ޚަބަރު

ނައިބު ރައީސް ރ.އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި


ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަަށްފަހު މިއަދު މެންދުރުފަހު މާލެވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ރ.އަތޮޅަށް ކުރެއްވި މިދަތުރުފުޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ވަޑައިގެންނެވީ އެއަތޮޅު، އިނގުރައިދޫ، އިންނަމާދޫ، މާކުރަތު، އަދި ދުވާފަރަށެވެ. މިރަށްރަށަށް ވަޑައިގެން އެރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރައްވައި މަޝްވަރާކުރެއްވިއެވެ.

އަދި މިރަށްރަށުގެ ސިއްޙީމަރުކަޒުތަކަށާ، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި، އެތަންތަނުގެ ޙާލަތު ބައްލަަވައި މަޝްރޫޢުތައް ހިނގަމުންދާގޮތް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްލަވާލެއްވިއެވެ.

މީގެ އިތުރުން ނައިބު ރައީސް ވަނީ، ރ.ވަންދޫ، ރީޖަނަލް ވޭސްޓް މެނޭޖްމެންޓް ފެސިލިޓީއަށް ވެސް ޒިޔާރަތް ކުރައްވާފައެވެ. މިޒިޔާރަތުގައި ވެމްކޯއިން އެރަށުގައި ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހޯއްދަވައި، މަސައްކަތްތައް ކުރިޔަށްދާ ގޮތް އެމަނިކުފާނު ބައްލަވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރ.އަތޮޅަށް ކުރެއްވި މިދަތުރުފުޅުގައި ހޮނިހިރު ދުވަހުގެ ރޭ ދުވާފަރަށް ވަޑައިގެން "ރ. ޓުއަރިޒަމް އެކްސްޕޯ 2022" ގެ އެވޯޑު ދިނުމުގެ ޙަފްލާ ޝަރަފްވެރިކޮށްދެއްވިއެވެ. މިޙަފްލާގައި، "ރ. ޓުއަރިޒަމް އެކްސްޕޯ 2022" ގެ އަތްތެރި މަސައްކަތުގެ މައުރަޒުން ރަންވަނަ ހާޞިލުކުރި ފަރާތްތަކަށާއި، އަތޮޅު ރިސޯޓް އެވޯޑް ޙާސިލުކުރި ދެ ރިސޯޓަށް އެވޯޑް ހަވާލުކޮށްދެއްވީވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ. މި ޙަފްލާގައި، ރ.އަތޮޅު ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ޚާއްޞަ ހަނދާނީ ފިލައެއް އަރުވާފައެވެ.