ޚަބަރު

ވިނަރެސް ފްލެޓްތައް 2023 ގެ ފުރަތަމަ ކުއާޓަރުގައި ޙަވާލުކުރެވޭނެ : އެޗްޑީސީ


ވިނަރެސް ހައުސިންގ މަޝްރޫޢަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައް ކަނޑައަޅާ، އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފްލެޓްތައް އާއްމުންނާއި ޙަވާލުކުރެވޭނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީން ވިދާޅުވެއްޖެއެވެ.

ވިނަރެސް ހައުސިން މަޝްރޫޢަކީ ސަރުކާރުން އެޗް.ޑީ.ސީއާ ގުޅިގެން ކުރިއަށްގެންދާ މެދުފަންތީގެ ބޯހިޔާވަހިކަމުގެ މަޝްރޫޢެކެވެ. 10 ޓަވަރު ހިމެނޭހެން ތަރައްޤީކޮށްފައިވާ ވިނަރެސް މަޝްރޫޢުގައި 1344 ފްލެޓު ހިމެނެއެވެ. މިއީ މުޅިންވެސް 3 ކޮޓަރީއާއި 3 ފާޚާނާ ހިމެނޭ ފްލެޓްތަކެކެވެ. މި ފެލްޓްތައް ތަރައްޤީކޮށްފައިވަނީ ހުޅުމާލޭ ފޭސް ދޭއްގެ ހިތިގަސްމަގުގައެވެ.

މި މަޝްރޫޢުގެ ދަށުން ފްލެޓްތައް ޑިޒައިންކޮށްފައިވަނީ 4 ކޮންސެޕްޓަކަށެވެ. އެއީ އިނާ ވިއު، އައުޓާ ވިއު، މެރީނާ ވިއު އަދި ސްޓޭންޑާޑް ވިއު އެޕާޓްމެންޓްތަކެވެ. މެރީނާ ވިއު ފްލެޓްތަކުގައި ހިމެނެނީ 172 އެޕާޓްމަންޓެވެ. އައުޓާ ވިއުގައި 372 އެޕާޓްމެންޓް ހިމެނެއެވެ. އިނާ ވިއުގައި ހިމެނެނީ 352 އެޕާޓްމަންޓެވެ. އަދި ސްޓޭންޑާޑް ވިއުގައި 448 އެޕާޓްމެންޓް ހިމެނެއެވެ.

މި ފްލެޓްތައް ގަންނަން ބޭނުންވާ ފަރާތްތަކަށް އެޗް.ޑީ.ސީން އެ ފުރުޞަތު ހުޅުވާލީ މިދިޔަ ޖުލައިމަހުގެ 18 ވަނަ ދުވަހުއެވެ. އަދި މިމަހުގެ 15 ވަނަ ދުވަހަށް މުއްދަތު ހަމަވިއިރު، ޖުމްލަ 1413 ފަރާތަކުން ފްލެޓްތައް ގަތުމަށް ކުރިމަތިލާފައިވާކަމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ. މި ފްލެޓްތަކަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ޝަރުތުހަމަވެފައިވާކަން ކަނޑައަޅާނީ މިނިސްޓްރީ އޮފް ނޭޝެނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިންނެވެ.

އެޗް.ޑީ.ސީން ވިދާޅުވީ، ހައުސިންގ މިނިސްޓްރީން ވިނަރެސް ފްލެޓަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ދިރިއުޅުމުގެ ޙާލަތު ބެލުމަށްފަހު ސްކޯރ ތަރުތީބުން ލިސްޓްކުރާނެކަމަށެވެ.

އެއަށްފަހު އެޗް.ޑީ.ސީން ލިސްޓް އޯޑަރަށް ޔުނިޓް ހިޔާރުކުރުމަށް ހުޅުވާލާނެކަމަށެވެ. އަދި އެޗް.ޑީ.ސީން ފައިނޭޝަން އެލިޖިބިލިޓީގެ އިވެލުއޭޝަން މަސައްކަތް ކުރިއަށްގެންގޮސް، އެލިޖަބަލްވާ ފަރާތްތަކަށް ޔުނިޓް ޙަވާލުކުރެވޭނެކަމަށާއި، ފައިނޭންޝިއަލް އެލިޖިބިލިޓީއިން ޝަރުތު ހަމަނުވާ ފަރާތްތަކުގެ ޔުނިޓްތައް ކެންސަލްކޮށް ވެއިޓްލިސްޓުގައިވާ ފަރާތްތަކަށް ފުރުޞަތު ދެވިގެންދާނެކަމަށެވެ.

ވިނަރެސް ޓަވަރުތަކުގެ މަސައްކަތް ނިންމާ މިދިޔަ ޖޫންމަހުގެ ތެރޭގައި ކޮންޓްރެކްޓަރ ވަނީ ޓަވަރުތައް ސަރުކާރާއި ޙަވާލުކޮށްފައެވެ. އެޗް.ޑީ.ސީން ވިދާޅުވީ، އަންނަ އަހަރުގެ ފުރަތަމަ ކުއާޓާރުގެ ތެރޭގައި މި ފްލެޓްތައް އާއްމުންނާއި ޙަވާލުކުރެވިގެންދާނެކަމަށެވެ.

ވިނަރެސް މަޝްރޫއުގެ ދަށުން އިމާރާތް ކޮށްފައިވާ ކޮންމެ ޓަވަރެއްގައިވެސް ޕާކިންގ، ސެކިއުރިޓީ، ސީ.ސީ.ޓީ.ވީ، ފަޔަރ އެންޑް ސޭފްޓީ، ގާބޭޖް ޝޫޓް ހުންނާނެއެވެ. އަދި ކޮންމެ ޓަވަރެއްގައި ހަތަރު ލިފްޓުގެ ޚިދުމަތް ލިބެންހުންނާނެއެވެ. މިއިން ކޮންމެ ޓަވަރެއްގެވެސް ގްރައުންޑް އަދި ފުރަތަމަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ ވިޔަފާރީގެ ބޭނުމަށް ދޫކުރާ ޖާގައިގެ ގޮތުގައެވެ. އެހެންކަމުން މީހުން ދިރިއުޅޭ އެޕާޓްމަންޓްތައް ހުންނާނީ 2 ވަނަ ފަންގިފިލާއިން ފެށިގެން މައްޗަށެވެ.

މި ސަރަޙައްދުގައި 1 ކޮންވީނިއެންސް ސްޓޯރ، 5 މީޓް/ފިޝް ޝޮޕް، 5 ރީޓެއިލް ފިހާރަ، 1 ޓެއިލަރ ޝޮޕް، 2 ފާމަސީ އަދި 1 ކްލިނިކް އެޅުމަށް އެޗް.ޑީ.ސީން މިހާރުވެސް ވަނީ އިޢުލާންކޮށްފައެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރު ކޮމާޝަލް ޔުނިޓްތައްވެސް ވިނަރެސް ފްލެޓްތައް ހިމެނޭ ސަރަޙައްދުގައި އެޅުމަށް ހަމަޖެހިފައިވާކަމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ.