ދުނިޔޭގެ އިޤްތިޞާދަށް އަންނަ ލޮޅުންތަކުގެ އަސަރު ރާއްޖެއަށްވެސް ކުރާނެކަމަށާއި، ނަމަވެސް ރާއްޖޭގެ އިޤްތިޞާދީ ހާލަތު މިވަގުތު އޮތީ ރަނގަޅު ހާލަތެއްގައިކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު، އައިއެމްއެފްއިން ވިދާޅުވެއްޖެއެވެ.
އައިއެމްއެފްއިން މިހެން ބުނީ އެޖަމާޢަތުގެ ވަފުދެއް ރާއްޖެއަށް މިހާރު ކުރަމުންދާ ދަތުރުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމެޓީއާއި މާލީއްޔަތު ކޮމެޓީއާއެކު ބޭއްވި ބައްދަލުވުމުގައެވެ.
މަޖިލީހުގެ މެންބަރުންނަށް ރާއްޖޭގެ އިޤްތިޞާދާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އައިއެމްއެފް ވަފުދުގެ ވެރިޔަކަށް ހުންނެވި ޓިޑިއަން ކިންޑާ ވިދާޅުވީ މިއަހަރު ރާއްޖޭގެ އިޤްތިޞާދު ކުރިއަރާނެ ކަމަށާއި އަދި އިޤްތިޞާދީ ހާލަތުވެސް ރަނގަޅުކަމަށެވެ.
ނަމަވެސް ދުނިޔޭގެ އިޤްތިޞާދަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ އަސަރު ރާއްޖެއަށްވެސް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ތަކެތީގެ އަގު ދުނިޔޭގެ ބާޒާރުގައި އުފުލެމުންދާއިރު، ރާއްޖެއިން ޙަރަދުތައް ހިފަހައްޓާފައިވަނީ ސަރުކާރުން ދީފައިވާ ސަބްސިޑީސްތަކާއެކުކަމަށް ވިދާޅުވިއެވެ. މީގެ ސަބަބުން ދުނިޔޭގެ އެހެން ޤައުމުތަކުގެ އިންފްލޭޝަން މައްޗަށް ދިޔައިރު ރާއްޖޭގެ އިންފްލޭޝަން %3 އަށް ވުރެ ދަށުގައި ހިފެހެއްޓިފައިވާކަން އައިއެމްއެފްގެ ވަފްދުން ފާހަގަކުރިއެވެ. ނަމަވެސް މިއީ ކުރިމަގަށް ބަލާ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ދުނިޔޭގެ ބާޒާރުގައި އަގު އުފުލޭނެ ކަމަށާއި މިކަމަށް ހައްލެއް ގެނައުމަށް ޙަރަދުތައް ކުޑަ ކުރުމާއި އާމްދަނީ އިތުރު ކުރުމަށް ފިޔަވަޅުތަކެއް އަޅަން ޖެހޭކަން އައިއެމްއެފްގެ ވަފްދުގެ ވެރިޔާ ފާހަގަކުރެއްވިއެވެ.
އެހެންކަމުން ސަރުކާރުން ޖީއެސްޓީ އަދި ޓީ ޖީއެސްޓީ ބޮޑު ކުރުމަށް ނިންމާފައިވާ ނިންމުމަށް ތާއީދު ކުރާ ކަމަށް އައިއެމްއެފްއިން ވަނީ ހާމަކޮށްފައެވެ. މިއާއެކުވެސް ކުރިއަށް އޮތް ދުވަސްތަކުގައި އިތުރުވާނެ އިންފްލޭޝަނަށް ބަލައި، ސަބްސިޑީސް އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ޓާގެޓް ކުރުން މުހިންމުކަމަށް އައިއެމްފްއިން ވިދާޅުވެއެވެ.
