ޚަބަރު

"ނަފްސާނީ ބަލީގެ މީހުން ބާކީކޮށްލުމުގެ ވިސްނުން ދޫކޮށްލަންޖެހޭ"


ނަފްސާނީ ބަލީގެ މީހުންނާމެދު މުޖުތަމަޢުއިން ދެކޭދެކުން ބަދަލުކޮށް، އެފަދަ މީހުން ބާކީކޮށްލުމުގެ ވިސްނުން ދޫކޮށްލަންޖެހޭކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓަރ މިހެން ވިދާޅުވީ، ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަސް ފާހަގަކުރުމުގެގޮތުން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދިޔަ ހަރަކާތް ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަސް ފާހަގަކުރުމުގެގޮތުން ބޭއްވި ހަރަކާތް ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަން ވިދާޅުވީ، ރާއްޖޭގައިވެސް ނަފްސާނީ ބަލިމަޑުކަމަށް ފަރުވާ ބޭނުންވާ ވަރަށް ގިނަ މީހުން އެބަތިބިކަމަށެވެ. އަދި ނަފްސާނީ ދުޅަހެޔޮކަން ފޯރުކޮށްދިނުމަށްޓަކާ ދެވޭ ޚިދުމަތްތައް ފުޅާކުރަންޖެހޭކަމަށާއި، ރައްޔިތުންނާއި ގާތުން އަގުހެޔޮކޮށް މި ޚިދުމަތްތައް ލިބެންޖެހޭނެކަން މިއަދު ޤަބޫލުކުރަންޖެހޭކަމަށެވެ.

މިނިސްޓަރ ޑރ. އިބްރާހީމް ޙަސަން ވިދާޅުވީ، ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަކީ މިއީ ހަމައެކަނި ވަކި ބައެއްގެ ޒިންމާއެއް ނޫންކަމަށާއި، މިއީ މުޅި މުޖުތަމަޢު އެކަމެއްގައި ބައިވެރިވާންޖެހޭކަމަށެވެ. އަދި ނަފްސާނީ ބަލިތަކާމެދު މުޖުތަމަޢުގެ ވިސްނުން ބަދަލުކުރަންޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ މުޖުތަމަޢުގައި ތިބި ނަފްސާނީ ބަލިމީހުންނަކީ އެކަހެރި މީހުންކަމުގައި ނުހަދާ، އެމީހުންނަކީވެސް މުޖުތަމަޢުގެ ހުރިހާ ކަމެއްގައި ބައިވެރިވުމުގެ ފުރުޞަތު އޮތްބައެއްކަމުގައި ހެދުމަކީ އަޅުގަނޑުމެން ކޮންމެ މީހެއްގެ ވާޖިބެއް" ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވީ، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކަންކަން ހުންނަގޮތުން ނަފްސާނީ ދުޅަހެޔޮކަމަށްވުރެ ގިނަ ފަހަރަށް އިސްކަން ދެވެނީ ޖިސްމާނީ ދުޅަހެޔޮކަމަށް ކަމަށެވެ. އަދި ފުރިހަމަ ޞިއްޙަތެއްގައި ހުރުމަށް ކޮންމެ މީހަކުވެސް ފަރުދީގޮތުން މަސައްކަތްކުރާގޮތަށް، ނަފްސާނީ ކަންކަމަށްވެސް ޚާއްސަ އަހައްމިއްޔަތުކަމެއް ދޭންޖެހޭކަމަށެވެ.

މިނިސްޓަރ ނަސީމް ވިދާޅުވީ، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް ނަފްސާނީ ބައްޔާއި ކުރިމަތިލާންޖެހިދާނެކަމަށެވެ. އަދި މިކަމާމެދު އާއްމުންގެ ހޭލުންތެރިކަން އަދިވެސް އިތުރުކުރަންޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ޖިސްމާނީގޮތުން ބަލިވުމުން ފަރުވާ ހޯދާ ފަދައިން ނަފްސާނީގޮތުން ބަލިވުމުންވެސް ފަރުވާ ހޯދަންޖެހޭ. މިގޮތުން އެމީހުންނަށް އޯގާތެރިކަމާއި އަޅާލުން ބޭނުންވޭ. އަޅުގަނޑުމެންގެ އަންޑަސްޓޭޑިންގ އެމީހުންނަށް ބޭނުންވޭ. އަޅުގަނޑުމެންގެ މުޖުތަމަޢަކީ އެކަކު އަނެކަކަށް އަޅާލާ އެހީވާ، އަޙްލާޤު ރަނގަޅު މުޖުތަމަޢުއަކަށް އެބަވާންޖެހޭ" މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

"ވޯލްޑް މެންޓަލް ހެލްތު ޑޭ" ފާހަގަކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ)އާއި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ އަދި ސެންޓަރ ފޯރ މެންޓަލް ހެލްތުން އިސްނަގައިގެން ކުރިއަށްގެންދިޔަ މި ހަރަކާތުގައި އެޑިއުކޭޝަން މިނިސްޓްރީއާއި، ޖެންޑަރ މިނިސްޓްރީގެ އިތުރުން ސަރުކާރާއި އަމިއްލަ ބައެއް މުއައްސަސާތަކާއި، ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ބައިވެރިވެފައިވެއެވެ. އަދި ނަފްސާނީ ދުޅަހެޔޮކަމުގެ މުހިއްމުކަމާއި، ނަފްސާނީ ބަލިތަކާއި، އެކަންކަމަށް ފަރުވާ ހޯދާނެގޮތްތަކާގުޅޭގޮތުން ވަކި ވަކި ސްޓޯލްތައް ހަދައިގެން މަޢުލޫމާތު ވަނީ ދީފައެވެ. މި ހަރަކާތް ކުރިއަށްގެންގޮސްފައިވަނީ ތަފާތު އުމުރުފުރާގެ މީހުންވެސް ޝަޢުގުވެރިވާނެފަދަ ގޭމްތައްވެސް ހިމަނައިގެންނެވެ.

ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރުމަހުގެ 10 ވަނަ ދުވަހުއެވެ. މިއަހަރުގެ މިދުވަހުގެ ޝިއާރެއްގެގޮތުގައި ކަނޑައަޅާފައިވަނީ "މޭކް މެންޓަލް ހެލްތު ފޯރ އޯލް އަ ގްލޯބަލް ޕްރައޮރިޓީ" ނުވަތަ ނަފްސާނީ ދުޅަހެޔޮކަމަކީ މުޅި ދުނިޔެވެސް އިސްކަންދޭ ކަމަކަށް ހެދުމެވެ.