ޚަބަރު

އާބާދީ ކުޑަ ފިނޭއަށްވެސް ސާފު ފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް


ހދ.ފިނޭއަކީ ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ 18 ރަށުގެ ތެރެއިން ދެވަނައަށް އެންމެ އާބާދީ ކުޑަ ރަށެވެ. ރަށުގައި ރަޖިސްޓްރީކޮށްފައިވާ މީހުންގެ އަބާދީ 600ގައި ހުރި ނަމަވެސް ރަށުގައި ދިރިއުޅޭ އާބާދީއަކީ ގާތްގަނޑަކަށް 300މީހުންނެވެ. މިއީ މުޅި ރާއްޖެއަށް ބަލާއިރުވެސް އާބާދީ އެންމެ މަދުން ދިރިއުޅޭ ރަށްތަކުން ރަށެކެވެ.

އާބާދީ ކިތަންމެ ކުޑަ ނަމަވެސް ފިނޭއަކީ ބިމުގެ ގޮތުން ބޮޑު ރަށެކެވެ. ރަށުގައި 118 ހެކްޓަރު ހުރެއެވެ. ނަމަވެސް ރާއްޖޭ ތަރައްޤީވަމުން އައި މާޒީއަށް ބަލާއިރު، ބިން ބޮޑުނަމަވެސް މިފަދަ ކުދި އާބާދީ ހިމެނޭ ރަށްތަކަކީ މާބޮޑު އަޅާލުމެއް ނެތި ދޫކޮށްލާފައި އޮތް ރަށްތަކެކެވެ. އުފަން ވަޒަން ދޫކޮށް، އެތައް ބަޔަކު ހިޖުރަކުރަން ޖެހުނު ސަބަބަކީވެސް ރަށުގައި، ހިތްހަމަޖެހިލައިގެން އަރާމުގައި އުޅެވޭނެ ގޮތެއް ނެތުމެވެ. އެ ޚިދުމަތްތައް ނެތުމެވެ.

އެހެން ރަށްތަކެކޭ އެއްގޮތަށް ފިނޭގަވެސް ސްކޫލަކާއި ސިއްޙީ މަރުކަޒަކާއި އޮފީސް އެބަހުއްޓެވެ.

ނަމަވެސް ޒަމާން އެއްގޮތަށް އަސާސީ ޚިދުމަތުގެ ގޮތުގައި ރައްޔިތުން ދެކޭ ގޮތް ބަދަލުވެއްޖެއެވެ. ރަށްރަށަށް މިހާރު ބޭނުންވަނީ ރައްކާތެރި ފެނެވެ. ރަށުން ނަޖިސް ބޭރުކުރެވޭނެ ރަނގަޅު ނަރުދަމާ ނިޒާމެކެވެ. ޔަގީންކަން އޮތް ދެމެހެއްޓެނިވި ކަރަންޓުގެ ޚިދުމަތެކެވެ. ޚިދުމަތްތައް ޤާއިމުވެފައި ހުރި ރަށްރަށަށް ހެޔޮ އަގުގައި ދަތުރުކޮށް ޚިދުމަތްތައް ހޯދޭނެ ރަނގަޅު ދަތުރުފަތުރުގެ ނިޒާމެކެވެ. މިއީ މިހާރު މި ބުނާ އެންމެ އަސާސީ ޚިދުމަތްތަކެވެ.

މިއީ ކޮންމެހެން ރަށްރަށަށް ލިބެންޖެހޭ އަސާސީ ޚިދުމަތްތަކުގެ ގޮތުގައި ކަނޑައަޅާ، މި މަގުން ރާއްޖޭގައި މަސައްކަތްތައް ފެށީ މީގެ ހަތަރުވަރަކަށް އަހަރު ކުރިންނެވެ. ރާއްޖޭގެ ކުޑަ، ބޮޑު ރަށަކަށް ނުބަލާ ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދޭނެކަމުގެ ވަޢުދު ވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުއެވެ. މިއަދު މިފެންނަނީ، އެ ތަޞައްވުރު ހަޤީގަތަކަށްވެ އޭގައި ކުލަ ޖެހެމުން އައިސް ޚިދުމަތްތައް ފުރިހަމަވަމުން އަންނަ މަންޒަރެވެ.

