ޚަބަރު

ފްލެޓާއި ގޯއްޗަށް އެދި 19000އަށްވުރެ ގިނަ ފޯމު، ހޯމަ ދުވަހަށް ސުންގަޑި ހަމަވާނެ


މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި މިހާތަނަށް 19000އަށްވުރެ ގިނަ ފޯމު ގެދޮރުވެރިން ޕޯޓަލަށް ހުށަހަޅާފައިވާކަމަށް މިނިސްޓްރީ އޮފް ނޭޝެނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، މާލޭ ރައްޔިތުންނަށް ޚާއްސަކޮށްގެން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލުމަށް ސަރުކާރުން ހުޅުވާލާފައިވަނީ މިދިޔަ ޖޫންމަހުގެ 26ވަނަ ދުވަހުއެވެ.

"ގެދޮރުވެރިން" މި ނަމުގައި ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމުގެ ތެރެއިން މާލޭ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދޫކުރަން ހަމަޖެހިފައިވަނީ ސަރުކާރުގެ "ބިންވެރިޔާ ސްކީމް" އާއި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލެއާއި ގުޅީފަޅުންނެވެ.

މި ޕްރޮގްރާމްގެ ދަށުން ހުޅުވާލާފައިވަނީ 4000 ފްލެޓާއި، 3000 ގޯއްޗަށް ކުރިމަތިލުމަށެވެ. މީގެ ތެރެއިން 1000 ގޯއްޗާއި، 4000 ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއިންނެވެ. އަދި ބާކީ 2000 ގޯތި ދޫކުރުމަށް ނިންމާފައިވަނީ ގުޅީފަޅުންނެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް ނޭޝެނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ މުޙައްމަދު އާރިފް ވިދާޅުވީ، މި ޕްރޮގްރާމަށް އާއްމުންގެ ތަރުޚީބު ބޮޑުކަމަށެވެ. ކުރީ ސަރުކާރުތަކުން ހިންގި ހައުސިންގ ސްކީމްތަކާ ޚިލާފަށް، މި ޕްރޮގްރާމަށް ކުރިމަތިލުމަށް އޮންލައިންކޮށް ހުޅުވާލުމާއެކު، އެޕްލިކޭޝަން ޕްރޮސެސް ވަރަށް ބޮޑަށް ފަސޭހަވެފައިވާކަން ރައްޔިތުން ފާހަގަކުރާކަމަށް އާރިފް ވިދާޅުވިއެވެ.

އާރިފް ވިދާޅުވީ، މިހާތަނަށް މި 2 ސްކީމަށް 19،000އަށްވުރެ ގިނަ އެޕްލިކޭޝަން ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް ހުށަހަޅާފައިވާކަމަށެވެ. މީގެ ތެރެއިންވެސް އެންމެ ޑިމާންޑު ބޮޑީ ބިންވެރިޔާ ސްކީމަށްކަން އޭނާ ފާހަގަކުރެއްވިއެވެ.

"މިވަގުތާ ހިސާބަށް ދެ ސްކީމަށް ހުށަހަޅުއްވާފައި އެބައިން 19،400 ބޭފުޅުން. ވަރަށް ފަސޭހައިން އެޕްލައި ކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ޕޯޓަލެއް މި ޕޯޓަލަކީ. ނަމަވެސް ބައެއް ބޭފުޅުންނަށް އޮޅުން އަރާކަމެއް އެބައޮތް. ޕޯޓަލަށް ވަނީމަ އިންނާނެ ޑްރާފްޓް ފޯމެއް. އެގޮތުން 11،026 މިހާރުވެސް އެބަތިބި ޑްރާފްޓް ފޯމުގައި. މިހާރު ސުންގަޑިވެސް ކައިރިވަމުންދާތީއާއެކީ ޑްރާފްޓުގައި ހުރި ފޯމުތައްވެސް އަވަހަށް ސަބްމިޓްކުރުމަށް އެދެން" އާރިފް ވިދާޅުވިއެވެ.

މި ޕްރޮގްރާމުގެ ދަށުން ގޯތި ދޫކުރަން ކަނޑައަޅާފައިވާ ބިމުގެ ޖުމްލަ ބޮޑުމިނަކީ 3750000 (ތިން މިލިޔަން ހަތް ލައްކަ ފަންސާސް ހާސް) އަކަފޫޓެވެ. ގޯތީގެ އަދަދު ކަނޑައެޅޭނީ ގޯތި ލިބުމަށް ހޮވޭ ވަކިވަކި އެޕްލިކޭޝަންތަކަށް ދޫކުރާނެ ގޯތީގެ ބޮޑުމިން ކަނޑައެޅުމުން ކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ.

އެޕްލިކޭޝަނަކަށް ލިބޭނެ ގޯތީގެ އެންމެ ކުޑަ ސައިޒަކީ 1،250 އަކަފޫޓެވެ. ޖޮއިންޓް އެޕްލިކޭޝަނެއްނަމަ، އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓު އިތުރުކުރެވޭނެއެވެ. އަދި 7 މީހުންނަށްވުރެ ގިނަ މީހުން އެއްކޮށް ބައިވެރިވާނަމަ ޖުމްލަ 4،000 އަކަފޫޓުގެ ގޯއްޗެއް ލިބިގެންދާނެއެވެ.

މި 2 ސްކީމަށް ޝަރުތު ހަމަވިނަމަވެސް، ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނީ އެ ފަރާތަކުން އިޚްތިޔާރުކުރާ ކޮންމެވެސް އެއް ސްކީމަކަށެވެ. ގޯއްޗާއި ފްލެޓަށް ޝަރުތު ހަމަވާ ފަރާތްތަކުން އެކަމަށް އެދި "ގެދޮރުވެރިން ޕޯޓަލް" (https://gedhoruverin.gov.mv) މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލި 3 މަސް ދުވަހުގެ މުއްދަތު މިމަހުގެ 26އަށް ހަމަވާނެއެވެ.