ޚަބަރު

ސަރުކާރު ދެމެހެއްޓުމަށް އަސްކަރިއްޔާ ސާބިތުކަމާއެކު ދެމިއޮންނާނެ


ޤާނޫނީ ގޮތުން އުފެދިފައިވާ
ސަރުކާރު ދެމެހެއްޓެވުމަށްޓަކައި ދިވެހި އަސްކަރިއްޔާ ސާބިތުކަމާއެކު
ދެމިއޮންނާނެކަމުގެ ޔަޤީންކަން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު
ދެއްވައިފިއެވެ. މިއަދު ކޯސްޓްގާރޑް ބިލްޑިންގައި ނޫސްވެރިންނަށް ވާހަކަފުޅުދައްކަވަމުން،
މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ، ދިވެހި ސިފައިންނަކީ އަބަދުވެސް ޤައުމަށް
ޚިދުމަތްކުރެއްވުމުގައި ވަރަށް ސާބިތުކަމާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ސަލާމަތީ
ބާރެއްކަމަށާއި، އެއްވެސް އިރެއްގައި ޤައުމުގެ ސުލްޙަ މަސަލަސްކަން ގެއްލިގެންދިޔަ
ނުދެއްވާނެކަމަށެވެ. އަދި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ދެމެހެއްޓެވުމަށާއި،
ދިވެހި ދައުލަތާއި، ދައުލަތުގެ ހުރިހާ މިލްކިއްޔާތަކާއި، ޤާނޫނު އަސާސީ
ނެގެހެއްޓުމުގައި ސާބިތުކަމާއެކު ދިވެހި ސިފައިން ތިއްބަވާނެކަމުގެ ޔަޤީންކަން
މިނިސްޓަރ ދެއްވިއެވެ. ކުރިއަށް އޮތްތާނގައިވެސް އެއްވެސް ޙާލަތެއްގައި ޤާނުނީ
ސަރުކާރު ވައްޓާލުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ދިވެހި ސިފައިން ނުއްދާވެ ކަމަށްވެސް
ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.

ޑިފެންސް
މިނިސްޓަރު މިހެން ވިދާޅުވެފައި މިވަނީ، ސައްޙަނޫން ކޯޓު އަމުރެއް ނެރުއްވައިގެން
ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހައްޔަރުކުރަން
އުޅޭކަން ދެއްކުމަށް ބަޔަކު މަސައްކަތްކުރި ދަނޑިވަޅެއްގައެވެ.