ޚަބަރު

ދަރިފުޅު އުފަންވުމާއެކު، ޕްލާސްޓިކްގެ ނުރައްކަލަށް!


ޕްލާސްޓިކްގެ ނުރައްކާ އިންސާނުންގެ މެދުގައި އިތުރުވަމުންދާ ވާހަކައަކީ މިހާރު އާ ވާހަކައެއް ނޫނެވެ. އެހެންނަމަވެސް ހަގީގަތުގައި މީގެ ނުރައްކާތެރިކަމުގެ މިންވަރު ގިނަބަޔަކަށް އޭގެ އެންމެ މުހިންމުކަމާއެކު ވަޒަނެއް ނުކުރެވެއެވެ.

އަހަރުތަކެއް ކުރިންފެށިގެން އަހަރެމެންގެ ކަނޑުތަކާއި ކެއިންބުއިމުގައި ބޭނުންކުރާ އެކި ބާވަތްތަކުގައި ޕްލާސްޓިކްގެ މާއްދާތައް ގިނަ ޢަދަދަކަށް އެކުލެވޭކަންވަނީ ހާމަވެފައެވެ. މިއަހަރުގެ މާޗްމަހު އިންސާނާގެ ލެއިން "މައިކްރޯޕްލާސްޓިކް" ނުވަތަ ކުދިކުދި ލޮލަށް ނުފެންނަވަރުގެ ޕްލާސްޓިކްގެ އެތިކޮޅުކޮޅު ފެނިފައިވެއެވެ. އެންމެފަހުން ކުރި ދިރާސާއިން އެއަށްވުރެވެސް މި ނުރައްކަލުގެ ހާސްކަން ބޮޑު ޙަގީގަތެއްވަނީ ދެނެގަނެވިފައެވެ.

ޕޮލިމަރގައި މިދިޔަ ޖުލައިމަހު ޝާޢިއުކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި ތުއްތު ދަރިފުޅަށް މައިމީހާގެ ގާތުންދޭ ކިރުންވެސް މައިކްރޯޕްލާސްޓިކް ނުވަތަ ޕްލާސްޓިކްގެ ކުދިކުދި އެތިކޮޅުކޮޅު ވަނީ ފެނިފައެވެ. މިއާއެކު ސައިންސްވެރިންނާއި ސިއްޙީ މާހިރުންގެ ކަންބޮޑުވުންވަނީ އިތުރުވެފައެވެ. ކެމިކަލްފަދަ މާއްދާތަކުގެ ނުރައްކާ އެންމެބޮޑު ބަޔަކީ ކުޑަކުދިންނެވެ. ކުޑަކުދިންގެ ހެދިބޮޑުވުމުގައި އެންމެ މުހިންމު އެއްޗަކަށް މައިމީހާގެ ގާތުން ކިރުދިނުން ހިމެނޭއިރު، މައިމީހާގެ ކިރުގައި މައިކްރޯޕްލާސްޓިކްސް ހިމެނުމާއެކު މިކަމާއިގުޅޭގޮތުން އިތުރު ހޯދުންތައް އަވަހަށް ހޯދަންޖެހޭކަމަށް ގިނަ ސައިންސްވެރިން އެއްބަސްވެއެވެ.

ރޯމްގެ 26 މައިންގެ ގާތުންނެގި ކިރުގެ ސާމްޕަލްގައި މައިކްރޯޕްލާސްޓިކް

މިދިރާސާ ކުރިއަށްގެންގޮސްފައިވަނީ އިޓަލީގެ ވެރިރަށް ރޯމްގައި، ވިހޭތާ ހަފްތާއެއްވީ 34 މައިންގެ ގާތުންނެގި ސާމްޕަލްތަކަކުންނެވެ. މިގެތެރެއިން %75 ސާމްޕަލްއިން މައިކްރޯޕްލާސްޓިކް ފެނިފައެވެ. އެއީ ދިރާސާގައި ބައިވެރިވި 34 މައިންގެ ތެރެއިން 26 މައިންގެ ސާމްޕަލެވެ. މިދިރާގައި ނެގުނު ސާމްޕަލްތަކުންވަނީ ތަކެތި ބަންދުކުރުމުގައި ޢާއްމުގޮތެއްގައި ބޭނުންކުރާ ޕްލާސްޓިކްގެ އެކި ބަވަތްތަކުން ފެންނަ ޕޮލިތީންއާއި ޕޮލީޕްރޮޕޮލީން ފެނިފައެވެ. މިދިރާސާގައި 2 މައިކްރޯންސް ނުވަތަ 0.002 މިލިމީޓަރާއި އެއަށްވުރެ ކުދި ޕްލާސްޓިކް އެތިކޮޅުތައް ދިރާސާކުރެވިފައި ނުވެއެވެ. މިދިރާސާގައި ނަގާފައިވާ ސާމްޕަލްތައް ނަގައި، ރައްކާކޮށް، ދިރާސާކުރުމުގެ އެއްވެސް މަރުޙަލާއެއްގައި ޕްލާސްޓިކްގެ އެއްވެސް އުފެއްދުމެއް ބޭނުންކޮށްފައިނުވާކަމަށް ދިރާސާގައިވަނީ ބަޔާންކޮށްފައެވެ.

ޕްލާސްޓިކްގެ ނުރައްކާ އޮތީ ކިހައި މިންވަރަކަށްކަން މިގެކުރިން ހީކުރެވިފައި އޮތް މިންވަރަށްވުރެ ބޮޑަށް މިނުރައްކަލުގެ އަސަރު، އިންސާނުންގެ ދިރިހުރުމަށް ކުރަމުންދާކަން މިވަނީ ހާމަވެފައެވެ. އިޓަލީގެ ސައިންސްވެރިންނަށް 2020ވަނަ އަހަރުވަނީ ބަނޑުގައި އޮންނަ ދަރިފުޅުގެ ޕްލަސެންޓަރ ނުވަތަ ދަރިފުޅުގެ ވާމަހުން މައިކްރޯޕްލާސްޓިކް ފެނިފައެވެ. އެފަހަރު ސައިންސްވެރިންނަށް ބެލެވިފައި އޮތީ އެއީ، މައިމީހާގެ ނޭވާލާ ނިޒާމުގެ ތެރެއިން ދަތުރުކޮށްފައިވާ މައިކްރޯޕްލާސްޓިކްގެ އެތިކޮޅުތައްކަމަށެވެ. ނެދަލޭންޑްސްގެ ސައިންސްވެރިންނަށްވަނީ މިއަހަރުގެ މާޗް މަހު އިންސާނާގެ ހަށިގަނޑުގައި ދައުރުވަމުންދާ ލެއިންވެސް މައިކްރޯޕްލާސްޓިކް ފެނިފައެވެ.

ޕްލާސްޓިކްގެ ނުރައްކާ ތިމާވެއްޓަށް ކުރާކަމަށްބުނެ ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައި އެތައް ޙަރަކާތެއް ހިންގަމުން އަންނައިރު މިހާރުގެ ހޯދުންތަކުން ފެނިގެން މިދަނީ ސީދާ އިންސާނާގެ ހަށިގަނޑަށްވެސް ޕްލާސްޓިކްގެ ނުރައްކާ އޮތްމިންވަރެވެ. މިއީ ނުރައްކާތެރި އެތައް ބައްޔަކަށް މަގުފަހިވެދާނެ ކަމެކެވެ. ސިއްޙީ އެތައް މައްސަލައެއް ދިމާވެދާނެ ކަމެއްވެސް މެއެވެ.