ރާއްޖޭގައި އުޅޭ ގިނަ ރައްޔިތުން ޤަބޫލުކުރާގޮތުގައި ފެންވަރު ރަނގަޅު ކޮންމެ ޚިދުމަތެއް ލިބޭނީ ވެރިރަށް މާލެއިންނެވެ. ނަމަވެސް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވުމަށްފަހު އެންމެ ފުރަތަމަ ފެއްޓެވި މަސައްކަތަކީ ގިނަ ބަޔަކު ޤަބޫލުކުރަމުންދިޔަ މި ޤަބޫލުކުރުން ބަދަލުކުރުމުގެ މަސައްކަތެވެ. އެއްތަނަކަށް ޖަމާވެފައިވާ ޚިދުމަތްތައް މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބަހާލުމުގެ މަސައްކަތެވެ.
ދިވެހިރާއްޖޭގެ ހަޔާތުން ވޭތުވެދިޔަ ދިގު މާޒީގައި މިކަންކަމަށް ހައްލެއް ނުހޯދިފައި އޮތުމުގެ ސަބަބުން މިމަސައްކަތްވީ ބުރަ ބޮޑު މަސައްކަތަކަށެވެ. ނަމަވެސް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސިޔާސަތަކީ ކިތަންމެ ބުރަ މަސައްކަތަކަށްވިޔަސް ރައްޔިތުންނަށް ހަމަޖަހޭ ދިރިއުޅުމެއް ހޯދައިދެއްވުމެވެ.
ދިވެހިރާއްޖެއަކީ ބޭސްފަރުވާއަށް ބޮޑު ހޭދައެއް ކުރާ ޤައުމެކެވެ. އެކަން އެނގެނީ ބޭސްފަރުވާއަށް ދިވެހިން ކުރާ ހޭދައިންނެވެ. އެގޮތުން ބޭސްފަރުވާއަށް، ބޭރުގެ ހޮސްޕިޓަލްތަކަށް މި އަހަރުގެ ފުރަތަމަ 7 މަސް ދުވަހު އެކަނިވެސް 87،241،451ރ. ހޭދަކޮށްފައިވެއެވެ. ބޭސް ފަރުވާގެ ހުރިހާ ކަމަކަށް އަހަރެއްގެ މައްޗަށް އާސަންދައިން 2-3 ބިލިއަން ރުފިޔާ ހަރަދުކުރާކަމަށް އާސަންދައިގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
އަސާސީ މި ޚިދުމަތް ލިބިގަތުމަށް ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ވަރަށް މުހިންމު ސިޔާސަތެކެވެ. އެގޮތުން ވެރިރަށް މާލެއަށް ދިގު ދަތުރުކޮށް ޖީބުން އެތައް ހޭދައެއް ކުރަމުން އައި ސިއްހީ ފަރުވާއަށް އޮތް ހައްލަކީ ސިއްހީ ފަރުވާގެ ނިޒާމުވެސް ލާމަރުކަޒު ކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލުކުރާގޮތުގައި، ރާއްޖެ ތަރައްޤީވެގެންދާނީ، ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން. ރަށްރަށަށް ބާރުތައް ދޫކޮށްލެވެންޖެހޭ. ވިޔަފާރީގެ މުޢާމަލާތުތައް ހިންގުމުގެ ބާރުތައް ދޫކޮށްލެވެންޖެހޭ. އަދި ޞިއްޙީ، އަދި ތަޢުލީމީ ނިޒާމުވެސް ބައްޓަންކުރެވިގެންދާންޖެހޭނީ، ލާމަރުކަޒު ކުރެވިގެން ކަމަށްވަނީ. އޭރަށް އެބަދަލުތައް އަންނާނީ." 29 ޑިސެމްބަރު 2020 ގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ތަޞައްވުރު ހަޤީޤަތަކަށް ހެދުމުގެ މަސައްކަތަކީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރުގެ ޚިދުމަތް ލިބޭ ހޮސްޕިޓަލުތައް ތަރައްޤީ ކުރުމެވެ.
