ޚަބަރު

ނަފްސާނީގޮތުން ދުޅަހެޔޮ މުޖުތަމަޢުއަކާ ދިމާއަށް ގިނަ މަސައްކަތްތަކެއް


މީގެ 10 ވަރަކަށް އަހަރު ކުރިއަށް ބަލާނަމަ، ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަމުގެ ވާހަކައަކީ އެހާ އާއްމު ނޫން ނުވަތަ ނުދައްކާ ވާހަކައެކޭވެސް ބުނެވިދާނެއެވެ. ނަފްސާނީ މައްސަލަތަކަށް ޚާއްސަ އެކި ޕްރައިވެޓް ކްލިނިކްތައް ރާއްޖޭގައި ހުރި ނަމަވެސް އެތަންތަނުން ޚިދުމަތް ހޯދުން ވެފައި އޮތީ ދަތި އުނދަގޫ ކަމަކަށެވެ. އަތޮޅުތެރޭގައި މިފަދަ ޚިދުމަތްތައް ޤާއިމުވެފައި ނެތްއިރު މާލެ ސަރަހައްދުގައި ހުރި މަދު ކްލިނިކްތަކުންވެސް އެ ޚިދުމަތް ހޯދުމަކީ ޖީބަށް ބަރު ކަމެކެވެ.

މި މައްސަލައަށް ކުޑަވެސް ލުޔެއް ލިބުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙު ނަފްސާނީ ޞިއްޙަތަށް ޚާއްޞަ އިސްކަމެއް ދިނުމުގެ ސިޔާސަތުގެ ދަށުން ނަފްސާނީ ބަލިތަކަށް ފަރުވާކުރެވޭނެ އިންތިޒާމު ލުއި ފަސޭހަކުރުމަށް ފެށި މަސައްކަތުގެ ތެރެއިންނެވެ. އެމަނިކުފާނުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމަނުއްވައިގެން ފެއްޓެވި މި މަސައްކަތް އަމަލީ ސިފައެއްގައި ފެނިގެންދިޔައީ 25 މާރިޗު 2019 ގައި ސެންޓަރ ފޯރ މެންޓަލް ހެލްތު (ސީއެމްއެޗް) ގެނަމުގައި އައި.ޖީ.އެމް.އެޗްގައި ހުޅުވި މަރުކަޒާއެކުއެވެ.

އެ މަރުކަޒު ހުޅުވާފައި ހުންނަތާ މިހާރު 4 އަހަރުވާން ކައިރިވެފައިވާއިރު، މިހާރު ވެސް އެ މަރުކަޒުން 55،000 އަށް ވުރެ ގިނަ މީހުންނަށް ފަރުވާދީފައިވެއެވެ. އެ ސެންޓަރު ހުޅުވުނު އަހަރުން ފެށިގެން މިއަދާ ހަމައަށް ދެއްކި ބަލި މީހުންގެ އަދަދުތަކަށް ބަލާއިރު ވެސް ނަފްސާނީ ދުޅަހެޔޮކަމާއި،ނަފްސާނީ ބަލިތަކާއި މެދު މުޖުތަމައު ހޭންތެރިވެފައިވާ މިންވަރު ހާމަވެއެވެ.

އެގޮތުން 2019 ވަނަ އަހަރު 7،246 މީހުން އެ ސެންޓަރުން ފަރުވާހޯދި އިރު އޭގެ ޖެހިގެން އައި އަހަރު އެ އަދަދު ވަނީ ދެ ގުނަ އަށް އަރާފައެވެ. އެގޮތުން އެ އަހަރު 17،000 އަށް ވުރެ ގިނަ މީހުން އެ ސެންޓަރުން ފަރުވާ ހޯދާފައިވެއެވެ. މި އަހަރުގެ މިހާތަނަށް އައި އިރު ވެސް 13،700 އަށް ވުރެ ގިނަ މީހުން އެ ސެންޓަރުގައި ރަޖިސްޓްރީކޮށް ފަރުވާ ހޯދާފައިވެއެވެ.

