ޚަބަރު

ހުރަވީ ބިލްޑިންގ ތަޅާލާފައި ހަދާ ޕާކް އަންނަމަހު 11ގައި ހުޅުވަނީ


ހުރާވީ ބިލްޑިންގ ތަޅާލާ، އެތަނުގައި ހަދާ ޕާކްގެ މަސައްކަތް ނިންމާ، އަންނަމަހު ހުޅުވާނެކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގަމުންދިޔަ ހުރަވީ ބިލްޑިންގ ތަޅާލުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މެއިމަހުގެ ތެރޭގައެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ، ހުރަވީ ބިލްޑިންގ ތަޅާލުމުގެ މަސައްކަތް ނިންމާ އެތަން ހުސްކޮށް ނިންމާފައިވާކަމަށެވެ. އަދި އެތަނުގައި ޕާކް ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަން ފާހަގަކޮށް އަކްރަމް ވިދާޅުވީ އެތަނުގައި ހަދާ ޕާކްގެ އަންނަމަހުގެ 11 ވަނަ ދުވަހު އާއްމުންނަށް ހުޅުވާލާނެކަމަށެވެ. މިއީ ވެހިކަލްތަކަށްވެސް ޕާކުކުރެވޭނެ ޖާގައާއެކު ތަރައްޤީކުރާ ޕާކެއްކަން މީގެކުރިން ޕްލޭނިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ހުރަވީ ބިލްޑިއަންގއަކީ 35 އަހަރަށްވުރެ ގިނަ ދުވަސްވީ ޢިމާރާތެކެވެ. ހުރަވީ ބިލްޑިން ބާވެ އެތަނަކީ ރައްކާތެރި ތަނެއް ނޫންކަމަށް ކަނޑައަޅާފައި ވަނިކޮށް، ވަރަށް ފަހަކާއި ޖެހެންދެންވެސް އެ ޢިމާރާތް ބޭނުންކުރިއެވެ.

އޭގެތެރޭގައި އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި އިމިގްރޭޝަނާއި ޓްރާންސްޕޯޓް އޮތޯރިޓީއާއި މާލޭ ސިޓީ ކައުންސިލްގެ ބައެއް ޔުނިޓްތައްވެސް ވަރަށް ފަހަކާއި ޖެހެންދެން ހިންގިއެވެ. އެ ޢިމާރާތް ބޭނުންކުރަމުން އައިރުވެސް ތަފާތު އެކި ހާދިސާތައް ހިންގާފައިވެއެވެ.

ހުރަވީ ބިލްޑިންގގައި ހިންގާ އޮފީސްތައް ހުސްކޮށް، އެ އިމާރާތް ތަޅައިލަން 2010 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުންވެސް ނިންމިއެވެ. ނަމަވެސް ސަރުކާރު އޮފީސްތައް ބަދަލުކުރާނެ އެހެން އިމާރާތެއް އޭރު ނެތުމުން އެކަން ކޮށްފައެއްނުވެއެވެ. ހުރަވީ ބިލްޑިންގަކީ ރައީސް މައުމޫނުގެ ވެރިކަމުގެ ކުރީކޮޅު ހެދި އޮފީސް ޢިމާރާތެކެވެ.