ވިޔަފާރި

ރާއްޖެއަށް ނުވާނެކަމަށް ބުނި ފަތުރުވެރިކަމަށް 50 އަހަރު

އެއީ މީގެ 50 އަހަރު ކުރިއެވެ. އިޓަލީގެ ރައްޔިތެއްކަމަށްވާ ޖޯޖް ކޯބިންއަކީ އެކި ތަންތަނަށް ދަތުރުކުރަން ބޭނުންވާ މީހެކެވެ. އެގޮތުން އޭނާ ބޭނުންވީ ރާއްޖެއަށް ޒިޔާރަތްކުރާށެވެ. ރާއްޖެއަށް އަންނަން ބޭނުންވެ އެހެންނަމަވެސް ރާއްޖެ އަންނާނެ ގޮތެއް ނޭނގިފައި ހުރި ކޯބިން ދިޔައީ ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެންބަސީއަށެވެ. އެތަނުން އޭނާއާ ދިމާވީ މިހާރުގެ ހެލްތް މިނިސްޓަރ އަހްމަދު ނަސީމްއާއެވެ. ވައިގެ މަގުން ރާއްޖެ އާދެވޭނެ ގޮތެއް ނެތުމުގެ ސަބަބުން އޭނާއަށް ރާއްޖެ އަންނަން ޖެހުނީ ކަނޑުބޯޓެއްގައެވެ.

ޖޯޖް ކޯބިން ރާއްޖެ އައުން ވެގެންދިޔައީ ރާއްޖޭގެ ފަތުރުވެރިކަމުގެ ފެށުމަށެވެ. ރާޢްޖޭގެ ފަތުރުވެރިކަން ފެށުނު ގޮތަށް އަލިއަޅުވާލައްވާ ވާހަކަދައްކަވަމުން ފަތުރުވެރިކަން ރާއްޖެއަށް ތައާރަފްކޮށްދެއްވި ބާނީއެއްކަމަށްވާ މުހައްމަދު އުމަރު މަނިކު ވިދާޅުވީ، ކޯބިންއާއި ދިމާވުމުން ރާއްޖެއަކީ ފަތުރުވެރިކަން ކުރިއެރުވިދާނެ ތަނެއްކަން އޭނާއަށް ވިސްނައިދިންކަމަށެވެ. ކޯބިންވެސް ބޭނުންވީ ރާއްޖޭގައި ފަތުރުވެރިކަން ފަށަން ކަމަށާއި އެހިސާބުން އުމަރުމަނިކާއި، އަފީފްއާއި އަދި ނަސީމްއަށްވެސް އިތުރު ހިތްވަރެއް ލިބިގެންދިޔަކަމަށެވެ.

"އެއިރު ދުނިޔޭގައި ފަތުރުވެރިކަން އޮތީ މާބޮޑަށް ފެތުރިފަ އިނގޭތޯ. ސިލޯނުގައި ހުރިހާ ހޮޓާތައް ފުރިފައި. ތައިލޭންޑް ތަންތަން ފުރިފައި. އިންޑޮނޭޝިއާގެ ބާލީއާއި ތަންތަން ފުރިފައި. އަޅުގަނޑުމެންގެ ރާއްޖޭގައި ހަމަ އެއްވެސް ކަމެއްނެތް. އެއްވެސް ދުނިޔޭގެ ބަޔަކު ޝައުގުވެރިކަމެއް ނެގީކީއެއްވެސް ނޫން. އެހެންވީމަ އަޅުގަނޑު ބުނާނީ ނަސީބެކޭ ކޯބިން އައިކަން. އެހެންނޫންނަމަ އަޅުގަނޑުމެން އޮތީހީ ހަމަ މިހެން އިނގޭތޯ. ބޭރުމީހުން ކޮންވިންސް ކުރަން އުޅުނަސް އަޅުގަނޑުމެންނަކަށް އެކަމެއް ނުކުރެވޭ. މާބޮޑު ހިޔާލެއްވެސް އަޅުގަނޑުމެންގެ ތެރެއަކު ނެތް." އެމްޔޫ މަނިކު ވިދާޅުވިއެވެ.