2019 ވަނަ އަހަރު ހުޅުވި މި ސެންޓަރުގައި ފެށުނީއްސުރެވެސް ދިމާވަމުން އަންނަ އެންމެ ބޮޑު އެއް މައްސަލަ އަކީ ޚިދުމަތް ހޯދުމަށް ދިގު ކިއުއަކަށް އަރަން ޖެހުމެވެ. އެ މައްސަލަ ހައްލުކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު، އޭގެ ތެރޭގައި އެތަނުގައި ޚިދުމަތްދޭ ސައިކެޓްރިސްޓުންގެ އަދަދު ވަނީ ދެގުނައަށް އިތުރުކޮށްފައެވެ.

އެގޮތުން މިހާރު އެ ސެންޓަރުގައި 9 ސައިކޭޓްރީ ކޮންސަލްޓަންޓުންނާއި 2 ސައިކޮލޮޖިސްޓުންނާއި ސައިކޯތެރަޕިސްޓަކާއި 3 ސޯޝަލް ވޯކަރުންނާއި 5 މެޑިކަލް އޮފިސަރުންނާއި އޮކިއުޕޭޝަނަލް ތެރަޕިސްޓަކާއި ދެ ކައުންސިލަރުންނާއި 25 ނަރުހުންނާއި 15 ޕޭޝަންޓް ކެއަރ އެޓެންޑެންޓުންނާއި 3 ކްލިނިކަލް އެއިޑްސް އާއި އެހެނިހެން އިދާރީ މުވައްޒަފުން މަސައްކަތް ކުރެއެވެ. މިއާއެކު ވެއިޓްލިސްޓުގައި ތިބި މީހުންގެ އަދަދު 3,500 އިން 500 އަށް ވަނީ ތިރިވެފައެވެ.

ނަފްސާނީ ބަލިތަކަށްފަރުވާދިނުމަށް މި ސަރުކާރުން ދޭ އަހަންމިއްޔަތުކަމާއި ކުރާ މަސައްކަތްތަކުގެ ދިގު ލިސްޓު މިހިސާބުން އަދި ނުނިމެއެވެ. މިއަދު ހުޅުމާލޭގައި ހުޅުވި ނަފްސާނީ ބަލިތަކަށް ހާއްސަ ސެންޓަރަކީ ވެސް މި ލިސްޓުން ބައެކެވެ. އާސަންދައިގެ ދަށުން ހިލޭ ރައްޔިތުންނަށް މި ޚިދުމަތް ލިބޭނެ ގޮތް މާލެ ސަރަހައްދުން މިހާރު ފަހިވެފައިވާއިރު، ސަރުކާރުގެ ބާކީ ނުކުރުމުގެ އުސޫލުގެ ދަށުން އަތޮޅުތެރޭގައި ވެސް މި ޚިދުމަތް ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ރާއްޖޭގެ 5 އަތޮޅަކުން ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމުގެ އިންތިޒާމު ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. އަދި ސަރުކާރުގެ "ސެންޓްރަލް އެންޑް ރީޖަނަލް މެންޓަލް ހެލްތު ޑިވެލޮޕްމަންޓް ޕްލޭން" ގެ ދަށުން ރީޖަނަލް ހޮސްޕިޓަލުތަކަށް ފަރުވާ ހޯދުމުގެ ޚިދުމަތް ފުޅާކޮށް އެ ތަންތަނުގައި ރީޖަނަލް މެންޓަލް ހެލްތު ސެންޓަރުތައް ޤާއިމުކުރުމުގެ މަސައްކަތްވެސް ވަނީ ފަށައިފައެވެ.

