ދުނިޔެ

ޒިކާ ޖެހިފައިވާ މީހެއް ޗައިނާއިން ފުރަތަމަ ފަހަރަށް ފެނިއްޖެ


ޒިކާ ޖެހިފައިވާ މީހެއް ޗައިނާއިން ފުރުތަމަ ފަހަރަށް ފެނިއްޖެކަމަށް އެޤައުމުގެ ނޭޝަނަލް ހެލްތް އެންޑް ފެމިލީ ޕްލޭނިން ކޮމިޝަނުން ބުނެފިއެވެ. ޗައިނާގެ ޞިއްޙަތާބެހޭ ކޮމިޝަންނުން ބުނިގޮތުގައި ޒިކާ ޖެހިފައިވާ މީހާއަކީ ދާދި ފަހުން ވެނެޒުއޭލާއަށް ދަތުރުކުރުމަށްފަހު އެނބުރި ޗައިނާއަށް ދިޔަ 34 އަހަރުގެ ފިރިހެނެކެވެ. އަދި މިމީހާގެ ޙާލު ރަނގަޅުވަމުން އަންނަކަމަށް އެ ކޮމިޝަނުން ބުނެއެވެ. މިމީހާގެ ހަށިގަނޑުން ޒިކާގެ ޢަލާމާތްތައް ފެންނަން ފެށީ އޭނާ ވެނެޒުއޭލާގައި ހުއްޓާ މިދިޔަ މަހުގެ 28 ވަނަ ދުވަހު ކަމަށާއި، އޭނާ އަނބުރާ ޗައިނާއަށް އައިސްފައިވަނީ މިމަހުގެ 5 ވަނަ ދުވަހު ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މިމީހާ ޗައިނާގެ ގަންޒިއާން ސަރަޙައްދުގެ ހޮސްޕިޓަލެއްގައި ކަރަންޓީންކޮށް ފަރުވާދެމުންދާ ކަމަށް މައުލޫމާތު ލިބޭ. ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ބުނާދޭގޮތުގައި މިދުވަސްވަރު މޫސުން ހުރިގޮތުން ޒިކާ ޖެހިފައިވާ މީހާގެ ޒަރިއްޔާއިން ވައިރަސް އިތުރަށް ފެތުރުމުގެ ފުރުޞަތު ވަރަށް ކުޑަކަމަށެވެ.މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޒިކާ ޖެހިފައި ތިބޭ މީހުންގެ ގައިން ފެންނަ ޢަލާމާތްތަކުގެ ތެރޭގައި ހުންއައުން، ހަންގަނޑުގައި ކުދި ބިހި ނެގުން، ލޮލުރޯގާ ޖެހުން، ބޮލުގަ ރިއްސުން އަދި ގައިގައި ރިއްސުން ހިމެނެއެވެ. އޭޑީސް މަދިރިން ފެތުރޭ ޒިކާ ވައިރަސްއަކީ ފުރާނައަށް ގެއްލުންވާ ފަދަ ވައިރަސްއެއް ނޫން ނަމަވެސް މާބަނޑު މީހުންގެ ހަށިގަނޑަށް މި ވައިރަސް ވަނުމުން ބަނޑުގައި އޮންނަ ދަރިފުޅުގެ ސިކުނޑިއަށް އޭގެ އަސަރުކޮށް އައިބުވުމަށް މެދުވެރިވެއެވެ.ލެޓިން އެމެރިކާގެ ޤައުމުތަކުގައި ދަނީ ޒިކާގެ ހަލުއިކަމާއެކު ފެތުރެމުން. އަދި ލެޓިން އެމެރިކާގެ ގިނަ ޤައުމުތަކެއްގައި އުފަންވާ ކުދިންގެ ސިކުނޑި ޒިކާގެ ސަބަބުން ފުރިހަމަ ނުވާ 4 ހާހަށް ވުރެން ގިނަ ކޭސް ފާހަގަ ކުރެވިފައިވެއެވެ.    ޒިކާ ވައިރަސްއަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރާ ފަރާތްތަކުން ބުނާގޮތުގައި އެންމެ އަވަހަށްވެސް ވެކްސިންއެއް ތައްޔާރުކުރުމަށް އެތައް މަހެއް ހޭދަވާނެއެވެ. އެހެންނަމަވެސް ޒިކާއަށް އިމަރޖެންސީ ވެކްސިންއެއް މިއަހަރު ނިމުމުގެ ކުރިން އުފެއްދިދާނެ ކަމަށް އިނިވޯ ފާމަސޫޓިކަލްސްއިން ވަނީ ބުނެފައެވެ.