ގުދުރަތީގޮތުން ރާއްޖެ އުފެދިފައިވާ ގޮތުގެ ސަބަބުންނާއި އަދި ރާއްޖޭގައި އެއިރު މާގިނަ ވަސީލަތްތައް ތަރައްޤީވެފައި ނެތުމުގެ ސަބަބުން ފަތުރުވެރިކަމަކީ ރާއްޖޭގައި ފުޅާކުރެވިދާނެ ކަމެއްކަން އެއިރު ގިނަ ބަޔަކު ޤަބޫލެއް ނުކުރެއެވެ. މިހެން މިކަން އޮއްވައި ކޯބިން އެނބުރި ޤައުމަށްގޮސް މުހައްމަދު އުމަރު މަނިކާއި، ހުސައިން އަފީފް އަދި ކެރަފާ ނަސީމްގެ ބެލުމުގެ ދަށުން ރާއްޖެއަށް އެންމެ ފުރަތަމަ ފަތުރުވެރިންގެ ގްރޫޕްއައީ 16 ފެބްރުއަރީ 1972 ގައެވެ. އެމީހުން ރާއްޖޭގައިތިބީ 12 ދުވަހަށެވެ.

މި ފަތުރުވެރިންގެ ގްރޫޕް ރާއްޖެއައީ އިޓަލީގެ މިލާނުން ފުރައިގެން ސްރީލަންކާއަށް އައިސް، ސްރީލަންކާގެ އެއަރ ސިލޯނުގެ ބޯޓެއް ޗާޓަރކޮށްގެންނެވެ. މި ދަތުރުގައ 22 މީހުން ވަނީ ރާއްޖެ އައިސްފައެވެ. އެމީހުން އައިސް ތިބީ މާގިރީ، ލަކްސް ހުޑް އަދި ކަނީރު ވިލާގައެވެ. މި ފަތުރުވެރިންގެ ގްރޫޕް ރާއްޖެ އައިއިރު ކެރަފާ ނަސީމް ހުންނަވަންޖެހުނީ ސަރުކާރުގެ ދަތުރެއްގައި ރާއްޖެއިން ބޭރުގައެވެ. ނަމަވެސް އެއިރު ފަތުރުވެރިންނަށް ޙިދުމަތްދޭން އުޅެންޖެހުނު ހާލަތު ނަސީމް ވަނީ ސިފަކޮށްދެއްވިއެއެވެ.

"އެންމެ ފުރަތަމަ ގްރޫޕް އައިއިރު އަޅުގަނޑު ހުރީ އޮސްޓްރޭލިއާގައި. ދެން އަޅުގަނޑު ފަހުން ހަބަރުބެލިއިރު މިވީގޮތަކީ އަފީފްމެން އެއްގެއިން އަނެއްގެއަށް ގޮސްގެންވެސް މާލެއަކު އުލެއް ހަމައެއް ނުކުރެވުނު. ދެން ތިން ގޭގައި އެމީހުން ބައިތިއްބާފައި މިތިބީ. އެހެންވީމަ އެއްގެއިން ކައިނިމުނީމަ އެ އުލާއި ސަމުސަލާ އެތިކޮޅު ހިފައިގެން އަނެއްގެއަށްގޮސް ކާންދެނީ. ކާންދީ ނިންމާފައި ދެން ދަނީ އަނެއްގެއަށް. އެފަދަ ހާލެއްގައި އަޅުގަނޑުމެން ޓުއަރިޒަމް ފެއްޓީ. އެބޭފުޅުން ކުރެއްވި ހިތްވަރަކީ ލާމަސީލު ނަމޫނާއެއް." ނަސީމް ވިދާޅުވިއެވެ.

ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ފުރަތަމަ ގްރޫޕްގައި އިޓަލީގެ ބައެއް ނޫސްވެރިންވެސް ތިއްބެވެ. އެހެންކަމުން އެ ދަތުރުގައި އެމީހުންނަށް ކުރެވުނު ތަޖުރިބާ އަނބުރާ ޤައުމަށްގޮސް އެމީހުން ވަނީ ނޫސްތަކުގައި ލިޔެފައެވެ. މިއީ އެހެން މީހުންނަށް ރާއްޖެ އެނގެން މެދުވެރިވި އެއް ސަބަބެވެ. އަދި މި ދަތުރަށްފަހު ރާއްޖޭގައި ރިސޯޓެއް ހެދުމުގެ މަޝްވަރާވެސް ވަނީ ކުރެވިފައެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ ރިސޯޓް ހުޅުވުނީ އޮކްޓޯބަރ މަހުގެ 3 ވަނަ ދުވަހުއެވެ. އެއީ މާލެ އަތޮޅުގެ ވިހަމަނާފުށީގައި ހުޅުވި ކުރުނބާ ވިލެޖް ނުވަތަ މިހާރުގެ ނަމުންނަމަ ކުރުނބާ މޯލްޑިވްސްއެވެ. މިތަން ހަދާފައިވަނީ ވަރަށް އާދައިގެ ގޮތަކަށް އުވަޖަހައިގެންނެވެ. ފުރަތަމަ ރިސޯޓާއެކުވެސް ފަތުރުވެރިކަމުގައި ރާއްޖެ ވަނީ ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހިފައެވެ.