ރައްކާތެރި ފެނާއި ނަރުދަމާ ނިޒާމަކަށް ފިނޭގެ ރައްޔިތުން ކުރި އުއްމީދު!

މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ ވަޢުދުގެދަށުން، އާބާދީ ކުޑަ ހދ.ފިނޭގައިވެސް މިއަދު ފެނާއި ނަރުދަމާ ނިޒާމު އަޅާ އެ ޚިދުމަތް ގޭގެއަށް ގުޅާ، މިއަދު އެއޮތީ ޚިދުމަތް ފެށުމަށް ތައްޔާރުވެފައެވެ. ނަޖިސް ޖަންގްޝަންތަކާއި، އޭގެ ތަކުލީފު ރަށުގެ ރައްޔިތުން އެތައް ގޮތަކުން އުފުލާފައިވެއެވެ.

"ދައްތަ މިގޭގަ އުޅެނީ، ފިރިމީހާއާއެކު އެކަނި. މުސްކުޅި ދެ މީހުން ގޭގައި މިތިބީ. ޖަންގްޝަން ބެދި މައްސަލަޖެހޭ ކޮންމެ ފަހަރަކު ޖެހެނީ ބަޔަކު ހޯދައިގެން ލާރިދީގެން އެ މަސައްކަތް ކުރުވަން. މިއީ ވަރަށް ބޮޑު ތަކުލީފެއް." ފީނޭއިން ވާހަކަދެއްކި އުމުރުން ދުވަސްވީ އަންހެނަކު ބުންޏެވެ.

ނަރުދަމާއާއި ރައްކާތެރި ސާފު ފެން ނުލިބުމުގެ ތަކުލީފުގައި ފިނޭގެ ރައްޔިތުން އުޅޭތާ އެތައް ޒަމާނެއް ވެއްޖެއެވެ. ގޭގެ ގޯތި ތެރޭގައި ނަޖިސް ޖަންގްޝަންތައް ހަދައިގެން، އެ ބިމުން ފެން ނަގައިގެން ބޭނުންކުރަން މަޖުބޫރުވެފައި ތިބި ފިނޭގެ ރައްޔިތުން، ފެނާއި ނަރުދަމާގެ އުފާ ލިބޭނެކަމަށް ދުވަހަކުވެސް އުއްމީދެއް ނުކުރެއެވެ.

"މި ރަށަކީ ފެން ފަށަލަ ވަރަށް ތިލަ ރަށެއް. އަދި ވިއްސާރަވެއްޖެނަމަ ޖަންގްޝަން ފުރި ލީކްވެ، ފެން ފަށަލަ ވަރަށް ބޮޑަށް ތަޣައްޔަރުވޭ. އާއްމުކޮށް ގޭގައި ބޭނުންކުރަން ނަގާ ފެނަށް ނަޖިސް ބޭރުވޭ. ނުބައި ވަސް ދުވާ" ރަށުގެ ރައްޔިތުން ފާހަގަކުރެއެވެ.

ފިނޭގެ ފެނާއި ނަރުދަމާގެ މަޝްރޫޢުގެ މަސައްކަތް މިހާރު ވަނީ މުޅިން ނިމިފައެވެ. އަދި ރަށުގައި މިހާރު މީހުން ދިރިއުޅޭ ގެތަކަށް ވިއުގަ ގުޅާ، ޓެސްޓްކުރުމުގެ މަރުހަލާވެސް ވަނީ ނިމިފައެވެ.

