ހައްޖު ކޯޕޮރޭޝަނުން އިސްލާމީ ބައެއް ޤައުމުތަކަށް ޘަޤާފީ ދަތުރެއް ކުރަން ނިންމައިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.މި ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގައެވެ. 21 ދުވަހަށް ކުރިއަށް ގެންދަން ނިންމާފައިވާ މި ދަތުރާއި ގުޅޭގޮތުން ހައްޖު ކޯޕޮރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ ޔާމީން އިދްރީސް ވިދާޅުވީ މި ދަތުރުގައި އުމްރާ ވުމުގެ އިތުރުން މައްކާގެ ޙަރަމްފުޅާއި މަސްޖިދުއްނަބަވީ އަދި މަސްޖިދުލް އަޤްޞާގައި ހުކުރު ނަމާދު ކުރުމުގެ ފުރުޞަތު ފަހިކޮށްދެއްވާނެ ކަމަށެވެ. އަދި މި ދަތުރުގެ ތެރެއިން ފަލަސްތީނާއި މިސްރާއި އުރުދުން އާއި ސައުދިއަރަބިއްޔާގެ އިތުރުން ޖޯޑަންގައި ހުރި އިސްލާމީ ތާރީޚާއި ގުޅުންހުރި މުހިންމު ތަންތަން ބަލައިލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.މި ދަތުރާއި ގުޅޭ އިތުރު މައުލޫމާތުތައް ވަރަށް އަވަހަށް އިއުލާނު ކުރެވޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ވިދާޅުވިއެވެ.