ދިރާސާކޮށް ހޭލުންތެރިކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް


ނަފްސާނީ ދުޅަހެޔޮކަމަށް ސަރުކާރުންދޭ އަހަންމިއްޔަތުކަން ފަރުވާޔާ ހިސާބަކުން ނުނިމެއެވެ. މި ސަރުކާރުން ގަބޫލުކުރާގޮތުގައި، އެ ބައްޔަކީ ވެސް އެހެން ޖިސްމާނީ ބަލިތަކާ އެއްގޮތް ބައްޔެކެވެ. އަދި މީހާގެ ޖިސްމާނީ ދުޅަހެޔޮކަން ގުޅިފައި ވަނީ ވެސް އެއާއެވެ. މިކަމުން އަރައިގަތުމަށް މުޅި މުޖުތަމައުގެ އެހީ ބޭނުންވާނެ ކަމަށް މި ސަރުކާރުން ގަބޫލުކުރެއެވެ. އެހެންވެ އެންމެ ބޮޑު އިސްކަމެއް ދީގެން ކުރާ އެއްކަމަކީ މި ބައްޔާ މެދު އާންމުން ހޭލުންތެރިކުރުމަށް މަސައްކަތްކުރުމެއެވެ.

މި މަސައްކަތުގެ ބޮޑުބައެއް ކުރަމުން އަންނަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އަދި ޔުނިސެފްއާ ގުޅިގެންނެވެ. އެގޮތުން ކުރިއަށް އޮތް އެއް މަސް ދުވަސްތެރޭގައި ލޯންޗުކުރުމަށް އަމާޒުހިފާފައިވާ މެންޓަލް ހެލްތު ކެމްޕޭނެއްގެ މަސައްކަތް މިހާރު ކުރަމުން އަންނަ އިރު، އެޗެއާނެސް ސެޝަންތައް ވެސް ޑަބްލިއުއެއްޗއޯއާ ގުޅިގެން އަންނަނީ ބާއްވަމުންނެވެ. އޭގެ ތެރޭގައި މަސައްކަތުގެ މާހައުލުގައި ނަފްސާނީ ދުޅަހެޔޮކަމާއި، ފްރަންޓްލައިނަރސް އަށް ބާއްވާ ސެޝަންތަކުގެ އިތުރަށް ސްކޫލްތަކުގެ މުދައްރިސުންނާއި، ދީނީ އިލްމުވެރިންނަށް ވެސް ނަފްސާނީ ދުޅަހެޔޮކަމާ ގުޅުން ހުރި އެވެއާނެސް ޕްރޮގްރާމްތައް އަންނަނީ ހިންގަމުންނެވެ.

މި ދާއިރާއިން މިހާރުކުރަމުން އަންނަ އެންމެ މުހިންމު އެއް ކަމަކީ މެންޓަލް ހެލްތު އެކްޓުގެ ނަމުގައި ބިލެއް އެކުލަވާލުމެވެ. މީގެ އިތުރަށް އެކަށީގެންވާ ޑާޓާ ސިސްޓަމެއް ގާއިމްކުރުމާއި، އެކި ޓްރެއިނިންތައް ދިނުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

މި ސަރުކާރުން ނަފްސާނީ ދުޅަހެޔޮކަމަށް މިފަދަ ބޮޑު އަހަންމިއްޔަތުކަމެއް ދީފައިވާ ކަމުގެ ނަތީޖާއެއްގެ ގޮތުން މިއަދު ދިވެހިންގެ ތެރޭގައި ގިނަ މީހުންނަކީ މިކަމާ މެދު ހޭލުންތެރިވެފައިވާ މިވާހަކަ ދައްކަން ކެރޭ ބަޔަކަށް ވަނީ ވެފައެވެ. އަދި އެހީ ހޯދާ އެހީ ވާނެ ބަޔަކަށް މުޖުތަމައު ބަދަލުވެފައިވާކަން ހާމަކަންބޮޑު ގޮތެއްގައި ދަނީ ފެންނަމުންނެވެ.