ޚަބަރު

ބ.އަތޮޅު ކައުންސިލުން ބޭއްވި އަތޮޅު ޤުރުއާން މުބާރާތުން އެއްވަނަ ތުޅާދޫ ކައުންސިލުން ހޯދައިފި


ބ.އަތޮޅު ކައުންސިލުން ބޭއްވި 1444 ވަނަ އަހަރުގެ އަތޮޅު ޤުރުއާން މުބާރާތުން އެއްވަނަ ތުޅާދޫ ކައުންސިލުން ހޯދައިފިއެވެ. ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ އަޙުމަދު ޒާހިރު އަލީއެވެ.

މި މުބާރާތުގައި އެއަތޮޅުގެ 9 ރަށެއްގެ ކައުންސިލުން 134 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މިމުބާރާތުގެ އެއްވަނަ ކައުންސިލަކަށް ހޮވުނީ ތުޅާދޫ ކައުންސިލެވެ. ދެވަނަ ކެންދޫ ކައުންސިލް ތިންވަނަ ހާސިލް ކުރީ އޭދަފުށީ ކައުންސިލެވެ.

މިރަސްމިޔާތު ޝަރަފް ވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް އަޙްމަދު ޒާހިރު އަލީ ވިދާޅުވީ ރަށު ފެންވަރުގަޔާއި އަތޮޅު ފެންވަރުގައި ބާއްވާ ޤުރުއާން މުބާރާތްތަކުގެ ސަބަބުން ވާދަވެރިކަން އިތުރުވެ ޤުރުއާނަށް އޮންނަ ލޯބި އިތުރުވެގެންދާނެކަމަށެވެ.

ބ.އަތޮޅު ކައުންސިލުން ބޭއްވި މިޤުރުއާން މުބާރާތުގައި އެތައްވަނައެއް އެކަށީގެންވާވަރަށް ޕޮއިންޓް ނުލިބުމުގެ ސަބަބުން ކުދިން ނުހޮވި ދިޔައެވެ. އެކަމަށް އަލިއަޅުއްވާ ލައްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އެކަމުގެ ޒިންމާ ނަގަންޖެހޭނީ ބެލެނިވެރިންނާ ޤުރުއާން މުދައްރިސުންކަމަށެވެ. ޤުރުއާން އުގަންނައި ދިނުމަށް ދަރިވަރުންނަށް މިހާރަށްވުރެ ބޮޑަށް މަސައްކަތް ކުރަންޖެހޭ ފަރާތްތަކަކީ ބެލެނިވެރިންނާ ސްކޫލް ތަކުގައި ތިއްބަވާ ޤުރުއާން މުދައްރިސުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިހާރަށްވުރެ ބޮޑަށް ފަރުވާތެރިވެ ޤުރުއާނަށް އޮންނަ ލޯބި އިތުރުކޮށް ދީނަށް ލޯބިކުރާ ދަރިވަރުންތަކެއް ބިނާކޮށްދެއްވުމަށް މިނިސްޓަރ ބެލެނިވެރިންނަށާ މުދައްސިރުންގެ ކިބައިން އެދިވަޑައިގަތެވެ. ކުދިންނަށް ކިޔެވުމުގައި ދިމާވާ ނާކާމިޔާބީގައި ހިތްވަރުދެރަ ނުކުރުމަށާ، ވަކިން ހާއްސަކޮށް ޤުރުއާން މުބާރާތަކުން ވަނަ އެއް ހާސިލް ނުވުމުމުން ފަހަތަށް ނުޖެހި އާހިތްވަރަކާއެކީ ކުރިއަށް ދިއުމަށް ދަރިވަރުންނަށް މިނިސްޓަރ އިލްތިމާސް ކުރެއްވިއެވެ. އަދި ގުރުއާނުގައި އަންގަވާފައިގޮތައް އުޅުން ބައްޓަން ކުރުމަށް މިފަދަ މުބާރާތްތައް ގިނަގިނައިން ބޭއްވުން އެއީ މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާކަމަށް މިނިސްޓަރ އަހުމަދު ޒާހިރު ވިދާޅުވިއެވެ.

މި މުބާރާތަކީ ޤައުމީ މުބާރާތައް އަތޮޅު ފެންވަރުގައި ވާދަ ކުރާނެ ދަރިވަރުން ތަކެއް ހޮވުމާ ޤުރުއާނަށް އޮންނަ ލޯބި އިތުރުކޮށް ވާދަވެރިކަން އިތުރުކުރުމަށް ބޭއްވުނު މުބާރާތެއްކަމަށް އަތޮޅު ކައުންސިލުން ވިދާޅުވެއެވެ.