ބޮޑުމިނުގައި 595.6 ހެކްޓަރު ހުންނަ ހައްދުންމަތީ ގަމަކީ ރާއްޖޭގެ އެންމެ ބޮޑު ރަށެވެ. މިއީ ހައްދުންމަތީގެ ހިތެވެ. އެއަރޕޯޓަކާ ގުޅުވައިދޭ ފެންވަރު ރަނގަޅު މަގަކާ، ޒަމާނީ ބަނދަރެއްގެ ލުއިފަސޭހަކަން ލިބިފައިވާ ލ.ގަމަކީ މުސްތަޤުބަލުގައި ސިއްހީ ބޮޑު ހަބެކެވެ.
ރާއްޖޭގެ ފަސް ސަރަހައްދުގައި ޤާއިމުކުރާ ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލުތަކުގެ ތެރެއިން އެއް ހޮސްޕިޓަލު ޤާއިމުކުރެވެނީ ލ.ގަމުގައެވެ. އަދި ރާއްޖޭގައި މުޅިން އަލަށް ޤާއިމުކުރާ ކެންސަރު ހޮސްޕިޓަލަކީވެސް ލ.ގަމުގައި ޤާއިމުކުރާ ހޮސްޕިޓަލެކެވެ. މިއީ ފެންވަރު ރަނގަޅު ބޭސްފަރުވާ ހޯދަން އަތޮޅުތަކުގެ ރައްޔިތުން ކަނޑުފަތާފައި މާލެއަށް ކުރަމުން އައި ތަކުލީފު ބޮޑު ދަތުރުތަކުގެ ނިމުމެއް ގެނުވާނެ މަޝްރޫޢެކެވެ. ކެންސަރުބަލީގެ ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި މިހާރުވެސް ޓާޝަރީ ފެންވަރަށް ގަން ރީޖަނަލް ހޮސްޕިޓަލް އަންނަނީ ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންނެވެ.
"މިހާރު އަޅުގަނޑުމެން ވާނީ ޓާޝަރީ ހޮސްޕިޓަލު އިމާރާތްކުރުމާ އިންވެސްޓުކުރުމާ ބެހޭގޮތުން ބޭރުގެ ފަރާތްތަކާ އެކީގައި ސޮއިކޮށްފަ. މިތަނަށް އެބަ އާދޭ ޓާޝަރީ ހޮސްޕިޓަލުގެ އިތުރަށް ކެންސަރ ހޮސްޕިޓަލުވެސް. މި ދެ ޕްރޮޖެކްޓު ދާނީ އެކުއެކީގައި. ކެންސަރ ހޮސްޕިޓަލަކީ 50 އެނދުގެ ހޮސްޕިޓަލެއް. ޓާޝަރީ ހޮސްޕިޓަލަކީ 100 އެނދު، އަދި 30 ޕްރައިވެޓް ރޫމްގެ ތަނެއް. އަދި މިތަނުގައި މާލޭގެ ޓާޝަރީ ހޮސްޕިޓަލްތަކުން ލިބޭ ފެންވަރަށް ޚިދުމަތް ލިބޭނެ" ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސިޔާސަތުތަކުގެ ތެރެއިން ޓާޝަރީ ހޮސްޕިޓަލުގެ ސިޔާސަތުގެ ދަށުން ލ.ގަމުގައި އަޅާ ހޮސްޕިޓަލާ ގުޅޭގޮތުން މިނިސްޓްރީ އޮފް ހެލްތުގެ ސްޓޭޓް މިނިސްޓަރ އާދިލް ވިދާޅުވިއެވެ.
