ޚަބަރު

ތުރާކުނުގައި އަލަށް ބިނާކުރާ މިސްކިތުގެ ޢަމަލީ މަސައްކަތް ފަށައިފި


ހއ. ތުރާކުނުގައި އަލަށް ބިނާކުރާ މިސްކިތުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މި މިސްކިތުގެ ޢަމަލީ މަސައްކަތް ފެށުމުގެގޮތުން އެރަށުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީއާއި، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި ތުރާކުނު ކައުންސިލުގެ މެންބަރުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.


ތުރާކުނުގައި އަލަށް ބިނާކުރާ މިސްކިތުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ޙަވާލުކޮށްފައިވަނީ މައިކްރޯން ޕްރައިވެޓް ލިމިޓެޑް ކިޔާ އަމިއްލަ ކުންފުންޏަކުންނެވެ. އެކުންފުންޏާއި މި މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށް ޙަވާލުކޮށްފައިވަނީ މިދިޔަ މާރިޗުމަހުގެ 23 ވަނަ ދުވަހުއެވެ.

ތުރާކުނުގައި އަލަށް ބިނާ ކުރާ މި މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އަދި މިސްކިތް ބިނާކުރުމަށް 10.6 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. މި މިސްކިތުގެ އެތެރެއާއި ބޭރު ފަރުމާކޮށްފައިވަނީ އިސްލާމީ ވަހުދަތު ރަމްޒުކޮށްދޭނެހެން ފަހުގެ ޒަމާނީ ސިފަތަކާއެކުއެވެ.

އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރާ ތުރާކުނަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިނިސްޓަރ ވަނީ މިއަދު ހއ. ތުރާކުނު މަސްޖިދުލް ނިބްރާސްގައި އިމާމްވެ ހުކުރު ނަމާދު ކޮށްދެއްވާފައެވެ. އަދި މިނިސްޓްރީގެ ޓީމުން ވަނީ ތުރާކުނު ކައުންސިލާވެސް ބައްދަލުކުރައްވާފައެވެ.