ޚަބަރު

ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި މިފަހަރު އުތީމުގައި


މިއަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ ހއ. އުތީމުގައިކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ.

ޤައުމީ ދުވަސް ރާއްޖޭގައި ފާހަގަކުރަމުންދަނީ ކޮންމެ އަހަރެއްގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހުއެވެ. މިއަހަރު އެ ދުވަސް ދިމާވަނީ މިމަހުގެ 26 ވަނަ ދުވަހާއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ މި އަހަރު ޤައުމީ ދުވަސް ފާހަގަކުރުމުގެ ރަސްމީ ޖަލްސާ އުތީމުގައި ބާއްވަން ނިންމާފައިވާކަމަށެވެ. ނަމަވެސް، ގައުމީ އިނާމު ދިނުމަށް އޮކްޓޯބަރުމަހު މާލޭގައި ޖަލްސާއެއް ބާއްވާނެކަމަށްވެސް މިއުވާން ވިދާޅުވިއެވެ،

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ ހއ. އުތީމުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު ގައުމީ ދުވަސް ނިސްބަތްވާ، ބޮޑު ތަކުރުފާނު ނުވަތަ އައްސުލްތާނު މުހައްމަދު ތަކުރުފާނުލް އަޢުޒަމްއަކީ އުތީމު ބޭފުޅެކެވެ.

ޤައުމީ ދުވަހެއް ރާއްޖޭގައި ފުރަތަމަ ފާހަގަކުރީ ހިޖުރީގޮތުން 1365 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހުއެވެ. އެއީ 4 ފެބްރުއަރީ 1946 ގައެވެ.