"ރަށުގައި ގާތްގަނޑަކަށް 100 ގޭބިސީ އެބަހުރި، އެގެތަކަށް އެހުރީ ނެޓްވޯކް އެޅިފައި. އަޅުގަނޑު އެންމެ އުފާވަނީ، މި ނިޒާމުގެ ތެރެއިން މިހާރުވެސް މިހުރީ، އަލަށް މީހުން އާބާދުވުމަށް ދޫކޮށްފައިވާ ސަރަޙައްދުތަކަށްވެސް ހޮޅި ލައިންތައް އަޅާފަ." ފިނޭ ކައުންސިލްގެ ރައީސް އަދުނާން ވިދާޅުވިއެވެ.

ފިނޭގައި އަޅާފައިވާ އާރްއޯ ޕްލާންޓްގެ ނެޓްވަރކަކީ ބިމު އަޑިން ފެން ނަގައިގެން ފިލްޓަރކޮށް، ފެން ސާފުކޮށްގެން ގެތަކަށް ދޫކުރާ ޒަމާނީ ނިޒާމެކެވެ. އެންމެ ޒަމާނީ މި ޚިދުމަތާއިއެކު، ފިނޭގެ ފެން ފަށަލަ ތަޣައްޔަރުވުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވި ތަކުލީފަށް ހައްލު ލިބި، ސާފު ފެނުގެ ނިޒާމެއްގެ ހިތްހަމަޖެހުން މިވަނީ ލިބިފައެވެ.

އާރްއޯ ޕްލާންޓް މެދުވެރިކޮށް އުފައްދާ ފެނަކީ ބޯންވެސް ރައްކާތެރި ފެނެކެވެ.

ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން ފިނޭގައި ވަނީ ވާރެފެން ރައްކާކުރާ ނިޒާމުވެސް ޤާއިމުކޮށްފައެވެ. ރަށުގެ ކޮންމެ ގެއަކީ ބޯން ފެން ނަގާ ފެން ރައްކާކުރެވޭ ގެއެއް ނޫނެވެ. ވާރޭފެން ރައްކާކުރާ ނިޒާމާއެކު، ހޫނު ދުވަސްވަރު ބޯފެން ނުނެގި، ފެނަށް ޖެހުމުގެ މައްސަލަވެސް ޙައްލުވެގެން ދާނެއެވެ.

އާބާދީ ކުޑަ ފިނޭގެ ރައްޔިތުން މިއަދު ތިބީ އުފަލުންނެވެ. ރަށުގައި މި ނިޒާމު ޤާއިމުވެގެންދިއުން ރަށުގެ ރައްޔިތުން ފާހަގަކުރަނީ އުފަލާއެކުއެވެ.

"މިރަށުގައި ފެނާއި ނަރުދަމާ ޤާއިމުކުރެވިގެން ދިއުމަކީ، އަނެއްހެން ބުނަންޏާ ބޮލަށް އުނބު ވެރޭ ރުކެއް ކަނޑާލުން ކަހަލަ ކަމެއް." މިއީ މިނިޒާމުގެ ލުއިފަސޭހަކަން ރަށުގެ ރައްޔިތަކު ސިފަކޮށްދިން ގޮތެވެ.

ސަރުކާރުގެ ސިޔާސަތަކީ އެއްވެސް ރަށެއް، އެއްވެސް އާބާދީއެއް ދޫނުކޮށްލުމެވެ.

އާޅާނުލާ ދޫކޮށްލާފައި އޮތް އެތައް ރަށެއްގެ ރައްޔިތުންނަށް މިއަދު އުއްމީދު އާވެއްޖެއެވެ. ހަމަޖެހިލައިގެން އެމީހުންގެ އަމިއްލަ ވަޒަނުގައި ދިރިއުޅެވިދާނެކަމުގެ ޔަގީންކަން އެމީހުންނަށް މިއަދު ލިބިއްޖެއެވެ.