ޚަބަރު

ނޭކުރެންދޫ ޖަލާއެކު ކުށުގެ ވެއްޓަަށް ބޮޑު ބަދަލެއް އަންނާނެ: އިމްރާން


ހދ. ނޭކުރެންދޫގައި އެޅުމަށް ހަމަޖެހިފައިވާ އިންޑަސްޓްރިއަލް ޖަލާއެކު ރާއްޖޭގެ ކުށުގެ ވެއްޓަށް ބޮޑު ބަދަލެއް އަންނާނެކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ ނޭކުރެންދޫގައި އެޅުމަށް ހަމަޖެހިފައިވާ އިންޑަސްޓްރިއަލް ޖަލުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ޔުނިކް ޗޮއިސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

ހޯމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ހޯމްމި ނިސްޓްރީން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ އަބްދުއްރަޙްމާން ޞަލާޙް ރަޝީދުއެވެ. އަދި ޔުނިކް ޗޮއިސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ރިޔާޒް އަލީއެވެ.

ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ނޭކުރެންދޫ އިންޑަސްޓްރިއަލް ޕްރިޒަންގެ ފޭސް 1 ގައި ހިމެނެނީ ޖަލުގެ ވަށާ ފާރު ރޭނުމެވެ. މި އެއްބަސްވުމުގެ ދަށުން 250 ދުވަހުގެ ތެރޭގައި ޖަލުގެ އުތުރު ފަރާތުގައި 614 މީޓަރު ދިގު 6 މީޓަރު އުސް ފާރެއް ރޭނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިރުމަތި ފަރާތުގައި 462 މީޓަރު ދިގު 6 މީޓަރު އުސް ފާރެއް ރޭނުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުއަށް ދަޢުލަތުގެ ބަޖެޓުން 15 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރެއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ ވިދާޅުވީ ނޭކުރެންދޫގައި ޖަލު އެޅުމަކީ ކުށްތަކަށް އަރައިގަންނަ ޒުވާނުން އަނބުރާ މުޖުތަމަޢުއަށް ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތުގެ ތެރެއިން އެންމެ މުހިއްމު އެއް މަސައްކަތްތަކަމަށެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހޭ ޒުވާނުން ދިރިއުޅުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ އިމްރާން ވިދާޅުވީ މި ޖަލުގެ ތެރެއިން އިންޑަސްޓްރިއަލް މަސައްކަތްތައް ދަސްކޮށްދެވިގެންދާނެކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި އެ ޖަލުގެ މުހިއްމު މަަސައްކަތްތަކެއް ކުރަން ފަށާނެކަމަށެވެ. މިގޮތުން މިހާރު އެ ޖަލުގެ ކޮންސެޕްޓާއި ޑިޒައިންގެ މަސައްކަތްތައް ނިންމާލާފައިވާކަމަށާއި ޖަލުގެ މަސައްކަތް ނިމުމާއެކު މަަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުން އަނބުރާ މުޖުތަމަޢުއަށް ގެނެސް ކުށުގެ ވެއްޓަަށް ބޮޑު ބަދަލެއް އަންނާނެކަމަށް ޤަބޫލުކުރައްވާކަމަށެވެ.

"ރާއްޖޭގައި މިވަގުތު ގޭންގުތަކާއި ޑްރަގް ނެޓްވޯކްތަކުގައި ޖެހިފައިވާ ޒުވާނުންނަށް ވަރަށް ބޮޑަށް އަޅާލުންތެރިކަން ބޭނުންވޭ. އެކަމަށް އޮތް އެންމެ ބޮޑު ހައްލެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ މިއަދު ދުނިޔޭގެ ގައުމުތަކުގައި ކާމިޔާބުކަމާއެކު ތަންފީޒުކުރަމުން ގެންދާ އިންޑަސްޓްރިއަލް ނުވަތަ އޯޕަން ޕްރިޒަން އެއް ރާއްޖޭގައި ގާއިމުވެގެން ދިއުން" މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ ވިދާޅުވިއެވެ.

ނޭކުރެންދޫގައި ޖަލެއް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދުފުޅެކެވެ. އެހެންކަމުން އެޖަލު ވެގެންދާނީ އެތަނުގައި ރިހިބިލިޓޭޝަން ފަރުވާދެވި، ބައެއް ކަހަލަ ކުށްކޮށްފައިވާ ޤައިދީން އަލުން އަވަހަށް މުޖުތަމައަށް ނެރެވޭފަދަ އިންތިޒާމުތަކާއެކު ހަދާ ޖަލަކަށެވެ.