ޚަބަރު

ދިއްދޫގައި ރޯހައުސްތައް ޢިމާރާތް ކުރަން ތައްޔާރު!


ހއ.ދިއްދޫގައި 75 ރޯހައުސް ޢިމާރާތްކުރުމަށް ތައްޔާރުވެއްޖެއެވެ.

އާބާދީގައި 5000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ދިއްދުއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތް ކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ ޙަވާލުކޮށްފައިވަނީ މިދިޔަ މަހުގެ 10ވަނަ ދުވަހުއެވެ.

ދިއްދޫގައި ރޯހައުސް ޢިމާރާތްކުރުމުގެ މަސައްކަތް ކުރަމުން އަންނަ އެސްޖޭ ކޮންސްޓްރަކްޝަނުން ވިދާޅުވީ އެ މަސައްކަތުގެ ޢަމަލި މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނާއެކު އެޑްވާންސް ޓީމް ހަރަކާތްތެރިވަމުން އަންނަކަމަށެވެ. އަދި ރޯހައުސްތަކުގެ ކުރެހުން ފާސްވުމުން ކަޑަޖަހައި ފައުންޑޭޝަނަށް ކޮނުމުގެ މަސައްކަތް ފަށާނެކަމަށެވެ.

ދިއްދޫ ރޯހައުސްތަކުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ. ސަރުކާރުގެ ޕީ.އެސް.އައި.ޕީ ބަޖެޓްގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢަކީ 120405400.00 (ސަތޭކަ ވިހި މިލިއަން، ހަތަރު ސަތޭކަ ފަސް ހާސް، ހަތަރު ސަތޭކަ) ރުފިޔާގެ މަޝްރޫޢެކެވެ. މި މަސައްކަތް ނިންމުމަށް އެއް އަހަރު ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ.

ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ މި މަޝްރޫޢުގައި ހިމެނެނީ 700 އަކަފޫޓުގެ ދެ ބުރީގެ 75 ރޯހައުސްކަމަށެވެ. އޭގެތެރެއިން ކޮންމެ ޔުނިޓެއްގައި 3 ކޮޓަރިއާއި 3 ފާޚާނާއާއި ސިޓިންގ ރޫމާއި ބަދިގޭގެ އިތުރުން ކާގެއާއި ލޯންޑްރީ އަދި ސްޓޯ ރޫމެއްވެސް ހިމެނޭކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން އިމާރާތުގެ ވަށާފާރާއި ހައުސިންގ ޔުނިޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ޤާއިމް ކުރުމަށްޓަކާ ޔުނިޓްތައް ވަށައިގެން އަލިކުރެވިގެންދާނެއެވެ. އަދި ޕާކެއްގެ އިތުރުން ވެހިކަލް ޕާކު ކުރާނެ ސަރަޙައްދެއްވެސް މި މަޝްރޫޢުގެ ދަށުން ޤާއިމް ކުރެވިގެންދާނެއެވެ.

އާބާދީގައި 5000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ދިއްދޫއަކީ ބޯހިޔާވަހިކަމުގެ މައްސަލަ، ރަށުގެ ރައްޔިތުން ތަހައްމަލުކުރަން ޖެހިފައިވާ ރަށެކެވެ.

މިއީ އާބާދީ ބޮޑުވަމުންދާ ރަށްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ހިމެނޭ މަޝްރޫއެކެވެ. މިގޮތުން ސަރުކަރުން މިހާރުވެސް ވަނީ އެކު ރަށްތަކުގައި ރޯހައުސް އިމާރާތް ކުރުމަށާއި ފްލެޓް އެޅުމަށް ކުންފުނިތަކާ ހަވާލުކޮށްފައެވެ.