ޚަބަރު

ސައިބަރ ސެކިއުރިޓީއާގުޅޭ މުހިއްމު 2 ޤާނޫނެއް އެކުލަވާލަނީ


ސައިބަރ ސެކިއުރިޓީއާގުޅޭ މުހިއްމު ދެ ޤާނޫނެއް ޑްރާފްޓުކޮށް، މިއަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝައުނާ މިހެން ވިދާޅުވީ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއާއި، ނޭޝަނަލް ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޯލޮޖީ ގުޅިގެން ހިންގާ، "ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެވެއަރނަސް މަންތް 2022" ހަރަކާތްތައް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވީ، ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރާ މިންވަރު މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށާއި، ވަކިން ޚާއްސަކޮށް ކޯވިޑް-19ގެ ތެރެއިން ޓިޖިޓަލް ޓެކްނޮލޮޖީގެ މުހިއްމުކަން ވަރަށް ބޮޑަށް ވަޒަންކުރެވުނުކަމަށެވެ. އެގޮތުން ކިޔެވުމާއި، ފައިސާއާއި ވިޔަފާރީގެ މުޢާމަލާތްތަކާއި، އާއިލީ އަދި އިޖްތިމާޢީ ގުޅުން ބަދަހިކުރުމުގައިވެސް ޑިޖިޓަލް ޓެކްނޮލޮޖީ މިއަދު މުހިއްމު ދައުރެއް އަދާކުރާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއާއެކު ސައިބަރ ސްޕޭސްގެ ރައްކާތެރިކަން ކަށަވަރުކުރަން ޤައުމީ ފެންވަރުގައި މަސައްކަތްކުރަން މަޖުބޫރުވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވީ، ސައިބަރ ސެކިއުރިޓީއާއި ގުޅުންހުރި މައްސަލަތައް އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާކަމަށެވެ. އަދި މިފަދަ މައްސަލަތަކަކީ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ކުންފުނިތަކާއި، އޮންލައިން ޚިދުމަތްދޭ ފަރާތްތަކުގެ އެކަނި މައްސަލައަކަށް ހަދާފައި ދޫކޮށްލެވޭ ވަރަށް ވުރެ މާ ބޮޑެތި މައްސަލަތަކެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މިފަދަ އިންސިޑެންޓްތަކަށް ރެންސްޕޯންޑްކޮށް ސައިބަރ މައްސަލަތައް މަދުކުރުމަށް އިސްނަގައިގެން މަސައްކަތްކޮށް، ސައިބަރ ވެއްޓާއި، އިޖްތިމާޢީ އަދި އިޤްތިޞާދީ ޚިދުމަތް ދިނުމަށް ޤާއިމުކުރެވިފައިވާ ކްރިޓިކަލް އިންފޮމޭޝަން އިންފްރާސްޓްރަކްޗަރ ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ނިޒާމެއް މިއަދު މިވަނީ ކޮންމެހެން ޤާއިމުކުރަންޖެހިފައި" މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ، ރައްޔިތުން ޑިޖިޓަލް ޚިދުމަތްތަކަށް ބަރޯސާވާ މިންވަރު އިތުރުވަމުންދާ ސްޕީޑުގައި ޑިޖިޓަލް ޚިދުމަތްތަކާއި އިންޓަރނެޓަކީވެސް ރައްޔިތުންނަށް ރައްކާތެރިތަނަކަށް ހަދަންޖެހޭކަމަށެވެ. އަދި އެކަމަށް ބޭނުންވާ އިންތިޒާމްތަކާއި އިދާރާތަކާއި ޤާނޫނީ އޮނިގަނޑުވެސް އެކުލަވާލަންޖެހޭކަމަށް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

"މިކަން މިގޮތަށް ކުރުމަށްޓަކައި ގަވަމަންޓް ޑިޖިޓަލް ސަރވިސްގެ ޤާނޫނު އަދި ނޭޝެނަލް ސައިބަރ ސެކިއުރިޓީގެ ޤާނޫނުތައް ޑްރާފްޓް ކުރެވި މިއަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް މިދަނީ މަސައްކަތް ކުރަމުން. ސައިބަރ ސެކިއުރިޓީއަކީ ކޮންމެ ފަރުދަކަށް އެއިން އަސަރުކުރާ އެތަކެއް ގެއްލުންތަކާ ހިތާމަވެރި ޙާދިސާތަކުން ފަރުދުންނާއި ވިޔަފާރިތަކާއި މުއައްސަސާތައް ރައްކާތެރިކުރުމަށް މިހާރުން މިހާރަށް ބޭނުންވާ ޚިދުމަތަކަށްވާކަން މިއަދު އަޅުގަނޑު ފާހަގަކުރަން" މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ ޝައުނާ ދެއްކެވި ވާހަކަފުޅުގައި ސައިބަރ ސެކިއުރިޓީގެ ކަންކަން ޚަރުދަނާކުރުމަށް ޤައުމީ ސައިބަރ ސެކިއުރިޓީ އޭޖެންސީއެއް ޤާއިމުކުރުމުގެ މުހިއްމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ކުޑަކުދިންނާއި ޒުވާނުން މިކަމަށް ހޭލުންތެރިކުރުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް އިތުރުކުރަންޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެވެއަރނަސް މަންތް 2022" ގެ ހަރަކާތްތައް ރަސްމީކޮށް ފަށާފައިވާއިރު، މިއަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަސް ޚާއްސަ ކުރާނީ ސައިބަރ ސެކިއުރިޓީއަށް އާއްމުންނާއި މުއައްސަސާތަކުގެ ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތު ހަރަކާތްތައް ހިންގާނެ މަހެއްގެ ގޮތުގައިކަމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ވިދާޅުވެއެވެ.