ޓީވީއެމްއިން ގެނެސްދިން ރަންއަކުރުން ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޗަންޕާ މުހައްމަދު މޫސާ (އުއްޗު) ވިދާޅުވީ، ފަތުރުވެރިކަން ފެށިގެން އައިއިރު މިކަމުގައި އޭރު އުޅުނު ފަރާތްތަކަށް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހުނު ކަމަށެވެ.

"އަޅުގަނޑު ފިހާރައެއް ނަގައިގެން އެއްޗެހި ވިއްކަމުން އައީ، ކުރުނބާ ހަދައިގެން އަފީފު އެއިރުގައި އުޅުއްވާނެ. ދެން އަފީފު އަޅުގަނޑަށް އަންގާނެ ބައެއް ދުވަސްދުވަހު ޅަފަޅޯކޮޅެއް ފޮނުވާލަ ދީބަލާށޭ. މިފަހަރު ކިޔުކަންބާ އައީ އެންމެ ބާސްކެޓެކޭ. ދެން ކިޔުކަންބާގެ ބަދަލުގައި ޅަފަޅޯ މާލޭގެ ގޭގެއަށް ހިނގައިގެން ގަންނަންޖެހޭނީ. މާރުކޭޓަކު ނުހުންނާނެ. އެކަހަލަ އެއްޗެހި ގަނެ ފޮނުވުމާއި ދެން އެކިއެކި ސަޕްލައި ކަންތައްތައް ކޮށްދީ ހެދިން އަޅުގަނޑު އެއިރު." އުއްޗު ވިދާޅުވިއެވެ.

ހުސައިން އަފީފް ވިދާޅުވީ، ރާއްޖެއަށް ފުރަތަމަ ފަތުރުވެރިންގެ ގްރޫޕް އައިއިރު ރާއްޖޭގައި ސްޕީޑް ބޯޓެއް، ޕްލޭންއެއް، ބޭންކެއް އަދި ފޯނެއްވެސް ނެތްކަމަށެވެ. ނަމަވެސް އެމީހުން ރާއްޖެ އައިސް ކުރެވުނު ތަޖުރިބާއިން ރާއްޖެއަށް ޝައުގުބޮޑުވެ. އިންވެސްޓަރުންގެ މެދުގައި ރާއްޖެއަށް އޮތް އިތުބާރާއި ޔަޤީންކަން އިތުރުވެގެންދިޔަކަމަށެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވުނު ކުރުނބާ މޯލްޑިވްސް ރިސޯޓަކީ 30 ކޮޓަރީގެ ރިސޯޓެކެވެ. އެއީ މުޅި ޖުމްލަ 60 އެނދެވެ. މިއަދު ރާއްޖޭގައި 170 ރިސޯޓާއި، 866 ހޮޓެލް އަދި ގެސްޓްހައުސްގެ އިތުރުން 154 ސަފާރީ އުޅަނދު ދަނީ ރަޖިސްޓްރީކޮށްގެން ފަތުރުވެރިންނަށް ޙިދުމަތް ދެމުންނެވެ. މިއީ މުޅި ޖުމްލަ 59،601 އެނދެވެ.

މިއަދު ރާއްޖެއަކީ ދުނިޔޭގެ ނަން މަޝްހޫރު ގިނަ ބްރޭންޑްތަކެއްގެ ރިސޯޓްތަކެއް އޮޕަރޭޓްކުރަމުން އަންނަ ފަތުރުވެރިކަމުގައި ނަން މަޝްހޫރު ކާމިޔާބު މަންޒިލެކެވެ. ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުންވެސް ވަރަށް މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާކަން ފަތުރުވެރިކަމުގެ ބާނީން ފާހަގަކުރައްވައެވެ.