މީގެއިތުރުން ރާއްޖޭގެ އިޤްތިޞާދީ ހާލަތު ދެމިއޮތީ ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތަކުގެ ސަބަބުންކަމަށް ކިންޑާ ވިދާޅުވިއެވެ. އެގޮތުން ޔޫރަޕްއަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ %50 ހިއްސާ ކުރާ ސަރަހައްދަކަށްވާއިރު ޔޫކްރެއިން ހަނގުރާމައިގެ ތެރެއިންވެސް ރާއްޖެއިން ފަސޭހަކަމާއެކު ސޯސް މާކެޓް ބަދަލު ކުރިކަން އޭނާ ފާހަގަކުރިއެވެ. އެހެން ކަމުން މިއަހަރު ރާއްޖޭގެ ޖީޑީޕީ ކުރިއަރާ މިންވަރު %9 އިންސައްތަ އާއި %10 އިންސައްތައަށް އަރާނެކަމަށް އޭނާ ވަނީ ލަފާކޮށްފައެވެ.
ކިންޑާ ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސޯސް މާކެޓުތައް ފަސޭހައިން ބަދަލު ކުރިނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި ޔޫކްރެއިން ހަނގުރާމަ އަދި ޔޫރަޕުގެ ޤައުމުތަކަށް ކުރިމަތިވެފައިވާ ހަކަތައިގެ ދަތިކަމުގެ ސަބަބުން އެޤައުމުތަކުގެ އިޤްތިޞާދު ދަށްވެ، އެ ޤައުމުތަކުން އަންނަ ފަތުރުވެރިން މަދުވުން އެކަށީގެންވާ ކަމަށެވެ. މިއާއެކު ފަތުރުވެރިކަމަށް އަސަރު ކުރުމުގެ ފުރުސަތު އަދިވެސް އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.
މިއާއެކުވެސް ރާއްޖެއިން ފަތުރުވެރިކަމުގައި ގެންގުޅެފައިވާ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ޕެންޑެމިކްގެ ކުރީގެ އަދަދުތަކާއި އަޅާ ކިޔާނަމަ %95 އިޔާދަކޮށްފައިވާ ކަމަށާއި، މިއީ މި ސިނާޢަތުގައި ދުނިޔޭގެ އެހެން ޤައުމުތަކުން ނުހޯދޭ ކުރިއެރުމެއްކަން އައިއެމްއެފްއިން ފާހަގަކުރެއެވެ.
ކުރިއަށްއޮތް ދުވަސްތަކުގައި ދުނިޔޭގެ އިޤްތިޞާދީ ހާލަތަށް އިތުރު ލޮޅުންތަކެއް އަރާނެ ކަމަށް އައެމްއެފްއިން ލާފާކުރުމާއެކު އެފަރާތުން ވަނީ ކުރިއަށް އޮތީ ދަތި ދުވަސްތަކެއްކަން ފާހަގަކޮށް، ރާއްޖޭގެ ދަރަންޏާއި ބަޖެޓް ޑެފިސިޓް ބޮޑުވަމުން އަންނަމުންދާ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. މީގެ އިތުރުން ސަރުކާރު ކުންފުނިތަކުގެ ޙަރަދުތައް ބޮޑުކަން ފާހަގަކޮށް، ބައެއް ކަންކަމަށް ޕްރައިވެޓް ސެކްޓަރއަށް ޖާގަދޭ މިންވަރު އިތުރުކުރަން ޖެހޭކަމަށް އައިއެމްއެފްއިން ލަފާދެއެވެ.
އައިއެމްއެފްގެ ވަފްދުން ރާއްޖެއަށް ކުރަމުންދާ މި ޒިޔާރަތަކީ އައިއެމްއެފްގެ މެންބަރު ޤައުމުތަކުގެ އިޤްތިޞާދީ ހާލަތު ދެނެގަތުމަށް އެ ޖަމާޢަތުން ކުރާ މަސައްކަތުގެ ތެރެއިން މިމަހުގެ 12 އިން 26 އަށް ކުރާ ޒިޔާރަތެކެވެ. މަޖިލީހުގެ ދެ ކޮމެޓީއާއެކު އެއްކޮށް ބޭއްވި ބައްދަލުވުމުގައި ކޮމެޓީ މެންބަރުންގެ ފަރާތުން އިޤްތިޞާދާއި މެދު ހުރި ކަންބޮޑުވުންތައްވެސް އައިއެމްއެފްއިން ވަނީ އޮޅުން ފިލުވާފައެވެ.