ލ.ގަމުގައި ޓާޝަރީ ހޮސްޕިޓަލެއް ޤާއިމުކުރެވުމަކީ މެދުރާއްޖެ ތެރެއާއި ދެކުނުގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހައެކެވެ. އެމް.އާރު.އައި ފަދަ ޚިދުމަތްތައް އަތްފޯރާ ފަށަށް އައީއެވެ. މިއަދު ކެންސަރުގެ ވޭންދެވިނި ބަލި ތަހައްމަލު ކުރާ ފަރާތްތަކުން ފަރުވާޔަށް އެތައް މިލިއަން ރުފިޔާއެއް ހޭދަކުރަންޖެހެއެވެ.
އަމިއްލަ އާއިލާއާ ރައްޓެހިން ދޫކޮށް މި ވޭނީ ބަލީގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ގޮސް އެތައް ހޭދައެއް ކުރުމަކީ އަދި މާ ތަކުލީފު ބޮޑުކަމެކެވެ. ނަމަވެސް ލ.ގަމުގައި ކެންސަރު ހޮސްޕިޓަލު ޤާއިމުވުމަކީ ތަކުލީފުތަކަށް ނިމުން ގެނެސް ފުދުންތެރި ކަމާއެކު ޝަރަފުވެރި އަދި ދުޅަހެޔޮ ދިރިއުޅުމަކަށް ކޮށައިދެވޭ މަގެކެވެ.
"ކޮވިޑް ފުރަބަންދު ތެރޭގައި ލ.އަތޮޅަށް ބ އަތޮޅުން ފެށިގެން ލ އަތޮޅާ ދެމެދުގެ ހުރިހާ އަތޮޅެއްގެ ވަރަށް ގިނަ މީހުން ޑޮކްޓަރަށް ދައްކަން އައިސްފައިވޭ. އެކަމަކު ބޭނުންވާ މިންވަރަކަށް (މިރަށުގައި) ސިއްހީ ޚިދުމަތް ތަރައްޤީ ކުރެވިފައެއް ނެތް. އަދި މި ވޭތުވެދިޔަ ދެތިން ހަތަރު އަހަރުގެ ތެރޭގައި ކެންސަރު ބައްޔަށް ފަރުވާ ކުރަން ރާއްޖެއިން ބޭރަށް ގޮސް ވަރަށް ދަތި ހާލުގަ މިރަށުގެ މީހުންވެސް އެބަ އުޅޭ. ސަރުކާރުގެ އެހީލިބޭތީ އެވަރަށްވެސް އެކުރެވެނީ. އާންމުންނަށް އެހާ ޚަރަދެއް ނުކުރެވޭ. ލ.އަތޮޅުގައި ކެންސަރު ހޮސްޕިޓަލު އެޅުމަކީ ލއަތޮޅަށާ މުޅި ރާއްޖެއަށް ވަރަށް މުހިއްމުކަމެއް" ލ.ގަމުގައި ކެންސަރު ހޮސްޕިޓަލެއް ޤާއިމުކުރާތީ ހިތުގައި ހުރި ޝުޢޫރުތައް ބަޔާންކޮށްދެމުން ލ.އަތޮޅު ރައްޔިތަކު ބުންޏެވެ.
ލ.ގަމުގައި ޓާޝަރީ ހޮސްޕިޓަލެއް ޤާއިމުކުރުމުގެ ސިޔާސަތަކީ ހުސް ވާހަކަތަކެއް ނޫނެވެ. މިއީ ކުލަވެ ފުރިހަމަވަމުންދާ އުއްމީދެކެވެ. ލ.ގަން ރީޖަނަލް ހޮސްޕިޓަލު ހިންގެވުމާއި ހަވާލުވެ ހުންނެވި ޑެޕިއުޓީ ސީ.އީ.އޯ މުޙައްމަދު ޝިޔާމްގެ ވާހަކަފުޅުންވެސް މިކަން ހާމަވެއެވެ.