"ސަރުކާރު ފަރާތުންވެސް ވަރަށް ގިނަ ކަންތައް ކުރެއްވި. އެންމެ ބޮޑު ކަމަކީ އެއަރޕޯޓް ޖެޓް ރަންވޭއަކަށް ބަދަލުވުން. ޖެޓް ރަންވޭއަކަށް ބަދަލުވުމުން ރާއްޖެއިން ބޯޓު ދާންފެށީ ހަމަ ސީދާ ޔޫރަޕްއަށް. އަޅުގަނޑު އަދިވެސް ހަނދާންވޭ ކޮންޑޯ ގެންނަންވެގެން ދެއްކި ވާހަކަ ޖަރުމަނު މީހުންނާއި. އެމީހުން ކޮންވިންސް ކޮށްގެން ހަމަ ސީދާ ފްރެންކްފާރޓް އިން މިތަނަށް އައީ. އައިސް މިތަނުން ދިޔަ ދުވަސް އެއީ އަޅުގަނޑުމެންނަށް ސްރީލަންކާއާއި ވަކިވީ. އެހެންނޫނީ މިއީ އެއްވެފައި އޮންނަ ޑެސްޓިނޭޝަންއެއް. އެހެންނަމަވެސް މިހާރު މޯލްޑިވްސް ވެއްޖިއްޔާ ސެޕަރޭޓް އައިޑެންޓިޓީއެއް. އެދުވަހުން ފެށިގެން އަޅުގަނޑުމެން މިދަނީ ކުރިއަށް" އެމްޔޫ މަނިކު ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަކީ މިއަދު އިތުރު ތައާރަފަކަށް ބޭނުންވާނެ މަންޒިލެއް ނޫނެވެ. "މޯލްޑިވްސް" އޭ ބުނުމުން މިއަދު ރާއްޖެ ނޭންގޭނެ މީހެއް ޤައުމެއް ނޯންނާނެއެވެ. ރާއްޖޭގެ ފަތުރުވެރިކަން މިއަދު މި ހިސާބަށް ދިއުމަށް މެދުވެރިވި އެންމެ މުހިންމު ސަބަބެއްގެ ގޮތުގައި ނަސީމް ވިދާޅުވަނީ ސަރުކާރުން ފަތުރުވެރިކަމުގެ ތެރެއަށް ނުވަދެ މިކަން ކުރަން އަމިއްލަ ފަރާތްތަކުގެ އަތްމައްޗަށް ދޫކޮށްލެއްވުމެވެ.

"ރާއްޖޭގެ ފަތުރުވެރިކަން މިއަދު މިއޮތް ހިސާބަށް އައުމަށް އެންމެ މުހިންމު ބާރަކަށް ވެގެންދިޔައީ ސަރުކާރުން ފަތުރުވެރިކަމުގެ ސިނާއަތުގެ ތެރެއަށް ނުވަނުން. މިކަން ކުރަންތިބި ފަރާތްތަކުގެ އަތްމައްޗަށް ދޫކޮށްލާފައި ވަރަށް ކުޑަ ކަމެއް ކޮށްލެއްވީ އަޅުގަނޑުމެން ބޭނުންވި ކަންތައްތައް އަޅުގަނޑުމެންނަށް ކޮށްދެއްވީ." ނަސީމް ވިދާޅުވިއެވެ.

މިއަދު ދުނިޔޭގައި ރާއްޖެ ނޭންގޭ މީހެއް ރާއްޖެއަށް ނުލިބޭ އެވޯޑެއް ނެތެވެ. ރާއްޖެ ވަނީ ދުނިޔޭގެ އެންމެ މަޤްބޫލު މަންޒިލްގެ ލަޤަބު ވިދިވިދިގެން 2 އަހަރު ހޯދާފައެވެ. ދުނިޔޭގެ އެހެން ޤައުމުތައް މިއަދު ފަތުރުވެރިކަމުގައި މިސާލެއްގެ ގޮތުގައި ބަލާ ޤައުމަކަށް ރާއްޖެ ވެއްޖެއެވެ.

ފަތުރުވެރިކަމަށް 50 އަހަރު މިއަދު ރާއްޖެއިން ފާހަކުރާއިރު ވަރަށް އާދައިގެ ގޮތަކަށް ފަށައިގެން އައި ފަތުރުވެރިކަން މިއަދު ވަނީ ދުނިޔޭގެ އެންމެ އުހަށް ދަތުރުކޮށްފައެވެ. މިއީ މި ދާއިރާގެ ފަރާތްތަކުގެ ބުރަ މަސައްކަތާއި ހިތްވަރާއި އެކު ލިބުނު ކާމިޔާބީއެކެވެ. ވަކިން ޙާއްސަކޮށް ދިމާވި ގޮންޖެހުންތަކާއި އެކުވެސް ހުއްޓާނުލައި ފަތުރުވެރިކަމާއެކު ކުރިއަށްދިއުމުގެ ފޮނި މީރުކަމެވެ.