ރާއްޖޭގެ އިގްތިސާދު އެކަމެއްގެ މައްޗަށް ބަރޯސާވާ ދެވަނަ ސިނާއަތަކީ މަސްވެރިކަންކަމަށްވާއިރު، މި ދާއިރާއަށް މިހާރު އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ މި މަސައްކަތާއި މެދު ޒުވާނުން ދެކޭ ގޮތާއި، ދާއިރާއަށް ނުކުންނަ ޒުވާނުން މަދުވުމެވެ. މީގެ ވިއްސަކަށް އަހަރު ފަހަށް ބަލާއިރު، މި ދާއިރާގައި މަސައްކަތްކުރާނެ ބަޔަކު ނެތުމުގެ ބިރު އެބައޮތޭ ދެންނެވުމުގެ ފުރުސަތުވެސް އެބައޮތެވެ.
މޯލްޑިވްސް ފިޝަރމެން އެސޯސިއޭޝަނުގެ އިސްނެގުމުގެ މަތިން މަސްވެރިކަމަށް ޒުވާނުންގެ ޝައުގުވެރިކަން އުފެއްދުމާއި މި ދާއިރާގެ ތަމްރީނުތައް ދިނުމުގެ ޕްލޭނެއް އެކުލަވާލައި އެ މަސައްކަތް ފެށީ 2016 ވަނަ އަހަރުއެވެ. ނަމަވެސް އެކި ކަހަލަ ދަތިތަކުގެ ސަބަބުން އެ މަސައްކަތް ކުރިއަށް ނުގޮސް ލަސްވުމަށް ފަހު، ސްކޫލްތަކުގައި ދަރިވަރުންނަށް މަސްވެރިކަމުގެ ދާއިރާއިން ތަމްރީނާއި ތައުލީމް ފޯރުކޮށްދިނުމުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. ސްކޫލުތަކުގައި ޔަންގ ފިޝަރސް ކްލަބުގެ ގޮތުގައި ހިންގާ ކްލަބް ހަރަކާތް އެންމެ ފުރަތަމަ އިފްތިތާހުކޮށްފައި ވަނީ ރާއްޖޭގެ އުތުރުން އެންމެ މަސްވެރި އެއް ރަށް ކަމަށްވާ ހއ. އިހަވަންދޫ ސްކޫލުގައެވެ.
އިހަވަންދޫ ސްކޫލުގައި މި ކްލަބް އިފްތިތާހުކޮށްދެއްވީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަންއެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ އިހަވަންދޫ ސްކޫލަކީ ނަސީބު ރަނގަޅު ދަރިވަރުންތަކެއް ކިޔަވާ ސްކޫލެއް ކަމަށެވެ. އެގޮތުން އެ ސްކޫލުގައި މި ހަރަކާތް އިފްތިތާހުގެ ދަރިވަރުންނަށް މި ފަދަ ބޮޑު ފުރުސަތެއް ލިބުމަކީ ވަރަށް ބޮޑު ނަސީބެއްގެ ގޮތުގައި މިނިސްޓަރ ސިފަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ ފިޝަމެންސް އެސޯސިއޭޝަނުން މާކުރިން ފަށައިގެން ވެސް މި މަސައްކަތަށް އުންމީދެއް އޮވެ، އެ މަސައްކަތް ފަށައިގެން ކުރިއަށް ދިއުމަކީ މި މަސައްކަތަށް އެ އެސޯސިއޭޝަނުގެ ވެރިންގެ ހިތުގައި އޮތް ލޯތްބާއި ގަދަރު ހާމަވާ ކަމަށެވެ. މީގެ އިތުރަށް މި ހަރަކތަށް އިހަވަންދޫ ސްކޫލުން ދިން އަހަމިއްޔަތަށް މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ.
މަދަރުސާ ދައުރުގައި މަސްވެރިކަމަށް ދިޔަ އަމިއްލަ ތަޖުރިބާއެއްވެސް ހިއްސާކުރައްވަމުން މިނިސްޓަރ ވިދާޅުވީ ސްކޫލް ދައުރުގައި ސްކޫލްތެރޭގައި މަސްވެރިކަމާ ގުޅުންހުރި ކަންކަން ދަސްވެ އެކަމަށް ޝައުގު ހުރި ކުދިންނަށް ފުރުސަތު ފަހިވުމަކީ މަސްވެރިކަމަށް އޮތް ވަރަށް ހެޔޮ ފާލެއް ކަމަށެވެ. އަދި ވަކިން ހާއްސަކޮށް އިހަވަންދޫ ސްކޫލުގައި އިފްތިތާހު ކުރި ކްލަބުން އަންހެން ދަރިވަރުން ފެނުމަކީ ވަރަށް ހިންހަމަޖޭ ކަމެއް ކަމަށާއި، މި ސިނާއަތަކީ އަންނެންނާއި ފިރިހެނުން ގުޅިގެން ބިނާކޮށްފައި އޮތް ސިނާއަތެއް ކަމަށް ވިދާޅުވިއެވެ.
