ޚަބަރު

ދެރަށެއްގެ ސިއްޙީ މަރުކަޒު އަޕްގްރޭޑްކުރަނީ


ދެރަށެއްގެ ސިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ހެލްތުން ދެކުންފުންޏަކާ ޙަވާލުކޮށްފިއެވެ.

މިގޮތުން ޙަވާލުކޮށްފައުވަނީ ގއ.މާމެންދޫ ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ ނުނިމިހުރި މަސައްކަތް ކުރުމަށާއި ލެބޯޓްރީ ޢިމާރާތްކުރުމުގެ މަސައްކަތާއި ނ.މާޅެންދޫ ސިއްޙީ މަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތެވެ.

ރަށްރަށުގެ ސިއްޙީ ފަރުވާދޭ ތަންތަނުގެ ފެންވަރު މަތިކޮށް ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން ގއ.މާމެންދޫ ސިއްޙީ މަރުކަޒުގެ ޚިދުމަތް ފުޅާކުރުމަށް އިތުރުކުރުމަށް ހަމަޖެހިފައިވާ އައު ޢިމާރާތުގެ މަސައްކަތް މިއަހަރުގެ ކުރީކޮޅުވަނީ ފަށާފައެވެ. އެހެންނަމަވެސް އެމަސައްކަތް އެކަށީގެންވާ ގޮތުގައި ކުރިއަށްނުދާނީ ސަރުކާރުންވަނީ އެމަސައްކަތްކުރަމުންދިޔަ ކުންފުންޏަށް ނޯޓިސް ފޮނުވާފައެވެ. އެހެންކަމުން މިމަޝްރޫޢުގެ ދަށުން ޢިމާރާތުގައި ނުނިމިހުރި މަސައްކަތާއި އަލަށް ސިއްޙީ މަރުކަޒުގައި ޤާއިމުކުރާ ލެބޯޓްރީގެ މަސައްކަތް ރައިޒާ ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފައިވަނީ ދައުލަތުގެ ބަޖެޓުން ހަތަރު މިލިއަން އަށްލައްކައަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރާގޮތަށެވެ. އެކުންފުންޏާއި މިމަސައްކަތް ޙަވާލުކޮށްފައިވަނީ 4 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ޙަވާލުކުރާ ގޮތަށެވެ.

ހެލްތު މިނިސްޓްރީންވަނީ ނ.މާޅެންދޫ ސިއްޙީ މަރުކަޒުގެ އައު ޢިމާރާއާއި އެތަނުގެ ވަށާފާރު ރޭނުމުގެ މަސައްކަތްވެސް ބަޔަކާއި ޙަވާލުކޮށްފައެވެ. މިމަސައްކަތް ޙަވާލުކޮށްފައިވަނީ ކްލޭއެލް.އެލް.ޕީއާއެވެ. މިމަސައްކަތް އެކުންފުންޏާ ޙަވާލުކޮށްފައިވަނީ ދައުލަތުގެ ބަޖެޓުން ހަތަރު މިލިއަން ހަލައްކައަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައެވެ. މިމަސައްކަތް އެކުންފުންޏާ ޙަވާލުކޮށްފައިވަނީ 5 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

އަތޮޅުތަކުގެ ސިއްޙީ ޚިދުމަތުގެ ފެންވަރު މަތިކޮށް ސިއްޙީ ފަރުވާއަށް މާލެއަށް ބަރޯސާވެފައި އޮތް އިތުން ނިމުމަކަށް ގެނައުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ. އަތޮޅުތެރޭގައި ސަރުކާރުން ޤާއިމުކުރާ ދަތުރުފަތުރުގެ ނިޒާމާއެކު ސިއްޙީ ޚިދުމަތް ހޯދުމުގައި އަތޮޅުތެރޭގެ ރައްޔިތުންނަށް ބޮޑު ލުޔެއް ލިބި ސިއްޙީ ޚިދުމަތަށް ބޮޑުބަދަލެއް އަންނާނެކަމަށް ސަރުކާރުން ލަފާކުރެއެވެ.