ޚަބަރު

"އެއަރޕޯޓަކީ ދައުލަތުގެ އެންމެ މުހިއްމު ހަރުމުދާ، ލިބޭ ކޮންމެ ކުރިއެރުމެއްގެ ހެޔޮ އަސަރު އިޤްތިޞާދަށް ކުރާނެ"


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ދިވެހި ދަޢުލަތުގެ އެންމެ މުހިއްމު ހަރުމުދާކަމަށާއި، އެއަރޕޯޓަށް ލިބޭ ކޮންމެ ކުރިއެރުމެއްގެ ހެޔޮ އަސަރު ރާއްޖޭގެ އިޤްތިޞާދަށް ކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭ އާއި ނޫވިލު ސީޕްލޭން ޓަރމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ، ދިވެހިންގެ ބުރަ މަސައްކަތުން ހެދި ދިވެހިންގެ އެއަރޕޯޓެއް ކަމަށެވެ. އަދި ދިވެހިރާއްޖޭގެ އިޤުތިޞާދުގެ މައި ދޮރޯއްޓަކީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުކަމުގައި ވާއިރު، މިއީ ދައުލަތުގެ އެންމެ މުހިއްމު ހަރުމުދާ ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީ ކުރެވެމުން ދަނީ އެއަރޕޯޓުގެ މާސްޓަރ ޕްލޭނާއި އެއްގޮތަށް ކަމަށެވެ. މިގޮތުން، ރަންވޭ އެޅުމުގެ މަސައްކަތާއި، ފިއުލްފާރމް ޤާއިމްކުރުމާއި، ސީޕްލޭން ޓާރމިނަލްގެ އިތުރުން ޕަސެންޖަރ ޓާމިނަލްތައް އެޅުމުގެ މަސައްކަތްތައް ކުރިޔަށްދިޔަ ގޮތުގެ މައްޗަށް އަލި އަޅުއްވާލެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ކުރެވުނު އެމަސައްކަތަކީ ހިނގަހިނގާ އޮތް އެއަރޕޯޓެއްގެ ތެރޭގައި އައު އެއަރޕޯޓެއް އެޅުން ފަދަ މަސައްކަތެއް ކަމަށެވެ. އަދި އެއަރޕޯޓުގެ ތަރައްޤީގެ މަޝްރޫޢުތައް ހިނގަމުން ދިޔައިރު އެއަރޕޯޓުގެ ޚިދުމަތްތައް މެދުނުކެނޑި ކުރިޔަށް ގެންދެވުނުކަން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.

"އެއަރޕޯޓު ވެގެންމިދަނީ ދައުލަތުގެ ހުރި އެންމެ މުހިއްމު އިންފްރާސްޓްރަކްޗަރގެ ގޮތުގައި. މިއަދު މި ފެންނަނީ އައު ރަންވޭއެއްގެ ފެށުމުގެ މަސައްކަތްތައް. މިކަން ފެށުމާއެކު ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ. އަޅުގަނޑުމެންނަށް ފެނިގެންދިޔައީ އެއަރޕޯޓެއްގެ ތެރޭގައި އައު އެއަރޕޯޓެއް ހަދަމުންދިޔައިރު، އަޅުގަނޑުމެންގެ ބިޒްނަސް، އެއަރޕޯޓުން ދޭންޖެހޭ ޚިދުމަތްތައް، ދުވަހުން ދުވަހަށް ފަތުރުވެރިން އިތުރުވެގެން އެއައި މިންވަރުން، އެ ޚިދުމަތްތައް ދިނުމަށްޓަކާ ބަޔަކު ކުރަމުންދިޔަ މަސައްކަތް' ނައިބު ރައީސް ވިދާޅުވިއެވެ.

ރައިސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، މުޅި ދިވެހިރާއްޖޭގެ އިޤުތިޞާދު ބިނާވެފައި އޮތީ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ މައްޗަށް ކަމަށެވެ. އެހެންކަމުން އެއްގަމާއި ކަނޑުމަގުން ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރާއްޖެގުޅާލުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާއި ގަން އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ އިތުރުން އާރް.ޓީ.އެލްގެ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތައް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖެއިން ބޭރުން އަންނަ އިންޓަރނޭޝަނަލް ފްލައިޓްތައް ވެލާނާ އެއަރޕޯޓުގައި ޖެއްސުމާއެކު، ދެން އެންމެ އަވަހަށް ކުރެވޭ ކަމަކީ، ފަތުރުވެރިން އެމީހުންގެ މަންޒިލަށް ގެންދިޔުމުގެ މަސައްކަތް ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިގޮތުން ދުވާލެއްގެ މައްޗަށް 600 ސީޕްލޭން މޫވްމެންޓް ހިނގާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އަލަށް މިއަދު ހުޅުވުނު، އައު ސީޕްލޭން ޓަރމިނަލާއި އެކު ފަތުރުވެރިންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބި، ދަތުރުތައް އަވަސްވެގެންދާނެ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައިސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ވަނީ، އެއަރޕޯޓުގެ ތަރައްޤީއަށް މުހިއްމު ގިނަ މަސައްކަތްތަކެއް ކުރެވެމުންދާއިރު، އެދާއިރާތަކުން މީހުން ތަމްރީން ކުރުމުގެ މުހިއްމުކަންވެސް ފާހަގަކުރައްވާފައެވެ. އަދި އަތޮޅުތެރޭގައި ދަތުރުފަތުރުގެ ކަންކަން ތަރައްޤީ ކުރުމަށް ސަރުކާރުން މުހިއްމު ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އައު ރަންވޭގައި މިއަދު އެންމެ ފުރަތަމަ ޖައްސާފައި ވަނީ، ބޮއިން 777 މަރުކާގެ އެމިރޭޓްސް އެއަރލައިންގެ ފްލައިޓެކެވެ. އެ ފްލައިޓް ޖައްސާފައި ވަނީ ހެނދުނު، 7:20 ގައެވެ. އެ ފްލައިޓަށް މަރުޙަބާ ކިޔުމުގެގޮތުން ވަނީ، ވޯޓަރ ސެލިއުޓެއް އަރުވާފައެވެ. އައު ރަންވޭ ބޭނުން ކުރަން ފެށުމާއެކު ކުރީގެ ރަންވޭ ދެން ބޭނުންކުރާނީ ޓެކްސީވޭއެއްގެ ގޮތުގައެވެ.

މި ރަސްމިއްޔާތުގެ ތެރެއިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމަށް ޚާއްސަ ކޯރޕަރޭޓް ގިފްޓެއް ހަދިޔާކުރައްވާފައެވެ. މި ކޯރޕަރޭޓް ގިފްޓް އެމަނިކުފާނާއި ޙަވާލުކޮށްދެއްވީ އެމް.އޭ.ސީ.އެލްގެ ޗެއަރމަން މުޙައްމަދު އުމަރު މަނިކެވެ.