ޚަބަރު

މިނީބަސް: މާލޭގައި ވެހިކަލް ކޮންޓްރޯލްކުރުމަށް އެޅި ފުރަތަމަ ފިޔަވަޅު


މާލޭގައި ވެހިކަލް ކޮންޓްރޯލްކުރުމަށް ވަޒީރުންގެ މަޖިލީހަށް ޕްލޭންތަކެއް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަނުން ވިދާޅުވެއްޖެއެވެ.

ވެހިކަލް މަދުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާއިރު، އެމަސައްކަތުގެ ދަށުން ސަރުކާރުން މިހާރުވަނީ މިނީ ބަހުގެ ޚިދުމަތް މާލެއަށް ތަޢާރަފުކޮށްފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޙަމަދު އަބްދުލް ޣަނީ ވިދާޅުވީ މާލޭގައި އެއްގަމު އުޅަނދުތައް ގިނަވެ އެކަމުގެ ޝަކުވާ ބޮޑުވުމާއި ގުޅިގެން ވެހިކަލް ކޮންޓްރޯލްކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށެވެ. އެހެންނަމަވެސް ޢާއްމުންނަށް ދަތުރުފަތުރުގެ އިތުރު މަގެއް ފަހިކޮށް ނުދީ މާލެއަށް ވެހިކަލް އެތެރެކުރުން ހުއްޓުވާލުމަކީ އެއިން ނަތީޖާ ނުނިކުމެ އިތުރު މައްސަލަތަކެއް ކުރިމަތިވެދާނެކަމެއްކަމަށް ޙަމަދު ވިދާޅުވިއެވެ.

ޙަމަދު ވިދާޅުވީ ވެހިކަލް ކޮންޓްރޯލްކުރުމަށްޓަކައި ވަޒީރުންގެ މަޖިލީހަށް އެކަމާއި ގުޅޭ ޕްލޭންތަކާއެކު ކަރުދާހެއް ހުށައެޅުމަށް ތައްޔާރުވަމުންދާކަމަށެވެ. އަދި ކުރިއަށް އޮތްމަހު އެ ކަރުދާސް ވަޒީރުންގެ މަޖިލީހަށް ފޮނުވާ މިކަމުގައި ޢަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށް މަސައްކަތް ކުރަމުންދާކަމަށް ޙަމަދު ވިދާޅުވިއެވެ.

"ލާމަރުކަޒީ ޤާނޫނުން ވަރަށް ބޮޑު ބާރެއް މިކަމުގައި ސިޓީ ކައުންސިލަށް އެބައޮވޭ ދީފައި. އެގޮތުން ސިޓީ ތަކުގެ ތެރޭގައި ދުއްވޭނެ އުޅަނދުގެ ޢަދަދާއި އެއުޅަނދުތައް ބޭނުންކުރެވޭނެ އެންމެ ދިގު މުއްދަތުވެސް ކަނޑައެޅެން ސިޓީކައުންސިލަށް އެބައޮވޭ ބާރު ދީފައި. އެހެންނަމަވެސް މިހާތަނަށް ލޭންޑްގެ މާސްޓަރޕްލޭނެއް ނެތް، ލިމިޓެއް އަދިވެސް ނެތް ކަނޑައެޅިފައެއް." ޙަމަދު ވިދާޅުވިއެވެ.

ޙަމަދު ވިދާޅުވީ ކައުންސިލާއި ގުޅިގެން މިހުރިހާ މަސައްކަތެއްވެސް މިހާރު ކުރަމުންދާކަމަށެވެ. މިނީ ބަހާއެކު މާލޭގައި ވެހިކަލް ކޮންޓްރޯލްކުރުމަށް ފަސޭހަވެގެންދާނެކަމަށާއި، މިހާރުވެސް މަގުމަތިން ބަދަލު ފެންނަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މިނީ ބަހާއެކު ސައިކަލުގައި އުޅޭ ފަރާތްތަކުގެ ނިސްބަތް ދަށްވަމުންދާއިރު ދުވަހުން ދުވަހަށް ބަހުގެ އަޖުމަ ބަލާލުމަށް ބަސްދުއްވާ މީހުންގެ ޢަދަދުވެސް އިތުރުވަމުންދެއެވެ. އެގޮތުން މިހާތަނަށް އައިއިރު މިނީ ބަހުގެ ޚިދުމަތް 120000 ހޯދާފައިވުމުން މީގެ ނަތީޖާ ރަނގަޅުވަމުންދާކަން ހާމަވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ.

މިމަހުގެ 7 ވަނަ ދުވަހު މިނީ ބަހުގެ ޚިދުމަތް ފަށާ ފުރަތަމަ 2 ހަފްތާއަށް ޚިދުމަތް ދެމުން ދިނީ ހިލެއެވެ. އެމްޓީސީސީއިން މިހާރުދަނީ އިތުރު ދެހަފްތާއަށް އެޚިދުމަތް ހިލޭ ދެމުންނެވެ. ސަބަބެއްކަމަށް އެކުންފުނިން ވިދާޅުވީ މިނީ ބަހުގެ ޚިދުމަތް ދިނުމަށް ބޭނުންކުރަމުން އަންނަ އިލެކްޓްރޯނިކް އެޕްލިކޭޝަނަށާއި، ބަސްދަތުރުކުރާ ރޫޓަށް އާއްމުން އަހުލުވެރިކުރުވުމެވެ. މިނީ ބަހުގެ ޚިދުމަތަށް ޢާއްމުންގެ އަތުން ނެގުމަށް ހަމަޖެހިފައިވަނީ 7 ރުފިޔާއެވެ. މިނީ ބަހުގެ ޚިދުމަތަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ބަރޯސާވެވޭ ފަދަ ޚިދުމަތަކަށް ހެދުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.