ކުޅިވަރު

މުއީނާއާއި ޖުމާނާވެސް ކްއާޓަރ ފައިނަލުން ޖާގަ ހޯފައިފި


އިންޑީޔާގައި މިހާރު ކުރިއަށްދާ 12ވަނަ ސައުތް އޭޝިއަން ގޭމްސްގެ ޓީޓީ އަންހެން ސިންގަލްސް ކުއާޓާރ ފައިނަލުން މުއީނާ މުޙައްމަދާއި ފާތިމަތު ޖުމާނާ ނިމާލް ޖާގަ ހޯދައިފިއެވެ. އިންޑިޔާގެ ޝިލޮންގގައި މިއަދު ކުރިއަށްދިޔަ ޓޭބަލް ޓެނިސް އިވެންޓްގެ އަންހެން ސިންގަލްސް ގަދަ އަށަކުން މި ދެ ކުޅުންތެރިން ޖާގަ ހޯދީ ގްރޫޕް ސްޓޭޖްގެ މެޗުތަކަށްފަހުގައެވެ. އަންހެން ސިންގަލްސް ގްރޫޕް އެކެއްގައި ރާއްޖޭގެ މުއީނާ މުޙައްމަދު ވަނީ ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗް ކާމިޔާބުކޮށްފައެވެ. މުއީނާ ބަލިވެފައިވަނީ އިންޑިޔާގެ ދެވަނަ ރޭންކް މަނިކާ ބްތްރާއާއި ވާދަކޮށް ސީދާ ތިން ސެޓުންނެވެ. ގްރޫޕްގައި މުއީނާ ކުޅުނު ދެވަނަ މެޗުގައި އޭނާ ނިކުތީ އަފްޣާނިސްތާންގެ ސާޒިއާ އަލީޤީއާއި ދެކޮޅަށެވެ. މި މެޗް ފަސޭހަކަމާއިއެކު މުޢީނާވަނީ ކާމިޔާބުކޮށްފައެވެ. ކުއާޓާރ ފައިނަލްގައި މުއީނާ ވާދަކުރަންޖެހޭނީ އިންޑިޔާގެ އެއްވަނަ ރޭންކް މޫމާ ދާސްއާއެވެ.އަންހެން ސިންގަލްސްގެ ކުއާޓާރ ފައިނަލުން ފާތިމާތު ޖުމާނާ ނިމާލް ޖާގަ ހޯދީ ގްރޫޕް ތިނެއްގެ ދެވަނަ ކުޅުންތެރިޔާގެ ގޮތުގައެވެ. ގްރޫޕްގައި ޖުމާނާ ތިން މެޗު ކުޅުނު އިރު ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ ސްރީލަންކާގެ އިޝާރާ މަދުރަންގީ އަތުންނެވެ. އެހެންނަމަވެސް މި މެޗުގައި ޖުމާނާވަނީ މޮޅު ކުޅުމެއްދައްކާފައެވެ. މި މެޗުން އިޝާރާ މޮޅުވެފައިވަނީ ތިން ސެޓު ދެ ސެޓުންނެވެ. ގްރޫޕްގައި ޖުމާނާ ކުޅުނު އަނެއް ދެ މެޗުގައި ބަނގްލަދޭޝްގެ މޯމިތާ އާލަމް އަދި އަފްޣާނިސްތާންގެ ސުސަން ހައިދާރީއާއި ވާދަކޮށް ޖުމާނާ މެޗްތައް ކާމިޔާބުކުރީ ސީދާ ތިން ގޭމުންނެވެ. ކުއާޓާރ ފައިނަލްގައި ޖުމާނާ ވާދަކުރަން ޖެހޭނީ ރޮވިނީ ކަނަންގުރާއާއެވެ.ކުއާޓަރ ފައިނަލް މެޗުގެ ކުރިން ޖުމާނާ އަދި މުއީނާ ބުނީ އުއްމީދަކީ ކުއާޓާރ ފައިނަލް މެޗް ކާމިޔާބުކޮށް ސެމީ ފައިނަލުން ޖާގަ ހޯދުންކަމަށާއި، މެޑަލްއަކާއިއެކު މުބާރާތް ނިންމާލަން ވަރަށް ބޮޑަށް މަސައްކަތްކުރާނެކަމަށެވެ."ޓާގެޓަކީ ހަމަ ކުއާޓާރ ފައިނަލް މެޗްވެސް ކާމިޔާބުކުރުން، މިއަދު ސިންގަލްސް އިވެންޓްގައި ދެއްކި ކުޅުމާއިމެދު ހިތްހަމަ ޖެހޭ" ޖުމާނާ ބުންޏެވެ. "ގަދަ އަށަކުން މިހާރު ޖާގަ ލިބިއްޖެ، މިހާރު އުއްމީދަކީ ކުއާޓަރ ފައިނަލް މެޗްވެސް ކާމިޔާބުކުރުން، މެޑަލްއެއް ލިބޭތޯ ވަރަށް މަސައްކަތްކުރާނަން" މުއީނާ ބުންޏެވެ. ފިރިހެން ސިންގަލްސްގައި ދިވެހި ޓީމްގެ ދެ ކުޅުންތެރިންކަމަށްވާ މޫސާ މުންސިފް އަދި ޒީސްތް ނަސީމް ވަނީ ގްރޫޕް ސްޓޭޖުން ކަޓާފައެވެ.