ޚަބަރު

އާރްޓީއެލްއަކީ ކުދި ރަށްތައް ގުޅާލަދިން "ބްރިޖް"


ރާއްޖެ އުފެދިފައި އޮތްގޮތާއި، ރާއްޖެ ތަރައްޤީވަމުން އަންނަ ގޮތަށް ބަލާއިރު ރާއްޖޭގެ ކޮންމެ ރަށަކީ ބޮޑެތި ޚިދުމަތްތައް ޤާއިމުވެފައި ހުރި ރަށްތަކެއްނޫނެވެ. މީގެކުރީގެ ބައެއް ސަރުކާރުތަކުން މަސައްކަތްކުރީ ވެރިރަށް މާލެ ސަރަޙައްދު ތަރައްޤީކޮށް، ވަކި ސަރަޙައްދަކަށް އާބާދީ ޖަމާކުރުމަށެވެ. ނަމަވެސް މިއީވެސް ރާއްޖެއަށް އެންމެ އެކަށޭނަ ނިޒާމެއް ނޫނެވެ.

20 އަތޮޅަކަށް ރާއްޖެ ބެހިފައިވާއިރު، މިއިން ކޮންމެ ސަރަޙައްދަކީ މީހުން އާބާދުވެ ވަކި އިދާރީ ދާއިތާރަކެއްގެ ގޮތުގައި ހިންގަމުން އަންނަ ސަރަޙައްދުތަކެވެ. ވަކި ވަކި އަތޮޅަށް ބަލާއިރުވެސް، އަތޮޅުގެ މުހިންމު ގިނަ ޚިދުމަތްތައް ޤާއިމުވެފައިހުރީ އަތޮޅުގެ ބޮޑެތި ރަށްތައް ނުވަތަ އަތޮޅުގެ ވެރިކަން ކުރާ ރަށުގައެވެ. މިއާއެކު ގިނަ ޚިދުމަތްތަކެއް ހޯދުމަށް އަތޮޅުގެ ކުދި ރަށްތަކުން، އެ ރަށްތަކަށް ބަރޯސާވާންޖެހެއެވެ. ސިއްޙީ ފަރުވާއަށާއި ވިޔަފާރީގެ ބޭނުންތަކާއި، އާއްމު ޚިދުމަތްތައް ހޯދުމަށްވެސް ދާންޖެހެނީ، ކަނޑު ދަތުރެއްކޮށް އެ ރަށްތަކަށެވެ.

މިއިން ކޮންމެ ޚިދުމަތަކާއި ރައްޔިތު މީހާ ގުޅުވައިދެނީ ކަނޑުދަތުރަކުންނެވެ. މިއީ ކަނޑުދަތުރުގެ އެކަށޭނަ، ރައްޔިތުންނަށް ބަރޯސާވެވޭ ނިޒާމެއްގެ މުހިންމުކަން ފެނިގެންދާ ހިސާބެވެ.

ސަރުކާރުގެ ޚާއްސަ ޕްލޭނެއްގެ ދަށުން، ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ އެންމެ ބޮޑު ވަޢުދަކަށްވީ އެކަށީގެންވާ ދަތުރުފަތުރުގެ ނިޒާމުން ރާއްޖެ ގުޅާލަދިނުމެވެ. ފަސޭހަކޮށް ބުނާނަމަ، ފަސޭހަކަމާއެކު ޚިދުމަތްތައް ލިބޭނެ ނިޒާމަކުން ރާއްޖެ ގުޅާލުމެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް އާރްޓީއެލްއަކީ މިހާރު އަހަރަމެންނަށް ނުފަރިތަ ނަމަކަށް ނުވާނެއެވެ. ޚާއްސަކޮށް ބޮޑުތިލަދުންމަތީގެ 3 އަތޮޅު، ހއ. ހދ. އަދި ށ އަތޮޅުގެ ރައްޔިތުން މިހާރު މި ޚިދުމަތަށް ފަރިތައެވެ.

"ބަޔަކު ހިތަށް އިހުސާސްވެސް ނުވާނެ މިކަމުގެ ލުއިފަސޭހަކަން. މުޅި ރާއްޖެ މި ޚިދުމަތުން ގުޅާލާއިރު، މިއަށްވުރެ ވަކި ރައްޔިތުންގެ ލޯބި ލިބޭނެ ޚިދުމަތެއް ނޯންނާނެ." ހ.ދ ހަނިމާދުއިން ވާހަކަދެއްކި ރަށުގެ ރައްޔިތަކު މި ޚިދުމަތް ސިފަކުރީ މިގޮތަށެވެ.

އާރްޓީއެލްގެ ޚިދުމަތުގެ އެންމެ ބޮޑު ބޭނުމަކީ، އެންމެ އަތްމަތި ދަތި މީހާއަށްވެސް އަތްފޯރާ އަގުގައި ދަތުރު ކުރެވޭނެ ނިޒާމެއް ހޯދައިދިނުމެވެ. ކުރިން ހާހުން ޚަރަދުކޮށް ޚިދުމަތް ހޯދުމަށް ކުރި ދަތުރުތައް މިހާރު ކުރަނީ ކުޑަ އަގެއްގައެވެ.