މި ކަލްބް އިފްތިތާހުކުރުމަށް އިހަވަންދޫ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފިޝަރމެންސް އެސޯސިއޭޝަންގެ ރައީސް މައިޒާން އަހުމަދު މަނިކު ވިދާޅުވީ ރާއްޖޭގެ މަސްވެރިކަން ކުރިއާ އަޅާ ބަލާއިރު ވަރަށް ބޮޑުތަން ކުރިއަރާފައިވާ ކަމަށެވެ. އެގޮތުން މަސް އައިނު ހޯދުމާއި އެއާ ހަމައަށް ދިއުމަކީ މިހާރު އެހާ ފަސޭހަ ކަންކަން ނޫންކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، މަސްވެރިކަން ކުރާ ނަމަ މިހާރުގެ ފަހުގެ ވަސީލަތްތައް ބޭނުންކުރާނެ ގޮތާއި އެފަދަ އެތައް ހުނަރެއް ދަސްވެ އެކަންކަމަށް ފަރިތަވާން ޖެހޭކަމަށެވެ.
މައިޒާން އަހުމަދު މަނިކު ވިދާޅުވީ މި ކްލަބަކީ ހަމައެކަނި މަސް ބާނާނެ ގޮތްތައް ދަސްކޮށްދިނުމުގެ ބަދަލުގައި މޫސުމާއި، ނެވިގޭޝަން ފަދަ ހުނަރުތައް ދަސްކޮށްދީ އެކަންކަމަށް ފަރިތަވެ އެ ތަމްރީންތައް ކުދިންނަށް ފޯރުކޮށްދޭ ކްލަބެއް ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް މުހައްމަދު އަބްދުލްސަމަދު ވިދާޅުވީ، މި ކުލަބުގެ އެންމެ ރަނގަޅު އެއް ކަމަކީ މިހާރު މަންހަޖުގައި ހިމަނާފައިވާ އެތައް ހުނަރެއް މި ކުލަބުގެ ޒަރިއްޔާއިން ދަރިވަރުންނަށް ދަސްވުން ކަމަށެވެ. އެގޮތުން ނަފްސު ތަރައގީކުރުމާއި، ބިނާކުރަނިވި ވިސްނުމާއި، ޓެކްނޮލޮޖީ އަދި ޒަމާނީ ވަސީލަތްތައް ބޭނުންކުރުން ފަދަކަންކަން ދަރިވަރުންނަށް ދަސްވުމަކީ އެ ކުދިންގެ ކުރިއެރުމާއި، ކުދިންގެ ތަރައްގީއަށް ކުރެވޭ މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.
ޔަންގ ފިޝަރސް ކުލަބު ރާއްޖޭގައި އިފްތިތާހުކުރެވުނު އެންމެ ފުރަތަމަ ސްކޫލަކަށް އިހަވަންދޫ ސްކޫލް ވެފައިވާއިރު، މި ސްކޫލުގައި ފިޝަރސް ކުލަބް އަމާޒުކޮށްފައި ވަނީ ގްރޭޑް 7 އަދި 8 ގައި ކިޔަވާ ދަރިވަރުންނަށެވެ. އެ އެސޯސިއޭޝަނުން ބުނިގޮތުގައި މިގޮތަށް ނިންމީ ދަރިވަރުން ގްރޭޑް 9ން ފެށިގެން ކިޔަވާނެ ސްޓްރީމެއް ހޮވުމުގެ ކުރިން ކެރިއަރ ގައިޑެންސް ފޯރުކޮށްދިނުމުގެ މަގްސަދުގައެވެ.
ގާތްގަނޑަކަށް 50 ދަރިވަރުންނާއެކު އިފްތިތާހު ކުރި މި ކްލަބުގައި ގިނައީ އަންހެން ދަރިވަރުންނެވެ. މި ކްލަބް އިފްތިތާހުކޮށް ކަލްބުގެ މަސައްކަތްތައް ފެށުމުގެ ގޮތުން މިހާރު ވެސް އެ ކުދިންނަށް ހާއްސަ ތަމްރީން ސެޝަންތަކެއް ދަނީ ކުރިއަށެވެ. އެގޮތުން މޫސުމީ ބަދަލުތަކާއި، ރާއްޖޭގެ މޫސުން ލަފާކުރާނެ ގޮތްތަކާއި، މަސްވެރިކަމަށް އެ ހުނަރުތައް ބޭނުންކުރާނެ ގޮތްތައް ދަސްށްދިނުމުގެ ސެޝަންތަކެއް މިހާރުވެސް ކުރިއަށް އެބަގެންދެއެވެ.
މޯލްޑިވްސް ފިޝަމެންސް އެސޯސިއޭޝަނުގެ އިސްނެގުމުގެ މަތިން ހިންގާ މި ޕްރޮގްރާމުގެ މެއިން ސްޕޮންސަރ އަކީ ދިރާގެވެ.