ޚަބަރު

ބިމުގެ ދަތިކަން ކުރިމަތިވެފައިވާ ދިއްދުއަށް އުފާވެރި ޚަބަރެއް


ރާއްޖޭގެ ބައެއް ރަށްރަށުގައި ބިމުގެ ދަތިކަން ކުރިމަތިވެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީވަނީ އެއްކޮށް ހުއްޓިފައެވެ. މިފަދަ ބައެއް ރަށްރަށުގެ ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށާފައެވެ. އަދި އިތުރު ރަށްރަށުގެ ބިން ހިއްކުމުގެ މަސައްކަތް ފެށުމަށްވެސް އަންނަނީ ތައްޔާރުވަމުންނެވެ. މީގެތެރެއިން އެއްރަށަކީ ހއ.ދިއްދޫއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ބޮޑު ތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅުގައި ހއ.ދިއްދޫއަށް ވަޑައިގަތުމުން އެންމެ ބޮޑަށް ފާހަގަކުރެވުނު އެއްކަމަކީ އެރަށުގެ ބިމުގެ ޖާގައިގެ ދަތިކަން ކުރިމަތިވެ އެކަމަށް ރައްޔިތުން އެދިފައިވާ މިންވަރުކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ދިއްދޫއަށް ދިމާވެފައިވާ ބިމުގެ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް އެރަށުގައި ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް މިދައުރުގެ ތެރޭގައި ފެށިގެންދާނެކަމުގެ އުފާވެރި ޚަބަރު ރައީސް ވަނީ އެރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.

ރަށަށް ކުރިމަތިވެފައިވާ ބިމުގެ ޖާގައިގެ ދަތިކަމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ދިއްދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު ވިދާޅުވީ ރަށުގައި އެއްވެސް މަސައްކަތެއް ކުރާނެ ޖާގައެއްވެސް އަދި ރައްޔިތަކަށް ދޫކުރާނެ ބިންކޮޅެއްވެސް މިހާރު ނެތްކަމަށެވެ. އަދި ރަށުގެ ތަރައްޤީއަށް އެއްވެސް ކަމެއް ކުރެވޭނީ ބިން ހިއްކައިގެންކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ.

"އެންމެ ފަހުން އޮތް ބިންކޮޅު ދޫކުރީ މިހާރު އަޅަމުންދާ 75 ރޯހައުސް ޢިމާރާތްކުރުމަށް. އެއަށްފަހު މިހާރު ރަށުގައި ނެތް އެއްވެސް އިތުރުކަމެއްކުރާނެ ޖާގައެއް." ކައުންސިލް ރައީސް ވިދާޅުވިއެވެ.

5000 މީހުންގެ އާބާދީއެއް އޮންނަ ދިއްދުއަށް ކުރިމަތިވެފައިވާ ބޯހިޔަވަހިކަމުގެ ޒަމާންވީ މައްސަލައަށް ޙައްލެއް ގެނައުމަށް މީގެ 10 ވަރަކަށް އަހަރުކުރިން ތަރައްޤީކުރި 250 ފްލެޓުގެ ތެރެއިން 140 ފުލެޓު ދޫކޮށްފައިވަނީ 2018 ވަނަ އަހަރުގައެވެ. ބާކީ 110 ޔުނިޓުވަނީ 2020 ވަނަ އަހަރުގެ ތެރޭގައިވަނީ ޙަވާލުކޮށްފައެވެ.

ކައުންސިލުން ވިދާޅުވީ ރައްޔިތުން ތިބީ އަދިވެސް ބޯހިޔާވަހިކަމަށް ބޭނުންވެފައިކަމަށެވެ. އެގޮތުން އެންމެ ފަހުން ހުޅުވާލި 250 ފުލެޓަށް ކުރިމަތިލުމަށްވެސް 500 އެއްހާ މީހުން ކުރިމަތިލާފައިވާކަމަށް ކައުންސިލުން ވިދާޅުވެއެވެ. މިމައްސަލަ ޙައްލުކުރުމަށް ސަރުކާރުންވަނީ އެރަށުގައި އިތުރު 75 ރޯހައުސް އެޅުމުގެ މަސައްކަތް ފަށާފައެވެ. މިމަޝްރޫޢުގެ ދަށުން 700 އަކަފޫޓުގެ ދެބުރީގެ 75 ރޯހައުސްގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ ވަނީ ހާމަކޮށްފައެވެ.

އެހެންނަމަވެސް ދިއްދޫގައި އޮތް ބޯހިޔަވަހިކަމުގެ މައްސަލައެއް އެދެވޭ ޙައްލެއް ނާންނަކަން ފާހަގަކުރައްވާ އެރަށުގައި ބިން ހިއްކުމުގެ މަސައްކަތް މިދައުރުގެ ތެރޭގައި ފައްޓަވާދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވުމުން ރަށުގެ ރައްޔިތުން ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިގެންކަމަށް ކައުންސިލުން ވިދާޅުވެއެވެ. އަދި އެރަށުގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު އޮތީ ސަރވޭ އެންޑް ޑިޒައިންގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވަކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.