ޚަބަރު

އުނގޫފާރު ހޮސްޕިޓަލް ވަކި ދާއިރާއަކަށް ޚާއްޞަކުރުން މުހިންމު: ނައިބު ރައީސް


އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަކީވެސް ސްޕެޝަލައިޒް ވަކި ދާއިރާއަކަށް ޚާއްޞަ ކުރެވޭ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްޤީކުރުމަކީ މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ރ. އުނގޫގާރު ރީޖަނަލް ހޮސްޕިޓަލުގެ އިސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވިދާޅުވީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ވަޞީލަތްތައް ޤާއިމުކޮށް ޚިދުމަތްތައް ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތަކީ ސަރުކާރުން ވަރަށް އިސްކަންދޭ މުހިންމު މަސައްކަތްތަކެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ޓްރާންސްޕޯޓް ނެޓްވޯކުން އުނގޫފާރާއި، އެހެން ރަށްތައް ގުޅާލެވުމުން މިހާރު ހޮސްޕިޓަލުން ޚިދުމަތް ހޯދާ ފަރާތްތަކުގެ ޢަދަދު އިތުރުވެގެންދާނެ ކަމުގައެވެ. ހަމަ އެއާއެކު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަކީވެސް ސްޕެޝަލައިޒް ވަކި ދާއިރާތަކަށް ޚާއްޞަ ކުރެވޭ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްޤީކުރުމަށް މަސައްކަތްކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރީޖަނަލް ހޮސްޕިޓަލުގެ ސީނިއަރ މެނޭޖްމަންޓުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އެންމެ ގިނައިން ދިމާވާ އެއްކަމަކަށް ފާހަގަކުރެއްވީ ހިތުގެ ބަލިތަކަށް ފަރުވާ ހޯދަންޖެހޭ މީހުން މާލެ ފޮނުވަންޖެހުމެވެ. އަދި، ހޮސްޕިޓަލުގެ ޚިދުމަތްތައް ފުޅާވެ އިތުރުވަމުންދާއިރު އެއާ އެއްވަރަށް އިންސާނީ ވަޞީލަތް ތަރައްޤީކުރުމުގެ މުހިންމުކަން ފާހަގަ ކުރެެއްވިއެވެ. މީގެ އިތުރުން ހޮސްޕިޓަލުގެ އިސްވެރިން ވަނީ ހޮސްޕީޓަލުގެ ޚިދުމަތްތައް ފުޅާކޮށް ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ބޭނުންވާ އިތުރުކަންކަމާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާއެވެ.

މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އެކި ޔުނިޓްތަކަށް ޒިޔާރަތްކުރައްވައި މުވައްޒަފުންނާ ބައްދަލުކުރައްވައި، ބައެއް ބަލިމީހުންނަށް ޒިޔާރަތްކުރައްވައި އަދި، ހޮސްޕިޓަލް ބައްލަވާލައްވާފައެވެ. މީގެ އިތުރުން އެ ހޮސްޕިޓަލްގެ އެކްސްޓެންޝަން ޢިމާރާތަށް ޒިޔާތްކުރައްވައި، އެތަނުގެ މަސައްކަތްތައް ކުރިޔަށްދާގޮތް ވެސް އެމަނިކުފާނު ބައްލަވާލެއްވިއެވެ.

އުނގޫފާރު ރީޖަލް ހޮސްޕިޓަލުގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތަކީ އެ ހޮސްޕިޓަލުގެ ޚިދުމަތްތައް ޓާޝަރީ ފެންވަރަށް ގެންދިއުމަށް ކުރެވޭ މަސައްކަތުގެ ދަށުން ކުރެވޭ މަސައްކަތެކެވެ. މި ޢިމާރާތުގައި އާ ޚިދުމަތްތައް ޤާއިމުކުރުމާއި، މިހާރު ދެމުން އަންނަ ޚިދުމަތްތައް އިތުރަށް ފުޅާވެ ގިނަ ބަޔަކަށް އެއްފަހަރާ ޚިދުމަތް ދިނުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.


އެމަނިކުފާނު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ އެކު ބޭއްވެވި ބައްދަލުވުމުގައި ވެސް ވަނީ އެ ރަށުގެ ސިއްހީ ދާއިރާއަށް ސަރުކާރުން ދޭ އަހަންމިއްޔަތުކަން ފާހަގަކުރައްވާފައެވެ. އުނގޫފާރުގެ ތަރައްޤީއަށް ޚާއްޞަކޮށް ޞިއްޙީ ދާއިރާއިން ތަރައްޤީ ގެނައުމުގައި، އުނގޫފާރަށް ސަރުކާރުން ޚާއްޞަ އިސްކަމެެއް ދެއްވާކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރަށް ސްކޫލާއި ގުޅިގެން ފާހަގަކުރެއްވި ބައެއް ކަންބޮޑުވުންތަކަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ތަޢުލީމީ ދާއިރާގެ ކުރިއެރުމަށް ސަރުކާރުން ދާދިފަހުން ގެންނެވި މުހިންމު ބަދަލުތަކާއެކު ތަޢުލީމީ ދާއިރާއަށް ރަނގަޅު ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރައްވާފައެވެ. ހަމަ އެހެންމެ ސްކޫލްތަކަށް ބޭނުންވާ ޕްރިންސިޕަލުން ތަމްރީނުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ފަށްޓަވައިގެން ކުރިޔަށްގެންދަވާކަން ފާހަގަކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވި ބައެއް ކަންކަމަކީ އެކި މަރުޙަލާތަކުގައި ކުރިޔަށްދާ މަސްރޫޢުތައްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ސަރުކާރުން މުޅި ރާއްޖޭގައި މިހާރު ޤާއިމުކުރަމުންގެންދާ ދަތުރުފަތުރުގެ ނިޒާމުން މުޅި ރާއްޖެ ގުޅުވާލުމުގެ މަސައްކަތަށް އަލިއަޅުވާލައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މިދައުރުގެ ތެރޭގައި މި ނިޒާމުން މުޅި ރާއްޖެ ގުޅާލުމެވެ. އަދި، އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގެ ބައިވެރިން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އުނގޫފާރު ސްކޫލުގެ ބެލެނިވެރިންނާ ބައްދަލުކުރައްވައި އެ ބޭފުޅުންގެ ހުރި ކަންބޮޑުވުންތަކާއި، ސްކޫލާއި ގުޅިގެން ފާހަގަކުރެއްވި ކަންކަމުގައި މަޝްވަރާކުރައްވާފައެވެ.