"ޓާޝަރީ ފެންވަރަށް ހޮސްޕިޓަލް ބަދަލުކުރުމުގެ ދެކަމެއް މި އޮންނަނީ. އެއްކަމަކީ އުމްރާނީ ގޮތުން ގެންނަންޖެހޭ ބަދަލު. އެކަންކަން މިހާރު ހުރި އިމާރަށްވެސް ކޮންމެވެސް ވަރަކަށް ގެނެވިފައި އެހުރީ. ބާކީ ބައި ކުރިއަށް ގެންދިޔުމަށް އެމް.އޯ.ޔޫ އެއްގައި ސޮއި މި ކުރެވުނީ. އޭގެ އިތުރުން މެޝިނަރީސް އެބަހުރި ގެނެސްފައި. ދެން އަންނަ އަހަރު މިބަލަނީ އެމް.އާރު.އައި ލިބޭނެކަމަށް. ދެން އަންނަ އަހަރު ހޮސްޕިޓަލުގައި އޮކްސިޖަން ޤާއިމުކުރާނެ. ދެން އަނެއްކަމަކަށް މިއޮތީ ސްޕެޝަލިސްޓުން އިތުރުކުރުން. މިބަލަނީ އަންނަ އަހަރު އިތުރު ސްޕެޝަލިސްޓުން ލިބޭނެކަމަށް". ޝިޔާމް ވިދާޅުވިއެވެ.
ލ.ގަމުގައި ޓާޝަރީ ހޮސްޕިޓަލެއް ޤާއިމުކުރުމަކީ ލ.އަތޮޅު ތަރައްޤީވެ ކުރިއަރައިގެންދާނެކަމެކެވެ. ވައިގެ ދަތުރުފަތުރު ފުޅާވެ އެއަރޕޯޓު ތަރައްޤީވެގެން ދާނެކަމެކެވެ. ވިޔަފާރިތައް އިތުރުވެ ރައްޔިތުންގެ ތަނަވަސްކަން އިތުރުވާނެކަމެކެވެ. ގެސްޓު ހައުސް ވިޔަފާރި ފުޅާވެ ނަފާ އިތުރުވާނެކަމެކެވެ. މާލެފަދަ ރަށްތައް ދިވެހިރާއްޖޭގެ ކަންކޮޅުތަކުގައި ތަރައްޤީވާނެކަމެކެވެ.
"ޞިއްޙީ ޚިދުމަތް ކައިރިން ލިބޭނެކަމުގެ ޔަޤީންކަން އޮންނަންޖެހޭނެ. ކައިރިން ވަޒީފާ ހޯދެންޖެހޭނެ. މިއީ ބުރަ މަސައްކަތެއް. ބޮޑު ޚަރަދެއް ކުރަންޖެހޭނެ ކަމެއް. ސަރުކާރުގެ ބަޖެޓުތައް މިދިޔަ ދެތިން އަހަރު ބޮޑުވާ ވާހަކަ ދައްކާނެ. އަޅުގަނޑުމެންނަށް އެއްފަހަރާ މި ހުރިހާ ކަމެއް ކުރަން ޖެހުނީމާ، ޕްރޮޖެކްޓްތައް ހިންގަން ޖެހުނީމާ ޚަރަދުތައް ބޮޑުވާނެ. އެހެން ނަމަވެސް، މި ރާއްޖެއަށް އަދި ޚާއްޞަކޮށް މާލެއަށް މިއޮތް ތޮއްޖެހުން ދުރު ރާސްތާގައި ކުޑަވެގެން އަންނާނީ މި ކަންތައްތައް ކޮށްގެން" މިދިޔަ ސެޕްޓެމްބަރު މަހު ލ.ގަމުގައި އޮތް ވިއަވަތި ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވާހަކަފުޅު ދައްކަވަމުން ރައްޔިތުންނަށް ދެއްވީ ޔަގީންކަމެވެ. އިތުބާރެވެ. އުއްމީދެވެ.
ރައީސް އެ ކުރައްސަވައި ދެއްވަނީ ދިވެހި ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުން އުޖާލާ ކުރެވޭނެ ގޮތުގެ ތަސްވީރެވެ.