ވިޔަފާރި

އަހަރުގެ މިހާތަނަށް މިފްކޯއިން މަސްވެރިންނަށް 670 މިލިއަން ރުފިޔާ!


މިއަހަރުގެ މިހާތަނަށް މިފްކޯއިން މަސްވެރިންނަށް 670 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ހުރިހައި ހިސާބަކަށްވެސް މިދުވަސްވަރަކީ މަސްވެރިކަން ރަނގަޅު ދުވަސްވަރެކެވެ. ޚާއްސަކޮށް ފާއިތުވި 4 ހަފްތާގައި ދެކުނުގެ މަސްވެރިކަން ވަރަށް ރަނގަޅުކަމަށް މިފްކޯއިން ވިދާޅުވެއެވެ. ގިނަ ދޯނިތަކަކުން ބޮޑެތި ޢަދަދުތަކުން މަސް ހިފައިގެން އަންނަކަމަށް މިފްކޯއިން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާޢީލް ފައުޒީ ވިދާޅުވީ، ސެޕްޓެމްބަރގެ ފުރަތަމަ ހަފްތާއިން ފެށިގެން މަސްކިރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށެވެ. އޭނާ ވިދާޅުވީ މިއަހަރުގެ މިހާތަނަށް 41300 ޓަނުގެ މަސް ގަނެފައިވާކަމަށެވެ. އަދި މަސްވެރިންނަށް 670 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށެވެ. މިދިޔަ އަހަރު މިފްކޯއިން ގަނެފައިވަނީ 58000 ޓަނުގެ މަހެވެ. އަދި މަސްވެރިންނަށް ދީފައިވަނީ 901 މިލިއަން ރުފިޔާކަމަށް ފައުޒީ ވިދާޅުވިއެވެ.

"ސެޕްޓެމްބަރގެ ފުރަތަމަ ހަފްތާއިން ފެށިގެން އަޅުގަނޑުމެންނަށް މަސް ލިބެމުން މިއައީ. އެވްރެޖްކޮށް 600 ޓަނާއި ގާތްކުރާ އަދަދަކަށް އަޅުގަނޑުމެންނަށް މަސް ލިބޭ ދުވާލަކަށް. އެހެންވީމަ މިދިޔަ ބުރާސްފަތި ދުވަހަށް ބަލާކަމަށްވަންޏާ ހުކުރު ދުވަހުގެ ބަޔަކާއި އެއްކޮށް ހުރިހައި މަހެއް ކިރައި އެއީ ގާތްގަނޑަކަށް 860 ވަރަކަށް ޓަނު. އެއީ ޖުމްލަކަށް ބަލާކަމަށްވަންޏާ މިފްކޯގެ އެއްދުވަހެއްގެ ރިކޯޑް އިނގޭތޯ." އިސްމާއިލް ވިދާޅުވިއެވެ.

އިސްމާއިލް ވިދާޅުވީ، މަސައްކަތް ކުރަމުންދަނީ ދޯނިތައް ކިޔުގައި ތިބެންނުޖެހޭނެ ފަދަ ގޮތަކަށް މަސް ކިރުމުގެ އިންތިޒާމް ހަމަޖައްސައިދިނުންކަމަށެވެ. ސަބަބަކީ ކިޔުގައި ގިނައިރު ތިބެންޖެހުމަކީ މަހުގެ ކޮލެޓީއަށް އޭގެ އަސަރުކުރާކަމަކަށްވާތީއެވެ.

މި މޫސުމުގައި މަސް ބާނަނީ ތަންކޮޅެއް ހަވީރު ދުރު ސަރަހައްދުންކަން އޭނާ ފާހަގަކުރެއްވިއެވެ. ހަވީރު މަސްކިރަން އަންނަ ދޯނިތައް ރޭގަނޑު މަސްވެރިކަމަށް ނިކުމެފައި އަނެއްކާވެސް މަސް ބާނައިގެން ދަންވަރު އަންނަކަމަށް އިސްމާއިލް ވިދާޅުވިއެވެ. މިދިޔަ 4 ހަފްތާގައި ދުވާލެއްގެ މައްޗަށް 2 ފަހަރުވެސް ބައެއް ދޯނިތަކުން މަސްކިރާފައިވާކަމަށް އިސްމާއިލް ވިދާޅުވިއެވެ.

"1 ދޯނި މި 4 ހަފްތާގެ ތެރޭގައި އެބަހުރި 230 ޓަނު ކިރާފައި. އެއީ ގާތްގަނޑަކަށް 4 ވަރަކަށް މިލިއަން ރުފިޔާ. އޭގެ ގާތްގަނޑަކަށް 14 ވަރަކަށް ދޯނި އެބަހުރި 200 ޓަނުގެ ރޭންޖްގައި. އޭގެ ފަހަތައް ބަލާއިރު ދޯންޏަކުން އެބަހުރި އެވްރެޖްކޮށް 20 ތަނު، 10 ޓަނު ވެސް. އެހެންވީމަ މަސްވެރިކަން ވަރަށް ރަނގަޅު. މިހާރު އަޅުގަނޑުމެންގެ އެތެރޭގެ ކަންކަން ރަނގަޅު ކުރަމުން މިދަނީ. އިތުރު ވަސީލަތްތައްވެސް އައުމުގެ މަގުމަތީގައި އުޅެނީ. އެހެންވީމަ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިއަށްވުރެ އިތުރަށް މަސް ނެގޭނެ." އިސްމާޢީލް ވިދާޅުވިއެވެ.

އިސްމާއިލް ވިދާޅުވީ، މިހާރު ބާނާ މަސް ސައިޒުން ބޮޑުކަމަށެވެ. އެގޮތުން ގާތްގަނޑަކަށް މަހެއްގައި 7 ކިލޯއާއި 8 ކިލޯ ހުންނަކަމަށެވެ. އެހެންކަމުން މަސްފިނިކުރުމަށް ބްރެއިން ފްރީޒިންގައި ވަގުތު ނަގާކަމަށެވެ. ކުރިން ބްރެއިން ފްރީޒިންގައި ފިނިކުރަން 10 ގަޑިއިރު ނަގާއިރު މިހާރު ފިނިކުރަން12 ގަޑިއިރު ނުވަތަ 13 ގަޑިއިރު ނަގާކަމަށް އިސްމާޢީލް ވިދާޅުވިއެވެ.

މިފްކޯއިން އަންނަނީ ގޮންޖެހުންތަކާއިއެކުވެސް މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރަމުންނެވެ. އަދި މިފްކޯ ތަރައްޤީކޮށް ވަސީލަތްތައް އަޕްގްރޭޑްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.