"މާބަނޑު މީހަކު ބަލިވެ އިންނަ ހިސާބުން 10-15 ދަތުރުކުރަންޖެހޭ ޑޮކްޓަރަށް ދައްކަން ދާން. 1700 ރުފިޔާ ދަކައިގެން ކޮންމެ ފަހަރަކު ދަތުރުކުރަންޖެހުން، މިއީ ވަރަށް ބޮޑު ތަކުލީފެއް. މިހާރު 160 ރުފިޔާއަށް ދަތުރުކުރެވޭ. ކޮންމެ ދުވަހަކު ދަތުރު އޮވޭ." ހަނިމާދޫގެ ރައްޔިތަކު ކިޔައިދިނެވެ.

ބައެއް ކުދި ރަށްރަށަކީ ދަތުރުކުރެވޭނެ ކަނޑު އުޅަނދުތައްވެސް މަދު ރަށްތަކެވެ. އަނގަމަތީ ކުދި އޮޑިފަހަރާއި ޑިންގީތަކުގައި ތުއްތުކުދިންނާ މުސްކުޅިން ގޮވައިގެން ދަތުރުކުރި މީހުން އުފުލި ތަކުލީފަށް މިއަދު ލުއި ލިބިއްޖެއެވެ.

"ކުރިން އަވީގައި އޮޑިއެއްގައި ދަތުރުކުރަނީ، މިހާރު ގޭގައި ސޯފާއެއްގައި އިންނަކަހަލަ ކަމެއް މިއީ، ހަމަ އޭސީގައި ތިބެނީ، ޓީވީ ފެނޭ. ހަމަ ގޭގެ ސޯފާގައި އިނުން ކަހަލަ." އާރްޓީއެލްގެ ޚިދުމަތާ ގުޅޭގޮތުން ވާހަކަދެއްކި ހދ.ފިނޭގެ ރައްޔިތަކު ފާހަގަކުރިއެވެ.

އާރްޓީއެލްގެ ސަބަބުން ފަހިވެގެންދިޔައީ ހަމައެކަނި ދަތުރުފަތުރުގެ ލުއިފަސޭހައެއް ނޫނެވެ. މިއީ އިޤްތިޞާދީގޮތުންވެސް ރަށްތައް ގުޅާލި ވިއުގައެވެ. އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމާއި މީހުން އިތުރުވެ، ވިޔަފާރީގެ ހަރަކާތްތައްވެސް ވަނީ އިތުރުވެފައެވެ.

"ދިއްދުއަށް އަންނަ މީހުން ވަނީ އިތުރުވެފައި. ދިއްދޫގެ ކެފޭތަކާ ފިހާރަތަކުން ވިޔަފާރިކުރާ މީހުން އިތުރުވެއްޖެ. ޓެކްސީތަކަށް ޑިމާންޑް ބޮޑުވެއްޖެ. ރަށަށް ވަންނަ އާމްދަނީ މިއޮތީ އިތުރުވެފަ." ހދ.ދިއްދޫގެ ރައްޔިތަކު ފާހަގަކުރިއެވެ.

ދަތުރުފަތުރުގެ މި ނިޒާމުގެ ޚިދުމަތް ޤާއިމުކޮށްފައިވަނީ އާއްމުންނަށް އެންމެ ލުއިފަސޭހަވާނެގޮތަށެވެ. ފެރީގެ ޚިދުމަތާއެކު ކޮންމެ ރަށެއްގެ ބަނދަރުގައި ފެރީ ގިމަތަތައްވެސް ވަނީ ހަދާފައެވެ. ދޯންޏަށް އަރަން އަތްވާ، ވާރޭގައި ތިބެން ޖެހުނު ޖެހުންވަނީ ނިމުމަކަށް އައިސްފައެވެ. އާރްޓީއެލްގެ ޚިދުމަތް ބައެއް ރައްޔިތުން ފާހަގަކުރަނީ، ކުދި ރަށްތައް ގުޅާލި ބްރިޖްގެ ގޮތުގައެވެ.

"ކުރިން ތުއްތުކުދިންނާ އުމުރުން ދުވަސްވީ މީހުން ގޮވައިގެން އަވީގައި އެތަށް އިރަކު ތިބެން ޖެހުނު. މިހަރު ވަރަށް ފަސޭހަ. ހިޔަލުގައި ތިބެވޭ. ފާހަނަ އެބަހުރި. ވަރަށް ފަސޭހަ." ފެރީގެ ޚިދުމަތް ހޯދާ ރައްޔިތަކު ފާހަގަކުރިއެވެ.

އާރްޓީއެލް ފެރީގެ ޚިދުމަތުގެ ފުރަތަމަ 3 މަހު، ބައި ލައްކައަށްވުރެ ގިނަ މީހުން އެ ޚިދުމަތް ހޯދިއެވެ. ސަރުކާރުން ނިންމަފައިވަނީ ރާއްޖެ 5 ޒޯނަކަށް ބަހާލުމެވެ. މި ޚިދުމަތް އިތުރު އަތޮޅުތަކުގައި ފެށުމަށް ބޭނުންވާ 65 ފެރީ ބަނުމަށްވެސް މިހާރު ވަނީ ހަވާލުކޮށްފައެވެ.

ހައި ސްޕީޑް ފެރީގެ ޚިދުމަތަކީ ރައްޔިތުންނަށް ފުރިހަމައަށް ބަރޯސާވެވޭ ޚިދުމަތަކަށް ސަރުކާރުން ވަނީ ހަދާފައެވެ. މިއީ ކުދި ރަށްތަށް، އާބާދީ ބޮޑެތި ޚިދުމަތްތައް ހުރި ރަށްތަކާއި ގުޅާލަދިން ފަހި ނިޒާމެކެވެ.