ދުނިޔޭގެ ވިޔަފާރި

ޔޫކްރެއިނުން ގޮދަން ބަރުކޮށްގެން އދ.ގެ ބޯޓެއް އިތިއޯޕިއާއަށް


އދ.ގެ ވޯރލްޑް ފުޑް ޕްރޮގްރާމްގެ ދަށުން ޔޫކްރެއިނުން 30،000 ޓަނުގެ ގޮދަން ބަރުކޮށްގެން ޗޮރްނޯމްސޯކް ބަނދަރުން އިތިއޯޕިއާއަށް ދިޔުމަށް އދ.ގެ ބޯޓެއް ފުރާފައިވާކަމަށް ޔޫކްރެއިންގެ އިންފްރާސްޓަކްޗަރ މިނިސްޓްރީން ބުނެފިއެވެ.

ޔޫކްރެއިންގެ އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ބުނެފައިވަނީ އދ ގެ ވޯރލްޑް ފުޑް ޕްރޮގްރާމްގެ ދަށުން 90،000 ޓަނުގެ ގޮދަން ބަރުކޮށްގެން ތިން ބޯޓެއް އަންނަނީ އިތިއޯޕިއާ އާއި ޔަމަނަށް ދަތުރުކުރަމުންކަމަށެވެ.

ޔޫކްރެއިން ބުނި ގޮތުގައި އިތުރު 190،000 ޓަނުގެ ގޮދަން އެކްސްޕޯޓްކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ. ޔޫކްރެއިންގެ އިން ގޮދަން ބަރުކޮށްގެން ހޮނިހިރު ދުވަހު ވަނީ އިތުރު 9 ބޯޓެއް ފުރާފައެވެ.

ރަޝިއާ ޔުކްރެއިން ހަނގުރާމަ ފެށުނު ފަހުން ޔުކްރެއިނުން ގޮވާން ބޭރުކުރުން ވަނީ މުޅިންހެން ހުއްޓިފައެވެ. ގޮވާން ބޭރުކުރާ މައިގަނޑު އެއް މަގު ކަމަށްވާ ކަޅު ކަނޑު ވަނީ ހަނގުރާމަ ފެށުނު ފަހުން ބަންދުކޮށްފައެވެ. މިއާއިއެކު ދުނިޔޭގެ ކާބޯތަކެތީގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އަދި އެފްރިކާ އާއި މެދުއިރުމަތީގައި ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެދާނެ ކަމުގެ ބިރުވެސް ވަނީ ބޮޑުވެފައެވެ.

އދ. އާއި ތުރުކީ މެދުވެރިއަކަށް ވެގެން ޖުލައި މަހުގެ 22 ވަނަ ދުވަހު ރަޝިޔާއާއި ޔޫކްރެއިނުން ވަނީ ތުރުކީގެ އިސްތަންބޫލްގައި ޔޫކްރެއިންގެ ގޮވާން އެކްސްޕޯޓް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ގޮވާން ހިފައިގެން ބޯޓުތައް ދަތުރުކުރަމުން މިހާރު އެ ދަނީ މި އެއްބަސްވުމުގެ ދަށުންނެވެ.

ރަޝިއާއި ޔޫކްރެއިނުން ގޮވާން އެކްސްޕޯޓުކުރުމަށް އެއްބަސްވެފައި މިވަނީ އެތައް ދުވަހެއްގެ މަޝްވަރާތަކަށްފަހުގައެވެ. މި އެއްބަސްވުމުގެ ސަބަބުން ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ފައިދާވާނެކަމަށް އދ. ސެކްރެޓަރީ ޖެނެރަލް އެންޓޯނިއާ ގުޓާރޭޝް ވިދާޅުވެއެވެ. މީގެ ސަބަބުން އަގު އުފުލެމުންދާ ކާބޯތަކެތީގެ އަގަށްވެސް ހެޔޮ ބަދަލެއް އަންނާނެކަމަށް އެންޓޯނިއާ ވިދާޅުވިއެވެ.

ދުނިޔޭގެ ކާނާއާއި ބެހޭ ޕްރޮގްރާމް ނުވަތަ ވޯލްޑް ފުޑް ޕްރޮގްރާމް، ޑަބްލިޔު.އެފް.ޕީ އިން ހާމަކޮށްފައިވާގޮތުގައި ރަޝިއާޔުކްރެއިން ހަނގުރާމައިގެ ސަބަބުން ގާތްގަޑަކަށް 47 މިލިއަން މީހުން މިހާރުވެސް ވަނީ ފަގީރުކަމަށް ހުށަހެޅިފައެވެ.