ދިވެހި ރާއްޖޭގައި ސިއްހީ ދިރާސާކުރުން އިތުރަށް ހަރުދަނާކުރުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ވިދާޅުވިއެވެ.

"ސިއްޙީ ދިރާސާކުރާނެ އިތުރު ފުރުސަތުތައް ހޯދައިދިނުމާއި ފަހިކޮށްދިނުމާއި، ދިރާސާކުރުމަށް ބޭނުންވާ ވަސީލަތްތަކާއި ފަންޑިންގ ފަސޭހަކަމާއެކު ލިބޭނެގޮތް ހަމަޖައްސައިދިނުމަކީ، އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި ހެލްތު މިނިސްޓްރީގެ ޒިންމާއެއް. އަދި އެހެން ޤައުމުތަކެކޭ އެއެފަދައިން މި ދާއިރާ ކުރިއެރުވުމަށް، ހެލްތު މިނިސްޓްރީއާއެކު ދިވެހިރާއްޖޭގެ ޔުނިވަރސިޓީތަކާއި، ކޮލެޖްތަކާއި ޕްރައިވެޓް ސެކްޓަރުން އަދާ ކުރަންޖެހޭ ދައުރު ވަރަށް މުހިންމު." މިނިސްޓަރ ވިދާޅުވިއެވެ.

ފާއިތުވެދިޔަ 4 އަހަރު ރާއްޖޭގެ ސިއްހީ ދާއިރާގެ މައްޗަށް ކޮށްފައިވާ ދިރާސާތައް އެކުލަވާލައި މިއަދި ޝާއިއުކުރި ފޮތާ ގުޅިގެން މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި މިފަދަ ފޮތެއް ޝާއިއުކުރި މިއީ ފުރަތަމަ ފަހަރު ކަމަށާއި، މިނިސްޓްރީގެ ފަރާތުން މިކަމަށް ދޭ ސަމާލު ކަން އެކަމުން ވެސް ދޭހަވާ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިއަދު ނެރެވޭ ފޮތުގައި ހިމެނިފައިވާ ސިއްޙީ ދިރާސާތައް ކުރެއްވި ފަރާތްތަކުގެ އަގުހުރި މަސައްކަތްތަކެއް ކަމަށެވެ. އަދި ސިއްޙީ ދާއިރާ ކުރިއެރުވުމަށް، ދިވެހިރާއްޖޭގެ ރިސަރޗް ކޮމިއުނިޓީން އަދާކުރާ މުހިންމު ދައުރު މި ފޯރަމްގައި އަޅުގަނޑު ފާހަގަކޮށް މިފޮތުގެ ޒަރިއްޔާއިން ދިރާސާކުރާ ފަރާތްތަކަށް އިތުރު ހިތްވަރެއް ލިބިގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.